ނިއުކާސަލްގެ ވެރިންނަށް ފުރައްސާރަކުރި މައްސަލަ ބަލަނީ
ނިއުކާސަލްގެ ވެރިންނަށް ފުރައްސާރަކުރި މައްސަލަ ބަލަނީ

ކްރިސްޓަލް ޕެލަސްގެ ސަޕޯޓަރުންތަކެއް ނިއުކާސަލް ޔުނައިޓެޑް އާ ވެރިންނަށް ފުރައްސާރަކޮށްފައިވާ ބެނާއެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ނިއުކާސަލް އާ ދެކޮޅަށް ކްރިސްޓަލް ޕެލަސް އިއްޔެ ކުޅުނު މެޗަށް، ޕެލަސްގެ ސަޕޯޓަރުން ވަނީ ނިއުކާސަލްގެ ސައުދީ އަރަބިއާގެ ވެރިންނަށް ފާޑު ކިޔާފައިވާ ބެނާއެއް ދަނޑަށް ވައްދައިފަ އެވެ.

ނިއުކާސަލް 80 ޕަސެންޓް ހިއްސާ މިހާރު ގަނެފައި ވަނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ކޮންޓްރޯލް އޮންނަ ސައުދީ އިންވެސްޓްމެންޓް ފަންޑުންނެވެ. ނިއުކާސަލްގެ ޗެއާމަނަކީ އެ ފަންޑުގެ ގަވަރުނަރު އަދި މުހައްމަދާ ގާތް ގުޅުމެއް އޮންނަ ޔާސިރް އަލް ރުމަޔާން އެވެ.

މުހައްމަދު ބިން ސަލްމާންގެ މައްޗަށް ކުރެވިފައިވާ އިންސާނިއްޔަތާ ހިލާފް ޖަރީމާތަކުގެ ތުހުމަތުތަކާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބެއްގެ މިލުކުވެރިިކަން ހޯދުމުގެ ފުރުސަތު ދިނުމުން ޕްރިމިއާ ލީގަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

ކާޓޫން ކެރެކްޓާއެއް ކުރަހާފައިވާ ބެނާގައި ވަނީ ސައުދީ އަރަބިއްޔާގެ ސަގާފީ ހެދުމުގައި މީހަކު ހުންނަތަނެވެ. ސައުދީގެ އެކި މުނާސަބަތުތަކުގައި ބޭނުންކުރާ ކަނޑި ހިފަހައްޓައިގެން ހުރި ކާޓުން ކެރެކްޓާ އިން ދޭހަކޮށްދެނީ މުހައްމަދު ބިން ސަލްމާނެވެ. އަދި ޕްރިމިިއާ ލީގު ކްލަބެއްގެ ވެރިޔަކަށް ވުމުގެ ޝަރުތަތަކުގެ ތެރޭގައި ފުރިހަމަވާންޖެހޭ ކަންތައްތަކެއް ކަމަށް ބުނެ ބައެއް ކަންކަން ލިޔެފައިވެ އެވެ. އޭގެ ތެރޭގައިި ޓެރަރިޒަމާއި މަދަނީ ހައްގުތަކަށް އަރައިގެންފައި ވުން ހިމެނެން ޖެހޭނެ ކަމަށް ބެނާގައި ބުނެ އެވެ. ބެނާގައި ދެން ހުރީ ޕްރިމިއާ ލީގުގެ ޗީފް އެގްޒެކެޓީވް ރިޗަޑް މާސްޓާސްގެ ކާޓޫން ކެރެކްޓާ އެވެ. އެ ކެރެކްޓާ ހުންނަނީ އަތުގެ ބޮޑުވައި އިނގިލިން އިޝާރާތްކޮށް އެކަންކަމަށް ތާއީދުކުރާކަށް ހާމަކޮށްގެންނެވެ.

މި ބެނާގައި ހުރި ވާހަކަތައް ބައެއް މީހުންނަށް ކަމަކު ނުދިޔަ އެވެ. އެހެންވެ އެ ބެނާގެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރި އެވެ. ކްރިސްޓަލް ޕެލަސް ނިސްބަތްވާ ސަރަހައްދުގެ ފުލުހުން ވަނީ ނަފުރާތައި ރުޅިވެރިކަން އުފައްދާ ބެނާއެއް ޕެލަސްގެ ދަނޑަށް ވައްދާފައިވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށް ބުނެފަ އެވެ. އަދި އެ ބެނާގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބަލާނީ އެ ބެނާގައި ހުރި ވާހަކަތަކަކީ ނަފުރަތާއި ރުޅިވެރިކަން އުފައްދާ ޒާތުގެ ވާހަކަތަކެއްތޯ އެވެ. އެފަދަގޮތަކަށް މާނަކުރެވޭ ނަމަ އެ ބެނާ ގެންގުޅުނު މީހުންނާ މެދު ވެސް ފިޔަވަޅު އަޅާނެ އެވެ.