24 އޮކްޓޯބަރ 2021 - 12:46

އީރާނުގެ ޕްރޮވިންސެއްގެ ގަވަރުނަރުގެ މަގާމަށް އަލަށް އައްޔަން ކުރެއްވި ބޭފުޅަކު ތައާރަފު ކުރުމަށް ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަން ހުންނަވަނިކޮށް، މީހަކު ސްޓޭޖަށް އަރައި ގަވަރުނަރުގެ މޫނުގައި ވަރުގަދަ ތަފާލެއް ޖަހައިފި އެވެ.
އީރާނުގެ ޕްރޮވިންސެއް ކަމަށްވާ އިރުމަތީ އަޒަރްބައިޖާންގެ ގަވަރުނަރުގެ މަގާމަށް އަލަށް އައްޔަންކުރި ޒައިނުލްއާބިދީން ޚުއްރާމް ތައާރަފު ކުރުމަށް، އިރުމަތީ ސަހަރެއް ކަމަށްވާ ތަބްރީޒްގައި ހުންނަ އިމާމް ޚުމައިނީ މިސްކިތުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހަފުލާގައި، މީހަކު ސްޓޭޖަށް އެރީ ގަވަރުނަރު ވާހަކަ ދައްކަވަން ހުންނަވަނިކޮށެވެ. ވަރަށް ހަމަޖެހިލައިގައި ސްޓޭޖް މަތީގައި ހިނގާފައި ދިޔަ އެ މީހާ، އަތް ދަމާފައި ގަވަރުނަރުގެ ކަންފަތްމަތީ ޖެހުމާއެކު، ގަވަރުނަރު ވިއްސައިގެން ދެ އެވެ.
އެ އަށް ފަހު ހަޑިހުތުރު ބަހުން އެއްޗެހި ކިޔަމުން ދެ ވަނަ ފަހަރަށް ޖަހަން އުޅެނިކޮށް، ސަލާމަތީ ކަންތައް ބަލަހައްޓާ އޮފިސަރުން އަރައި އެ މީހާ ސްޓޭޖުން ބޭލި އެވެ. އެފަދަ މަގާމެއްގައި ހުންނަ މީހަކާ ހަމައަށް ސަލާމަތީ ފިޔަވޅުތައް ފޫއަޅުވައިލާފައި މީހަކަށް ދެވުމަކީ އީރާނުގައި ވަރަށް ނާދިރު ކަމެކެވެ.
މި ހާދިސާ ހިންގީ އީރާނުގެ ދާހިލީ ވަޒީރުގެ އިތުރުން އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ ޚާމަނާއީގެ ފަރާތުން ފޮނުއްވެވި މަންދޫބުން ވެސް ހާޒިރުވެ ތިއްބަވަނިކޮށެވެ. އީރާނުގެ ބައެއް މީޑިއާތައް ބުނާ ގޮތުން އެ ހާދިސާގައި ގަވަރުނަރުގެ މޫނުގައި ތަފާލެއް ޖެހީ، އީރާންގެ ސިފައިންގެ ތެރޭގައި ހިމެނޭ މީހެކެވެ.
އީރާނު ސަރުކާރުގެ ރަސްމީ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ގަވަރުނަރު ވިދާޅުވީ، އޭނާގެ ގައިގައި ޖެހީ ދަންނަ މީހެއް ނޫން ކަމަށާއި އެއީ ދުވަހަކު ބައްދަލު ވެސް ނުވާ މީހެއް ކަމަށެވެ. އަދި އޭނާގެ ގައިގައި އެ މީހާ ޖެހީ ކޮން ސަބަބަކާ ހުރެ ކަން ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އާ ގަވަރުނަރު ވިދާޅުވި ގޮތުގައި، އޭނާގެ ގައިގައި އެ މީހާ ޖެހީ، ކޮވިޑް ވެކްސިން ޖަހައިދޭ ކްލިނިކެއްގައި އެ މީހާގެ އަންހެނުންގެ ގަޔަށް ފިރިހެނަކު ވެކްސިން ޖެހި މައްސަލައެއްގައި ރުޅި އައިސްފައި ހުރުމުން ކަމަށް ފުލުހުންގެ ތަހުގީގުގައި ބުންޏެވެ. އެ ޕްރޮވިންސްގައި ހުންނަ ކްލިނިކްގައި ހިދުމަތް ދޭ ފިރިހެން ނަރުހަކު، އެ މީހާގެ އަނބިމީހާގެ ގަޔަށް ވެކްސިން ޖެހުމުން، އެކަމާ ހިތްހަމަނުޖެހިފައި ހުރުމުން، އެކަމުގެ ރުޅި ބޭލީ ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފަ އެވެ.
އެހެން މީޑިއާއަކުން ބުނެފައިވާ ގޮތުގައި، އެ މީހާ ގަވަރުނަރުގެ ގައިގައި ޖެހީ ސިޔާސީ އެއްވެސް ކަމަކާ ގުޅިގެންނެއް ނޫނެވެ. އެ ހާދިސާއާ ގުޅޭ ގޮތުން އީރާންގެ ގާނޫނު ހަދާ މަޖިލީހުގައި އިއްޔެ ސުވާލު ކުރުމުން، އިރުމަތީ އަޒަރްބައިޖާން ޕްރޮވިންސްގެ މަރާޣާ ސަހަރުގެ މެމްބަރު ވިދާޅުވި ގޮތުގައި، އެ ހާދިސާ ހިނގީ ޒާތީ ރުޅިވެރިކަމެއްގަ އެވެ. އަދި އެއީ ގަވަރުނަރުގެ މަގާމަށް އޭނާ ހަމަޖެއްސުމުން ނުވަތަ އާ ގަވަރުނަރު ދެއްކެވި ވާހަކައަކާ ގުޅިގެން ހިނގި ކަމެއް ނޫން ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.