24 އޮކްޓޯބަރ 2021 - 12:45

މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލުގައި 15 މިލިއަން ރުފިޔާ ދިން ނަމަވެސް އެ ފައިސާ ދީފައި ވަނީ ހުކުމުގައި ބުނާ މުއްދަތަށް ވުރެ ފަހުން ކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި މަންދު ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) ދައުވާކޮށްފި އެވެ.
އެ މައްސަލަ ސިވިލް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅީ މިިދިޔަ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް މައްސަލަ ބަލައިނުގަނެވޭނެ ކަމަށް ރަޖިސްޓްރާ ނިންމެވުމުން އެކަން ފަނޑިޔާރުންނަށް އިލްތިމާސްކުރުމުން މައްސަލަ ބަލައިގަންނަން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.
އިބްރާ ވިދާޅުވީ ޑރ. އައިޝަތު އަލީ ގާނޫނުއަސާސީއާ ހިލާފު ވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް ކަމަށާއި އެއީ ސަރުކާރުން ގާނޫނަށް ކިޔަމަންވާން ޖެހޭނެކަން އަންގައިދޭން ކަމަށެވެ.
"މަގުސަދަކީ ސަރުކާރުން ހުކުމްތަކާއި ގާނޫނަށް ކިޔަމަންތެރިވާންޖެހޭނެ ކަން އެންގުން. މިހާރު އެގޮތަކަށް ނޫން ކަންތައް މި ވަނީ. ގާނޫނުއަސާސީއާ ހިލާފަށް ކަންތައް ކުރީމަ އޭގެ ނަތީޖާއެއް ވެސް ނުކުންނަން ޖެހޭ،" އިބްރާ ވިދާޅުވި އެވެ.
އެމްއީއެސް ކުރިން ހިންގި އިމާރާތް މަންދު ކޮލެޖަށް ދޫކުރި އެއްބަސްވުން ބާތިލްކޮށް ސަރުކާރުން އެތަން އަތުލި މައްސަލައިގައި ގެއްލުމުގެ ބަދަލަށް 15 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކުރީ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން ސިވިލް ކޯޓުގައި ކުރި ދައުވާއަކާ ގުޅިގެންނެވެ.
އެ ހުކުމްތަކަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ހޯދަން މަންދު ކޮލެޖުން ދައުވާކުރި އެވެ. ނަމަވެސް ޑިސްޕިއުޓު މަރުހަލާގައި ދެ ފަރާތުން އެއްބަސްވީ 15 މިލިއަން ނަގައިދޭށެވެ. އެއީ މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމުން އެހެން ތަނެއް ހޯދަން މިހާތަނަށް ކުރި ހަރަދު ކަމަށް ދައުލަތުން ބުނެ އެވެ.
މަންދުގެ ބަދަލުގެ މައްސަލައިގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމްގެ މައްޗަށް ވެސް ދައުވާ ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.