24 އޮކްޓޯބަރ 2021 - 14:48

ރޭ އައިޖީއެމްއެޗުގައި ތިން މަހުގެ ތުއްތު ކުއްޖާ ނިއާވުމުގައި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިހުމާލު އޮތްތޯ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރޭގެ ވަގުތެއްގައި ކުއްޖާ ނިއާވީ އިމަޖަންސީގައި އައްޑޫން މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާ ދެނިކޮށެވެ.
ކުއްޖާގެ އާއިލާއިން ބުނާ ގޮތުގައި އެކުއްޖާއަކީ ހާޓް ބީޓް ދަށްވުމުގެ ސަބަބުން މަންމަގެ ބަނޑަށް އަށް މަހުގައި ސިޒޭރިއަން ހަދައިގެން ނެގި ކުއްޖެކެވެ. އެކަމަކު ތިން މަސްވި ތަނާހެން ކުއްޖާ ގާތުން ބުއިން ހުއްޓާލުމުން މިދިޔަ އަންގާރަ ދުވަހު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް މެންދުރެއްހާއިރު ދިޔަ ނަމަވެސް އެއްވެސް ފަރުވާއެއް ނުދީ ރޭގަނޑުވި އިރު ވެސް ބޭއްވި އެވެ.
އާއިލާ އިން ބުނަނީ ރޭގަނޑު ކުއްޖާގެ ހާލަތު އިތުރަށް ގޯސްވުމާ އެކު އައިސީޔޫއަށް ލާންޖެހުނު ކަމަށެވެ. އެންމެ ފަހުން، ޖެހިގެން އައި ދުވަހު ކުއްޖާ މާލެ ގެނައީ އެވެ. އައިޖީއެމްއެޗުގެ އިމަޖެންސީގައި އޮއްވައި ވެސް ދެ ފަހަރަކު ކުއްޖާ އަށް ސީޕީއާރް ދޭން ޖެހުނުއިރު ކުއްޖާ ނިއާވީ އޭގެ ފަހުން އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
އާއިލާއިން ތުހުމަތުކުރާ ގޮތުގައި ކުއްޖާގެ މައްސަލައެއް ހުންނަކަމަށް ގަބޫލުކުރެވި އައްޑޫގައި ހުންނަ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަށް އައީ ދައްކަމުންނެވެ. އެކަމަކު އެ ޑޮކްޓަރު ބުނަމުން އައީ ކުއްޖާގެ މައްސަލައެއް ނެތް ކަމަށާއި އެއީ ދުވަސް ނުފުރާ ވިހެއުމުން ދިމާވާ ގޮތްތަކެއް ކަމަށެވެ.
އެކަމަކު އާއިލާއިން ބުނި ގޮތުގައި ކުއްޖާގެ ސިއްހީ މައްސަލައެއް ނެތް ކަމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުންޏަސް، އެ ހޮސްޕިޓަލުން ހަދާފައި ހުރި ޓެސްޓުތައް އައިޖީއެމްއެޗަށް ދެއްކުމުން ކުއްޖާގެ ހިތުގެ މައްސަލައެއް ހުރިކަން އައިޖީއެމްއެޗުގެ ޑޮކްޓަރު ފާހަގަކުރެ އެވެ.