06 ޑިސެމްބަރ 2016 - 12:48

ރާއްޖޭގައި ބާއްވަން ފުރުސަތު ލިބިފައިވާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބޭއްވުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ މާޗު މަހު މި މުބާރާތް ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނީ މުހައްމަދު ރިޔާޒްގެ ދައުރުގައި މި އަހަރުގެ ކުރީކޮޅު ރާއްޖޭގައި ބޭއްވި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) ގެ ބައްދަލުވުމުގަ އެވެ.
ލަތީފް ވިދާޅުވީ އެ މުބާރާތް ރާއްޖޭގައި ބާއްވަން ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އަދި ކަންކަން ހަމަޖެއްސުމާ ގުޅޭގޮތުން އޭވީސީއާ ވާހަކަދައްކަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވޭ އެ މުބާރާތް ރާއްޖޭގައި ބާއްވަން. އެކަމުގެ ތައްޔާރީތައް ވަމުން މި އަންނަނީ. އަޅުގަނޑުމެން މިވަގުތު މިދަނީ އެކަމުގެ ކޮމިއުނިކޭޝަންތައް ކުރަމުން. އެކަމަކު އަދި ހުރިހާ ކަމެއް މުޅިން ފައިނަލެއް ނުވޭ،" ލަތީފް ވިދާޅުވި އެވެ.
ލަތީފް ވަނީ ސައުތު އޭޝިއަން ވިމެންސް ވޮލީބޯޅަ މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް ކުރިން ވިދާޅުވެފަ އެވެ. މި މުބާރާތް ބާއްވަން ކުރިން ނިންމާފައި އޮތީ ބަންގްލަދޭޝްގަ އެވެ. އެކަމަކު އެ ގައުމަށް ބޭއްވެން ނެތުމުން އެހެން ގައުމުތަކަށް ވަނީ އެ ފުރުސަތު ހުޅުވާލަފަ އެވެ. މުބާރާތް ބާއްވަން މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ރާއްޖެ އާއި ނޭޕާލުގެ އިތުރުން އިންޑިއާ އިންނެވެ.
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތްކުރަމުން އަންނައިރު ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު އަންނަނީ މިމަހު ފަހުކޮޅު ބަންގްލަދޭޝްގައި ބާއްވާ މުބާރާތަށް ތައްޔާރުވަމުންނެވެ. ރާއްޖޭގެ ކޯޗު ސްރީ ލަންކާގެ ސިސިރާ ކުމާރު ބުނީ އޭނާގެ ޓާގެޓަކީ އަންނަ އަހަރު ރާއްޖޭގައި ބާއްވާ މުބާރާތް ކާމިޔާބުކުރުން ކަމަށެވެ.
އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރަނީ ކިރްގިސްތާން، އުޒްބެކިސްތާން، ތުރުކުމެނިސްތާން، ނޭޕާލް، އަފްގާނިސްތާން އަދި ބަންގްލަދޭޝް އެވެ. ރާއްޖޭން ވަނީ މި މުބާރާތުގެ ދެ ވަނަ މަގާމް 2014 ވަނަ އަހަރު ހޯދައިފަ އެވެ.