ފުޓުބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތަކަށް ޕްރެޒިޑެންޓްސް ކަޕް
ފުޓުބޯޅަ ސީޒަންގެ ފުރަތަމަ މުބާރާތަކަށް ޕްރެޒިޑެންޓްސް ކަޕް

ރައީސުލް ޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕުން ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އާ ފުޓުބޯޅަ ސީޒަން ފަށާގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހަމަޖައްސައިފި އެވެ.

ގައުމީ ފުޓުބޯޅަ މުބާރާތުގެ ނަމުގައި 1946 ގައި ފެށި މި މުބާރާތް ޕްރެޒިޑެންޓްސް ކަޕުގެ ނަމުގަައި 2005 ވަނަ އަހަރުން ފެށިގެން ބާއްވަން ފެށި ފަހުން، އެންމެ ފަހުން މުބާރާތް ބޭއްވީ 2017 ވަނަ އަހަރު އެވެ. އެއަށް ފަހު އެކި ސަބަބުތަކާ ހުރެ އެންމެ ފަހުގެ ތިން ސީޒަންގައި ވެސް މުބާރާތް ވަނީ ކެންސަލް ކުރަން ޖެހިފަ އެވެ.

އަންނަ ސީޒަނުގެ ފުޓުބޯޅަ ކަލަންޑަރުގައިވާ ގޮތުން ސީޒަން ފަށާނީ މިއަހަރުގެ ޑިސެމްބަރު 15 އިން އަންނަ އަހަރު ޖެނުއަރީ 19 ގެ ނިޔަލަށް ކުރިޔަށް ދާ ޕްރެޒިޑެންޓްސް ކަޕް މުބާރާތުންނެވެ. އެއަށް ފަހު ފެބްރުއަރީގައި ދިވެހި ޕްރިމިއާ ލީގު ފެށުމުގެ ކުރިން ޗެރިޓީ ޝީލްޑް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ ހަތް ވަނަ ދުވަހު އެވެ.

މިދިޔަ ސީޒަނުގައި ވެސް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި އަށް ކްލަބާ އެކު ފެބްރުއަރީ 12 ވަނަ ދުވަހު ލީގު ފަށަން ހަމަޖެހުނުއިރު، މި ސީޒަނުގައި ވެސް ލީގުގެ ކުޅުން ކުރިޔަށް ދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ.

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ، ޕްރިމިއާ ލީގު ދެވަނަ ބުރުގެ ކުޅުން ނިމުމާއެކު، ޖެހިގެން އަންނަ ޖޫން 27 ވަނަ ދުވަހު އެވެ. ދެވަނަ ޑިވިޝަނާއި ޕްރިމިއާ ލީގުގެ ކުޅުން ނިމުމުން، ޖެހިގެން އަންނަ ސީޒަނުގައި ޕްރިމިއާ ލީގު ޖާގައަކަށް ކުޅޭ ކޮލިފައިން މެޗްތަކެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

އަންނަ ސީޒަނުގެ އެފްއޭ ކަޕްގެ ފުރަތަމަ ބުރުގެ ކުޅުން ޖޫން މަހުގެ ފުރަތަމަ ދުވަހު ފަށަން އެފްއޭއެމުން ހަމަޖައްސާފައި ވާއިރު، ކުއާޓާ ފައިނަލާއި ސެމީ ފައިނަލް އަދި ފައިނަލް މެޗް އޮންނާނީ ޕްރިމިއާ ލީގުގެ ކުޅުން ނިންމުމަށް ފަހު، އޮގަސްޓް މަހުގެ ކުރީކޮޅު އެވެ.

ސީޒަން ދިގުލައިގެން ދިޔުމުގެ ސަބަބުން 2018 ވަނަ އަހަރުގެ އެފްއޭ ކަޕާ އެކު ޕްރެޒިޑެންޓްސް ކަޕް ކެންސަލް ކުރަން ޖެހުނުއިރު 2019-2020 ވަނަ ސީޒަނުގައި ކޮވިޑާ ހުރެ ސީޒަން ނިންމާލަން ޖެހުނީ އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ޓީމުތައް ހޮވިފައި ވަނިކޮށެވެ. އަދި މިދިޔަ ސީޒަން ހުއްޓާލަން ޖެހުނީ މާލޭގައި ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން، ތިން ބުރަކަށް ކުޅޭ ދިވެހި ޕްރިމިއާ ލީގުގެ ފަހު ބުރުގެ ކުޅުން ބާކީ އޮއްވަ އެވެ.

ނިމިދިޔަ ތިން ސީޒަންގެ އިތުރުން 2015 ވަނަ އަހަރު ވެސް އެފްއޭ ކަޕް ފުޓުބޯޅަ މުބާރާތް ބާއްވާފައެއް ނުވެއެވެ. މިނިވަން 50 ހަރަކާތްތައް ކުރިއަށް ގެންދަނިކޮށް އެއަހަރު ރަސްމީ ފުޓްބޯޅަ ދަނޑުގެ ވިނަގަނޑު ހަލާކުވުމުން ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމީ އެފްއޭކަޕް މުބާރާތް ނުބާއްވާށެވެ. ނަމަވެސް މާލޭން ބޭރުގައި، ހދ. ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމާއި އައްޑޫ ފުޓުބޯޅަ ދަނޑުގައި ޕްރެޒިޑެންޓްސް ކަޕް މުބާރާތް އެއަހަރު ފުރިހަމަކުރި އެވެ.

އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި 3-0 އިން ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށް މުބާރާތް ކާމިޔާބު ކުރީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.