24 އޮކްޓޯބަރ 2021 - 12:02

ރިސޯޓު ހަދަން ހުޅުވާލާނެ ރަށްތައް އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، ރިސޯޓު ހެދުމަށް އާ ރަށްތައް ހުޅުވާލާނީ ދުނިޔޭގެ އެންމެ ބޮޑު އެކްސްޕޯ، "ދުބާއީ އެކްސްޕޯ"ގައި ކަމަށެވެ. އޭނާ ވިދާޅުވީ، ރަށްރަށަށް ހުށަހަޅާ އެންމެ ކުޑަ އަގު ކަނޑައަޅަނީ މާކެޓަށް އަންނަ ބަދަލުތަކަށް ބަލައިގެން ކަމަށެވެ.
ދުބާއީ އެކްސްޕޯގައި ރިސޯޓު ހަދަން ރަށްތައް އިއުލާނު ކުރާ އިރު މި އެކްސްޕޯގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދުބާއީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.
އަލަށް ހުޅުވާލަނީ ކިތައް ރަށް ކަމެއް، އަދި އެއީ ކޮންކޮން ރަށްތަކެއް ކަމެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު، މައުސޫމް ވިދާޅުވީ، ރިސޯޓު ހަދަން ރަށްތައް ދޫކުރުމުގައި އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަށް ގިނަ ޕޮއިންޓް ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެން ހުންނާނެ މިނިމަމް އެކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދެ މިލިއަން ޑޮލަރު ޖަހާފައި ހުރި ރަށްރަށް ފަސް މިލިއަން ޑޮލަރަށް ވެސް ވިއްކާފައި،" އޭނާ ވިދާޅުވި އެވެ.
ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައިވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތައަށް އިސްކަންދޭ މިންވަރަށް ވެސް ޕޮއިންޓް ދޭނެ އެވެ.
ރިސޯޓް ތަރައްގީ ކުރަން މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ވެސް 16 ފަރާތަކަށް 23 ރަށެއް ދޫކުރަން ހުޅުވާލި އެވެ. އެހެން ނަމަވެސް އެފަހަރު ހުށަހެޅި 13 ބިޑުގެ ތެރެއިން ރިސޯޓު ހަދަން ދިނީ އެންމެ ރަށެކެވެ. އެހެން ހުރިހާ ބިޑެއް ވަނީ ބިޑް ކޮމިޓީން ބާތިލްކޮށްފަ އެވެ. އެފަހަރު ހުޅުވާލި ފުރުސަތުގައި ކޮވިޑްގެ ހާލަތާ ގުޅިގެން އެކުއިޒިޝަން ކޯސްޓް ވަނީ 30 ޕަސެންޓަށް ކުޑަ ކޮށްފަ އެވެ.
މައުސޫމް ވިދާޅުވީ، އަލަށް ހުޅުވާލާ ފުރުސަތުގައި ވެސް އަގަށް މާބޮޑު ބަދަލުތަކެއް ނުގެންނާނެ ކަމަށެވެ.