އުތުރުތިލަފަޅުގެ އެއްބަސްވުން މަޖިލިހުގެ ކޮމިޓީ އަށް ދައްކައިފި
އުތުރުތިލަފަޅުގެ އެއްބަސްވުން މަޖިލިހުގެ ކޮމިޓީ އަށް ދައްކައިފި

އުތުރު ތިލަފަަޅުގައި އަސްކަރީ ޑޮކްޔާޑަކާއި ބަނދަރެއް ހަދަން ރާއްޖޭން އިންޑިއާ އެކު ސޮއިކުރި އެއްބަސްވުމުގެ ކޮޕީއެއް ޑިފެންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މިއަދު ދައްކައިފި އެވެ.

އުތުރު ތިލަފަޅު (ޔޫޓީއެފް)ގެ އެއްބަސްވުން 241 ކޮމިޓީ އަށް ދެއްކީ ރާއްޖޭން އިންޑިއާއާ އެކު ސޮއިކޮށްފައިވާ ދިފާއީ އެހެން އެއްބަސްވުންތަކުގެ މައުލޫމާތު ދޭން، މަޖިލީހުން އެދިފައި ވާތީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެ ކޮމިޓީ އަށް މިއަދު ވަޑައިގެން، ބޭއްވި ބައްދަލުވުމުގަ އެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން މަޖިލީހުގެ އެދިވަޑައިގަތީ މަޑުއްވަރި ދާއިރާގެ ޕީއެންސީގެ ނައިބު ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

އާއްމުކޮށް ހުޅުވާލައިގެން 241 ކޮމިޓީން ކުރިއަށް ގެންދިޔަ މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ޔޫޓީއެފް އެއްބަސްްވުމާ ބެހޭ މައުލޫމާތުގެ ޕްރެޒެންޓޭޝަނެއް ދެއްކި ނަމަވެސް މުޅި އެއްބަސްވުމެއް ނުދައްކަ އެވެ.

ކޮމިޓީ އަށް އެއްބަސްވުމުގެ އަސްލު ދެއްކުމުގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވިދާޅުވީ އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންޑިއާއާއެކު މަޝްވަރާ ކޮށްފައި އޮތް ވަރަށް ވުރެ ހަނިކޮށްފައި ކަމަށެވެ.

"އޮޕަރޭޝަނަލް ބޭނުމަށްޓަކައި އިންޑިއާ ނޭވީ [އުތުރު ތިލަފަޅު] ބޭނުންކުރުުމާއި އެ ކަހަލަ ވަަރަށް ބައިވަރު ވާހަކަތަކެއް އެކްޝަން ޕްލޭންގައި ދައްކާފައި ހުރީ. އެކަަމަކު އަޅުގަނޑުމެން ހަނިކޮށްފައި އޮންނާނީ ހަމައެކަނި ސަޕޯޓާއި މެއިންޓެނެންސަށް އެކަނި [ބޭނުންކުރެވޭ ގޮތަށް]،" މާރިޔާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަަލުވުމުގައި އެމްއެންޑީއެފުން ހުށަހެޅި ޕްރެޒެންޓޭޝަނުގައިވާ ގޮތުން، ޔޫޓީއެފް އެއްބަސްވުމުގެ އަސްލަކީ ޔާމީނުގެ ވެރިކަމުގައި 2016 ގައި ސޮއިކުރި އެކްޝަން ޕްލޭން ކަމަށް ވިޔަސް، އެއްބަސްވުމުގެ ޝަރުތުތައް އޮތީ އެ ސަރުކާރުން ކަނޑައެޅި ގޮތަކަށް ނޫނެވެ. އެ މަޝްރޫއު ކުރިއަށް ގެންދަން، ޓާމްސް އޮފް ރިފަރެންސް ހޯދަން އިންޑިއާއިން އެދުމުން، 2017 ވަނަ އަަހަރު ރާއްޖޭން ހުށަހެޅި ޓާމްސް އޮފް ރިފަރެންސް 2019 ވަނަ އަހަރު އަލުން މުރާޖައާ ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފްގެ ޕްރެޒެންޓޭޝަނުގައި ބުންޏެެވެ.

އެއްބަސްވުމުގެ ޓާމްސް އޮފް ރިފަރެންސް އަލުން ބެލީ އިންޑިއާގެ ވަފުދެއް 2019 ވަނަ އަހަރު ރާއްޖެއަށް ކުރި ދަތުރެއްގަ އެވެ.

ކޮމިޓީން މިއަދު ފާސްކުރީ ޔޫޓީއެފް އެއްބަސްވުން ކޮމިޓީ އަށް ދެއްކި ނަމަވެސް، އެ އެއްބަސްވުން ސިއްރު ކުރަން ޖެހޭ ކަމަށް އެއްބަސްވުމުގެ މާާއްދާއެއްގައި ބުނާތީ، ކޮމިޓީން ވެސް އެ ސިއްރު ހިފެހެއްޓުމަށެވެ.