24 އޮކްޓޯބަރ 2021 - 12:43

މާލެ ސަރަހައްދުގައި ސަރުކާރުން ހިންގާ ފުރަތަމަ ޕްރީ ސްކޫލު، "މުހައްމަދު ގާސިމް ޕްރީ ސްކޫލު" މިއަދު ހުޅުވައިފި އެވެ.

މާލޭގެ ބައެއް ސްކޫލުތަކުގައި ޕްރީ ސްކޫލު ހިންގި ނަމަވެސް އެ ތަން ހުންނަނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަކު ނޫނެވެ. ހަމައެކަނި ދެނީ ބައެއް ޓީޗަރުންގެ މުސާރަ އާއި ކުދިންގެ މަހު ފީ އާއި ފޮތްތަކެވެ.

ނަމަވެސް އަމިއްލަ ފަރާތަކުން، އޭނާގެ ނިޔާވެފައިވާ ބައްޕަގެ ހަނދާނުގައި ހުޅުމާލޭގެ އޯޓިޒަމް ސެންޓަރު ކައިރީގައި އިމާރާތްކުރި ޕްރީ ސްކޫލު މިއަދު ހުޅުވުމުން އެ ތަން ހިންގާނީ ސީދާ ސަރުކާރުންނެވެ. ސްކޫލުގެ ނަން، މުހައްމަދު ގާސިމް ނިސަބަތްވަނީ އޭނާގެ ނަމަށެވެ.

އެ ސްކޫލު ހުޅުއްވައި ދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އާ ޕްރީ ސްކޫލެއް ހުޅުވީ ހުޅުމާލޭގެ ރައްޔިތުންނަށް އެކަށީގެންވާ ވަގުތެއްގަ އެވެ. ނަމަވެސް ދެ ވަނަ ފިޔަވަހީގައި މީހުން އާބާދުވަމުންދާ ވަރަށް ބަލައި އެކަށީގެންވާ ވަރަށް ސްކޫލު ނެތުމަކީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ވެސް ދަނީ ހުޅުމާލޭގައި ދެ ސްކޫލެއް އަޅަމުންނެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ، ސްކޫލެއް ހުޅުވާ ދުވަހަކީ ވަރަށް ހާއްސަ މުނާސަބަތެއް ކަމަށެވެ. އިންސާނެއްގެ އާއްމު އުމުރަށް ވުރެ ސްކޫލެއްގެ އުމުރާއި އަސަރު އެތައް ޒަމާނަށް ދެމިގެންދާ ކަމަށާއި ދުނިޔޭގައި މި ވަގުތު ވެސް ގަރުނެއް ވެފައިވާ އެތައް ސްކޫލެއް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި އެ ސްކޫލަކުން ތައުލީމު ހާސިލު ކޮށްގެން ނުކުންނަ ދަރިވަރުންގެ އަދަދު ގިނަވާނެ ކަމަށެވެ. އެ ކުދިންގެ ތެރޭގައި، ގައުމަށް ހިދުމަތް ކޮށްދޭނެ އަދި ޒަމާންތަކަށް އެ ކުދިންގެ ނަން ވިދާނެ މީހުން ވެސް ހިމެނޭނެ ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވި އެވެ.
"މިއަދު މި ކުރެވެނީ ތާރީހީ، ހާއްސަ ކަމެއް. މިއަދު މި އިންދެނީ އެތައް ޒަމާނަކަށް އޭގެ މޭވާ ރައްޔިތުން ބިންނާނެ މޭވާ ގަހެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލޭގެ ޕްރީ ސްކޫލު ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ އެ ތަން ހަވާލުކުރީ ޖެނުއަރީ 17، 2019 ގަ އެވެ. އޭގެ ފަހުން އެ ތަން ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަނުން ހަތަރު ފަހަރެއްގެ މަތިން އިއުލާނުކޮށްފައި ވަނިކޮށް ކޮވިޑުގެ ހާލަތު ކުރިމަތިވުމުން އެ ތަން ބޭނުންކުރީ ފްލޫ ކްލިނިކެއްގެ ގޮތުގަ އެވެ.
އެ ސްކޫލުން އެކި ދަންފަޅިތަކުގައި 750 ދަރިވަރުންނަށް ޖާގަ ދޭނެ އެވެ. ނަމަވެސް ކިޔެވުން ފެށީ 22 ކުދިންނާއެކުގަ އެވެ. މިނިސްޓްރީން ބުނީ އެ ޕްރީ ސްކޫލުން ޖާގަ ހޯދުމަށް މިހާރު ވެސް ކުރިމަތިލެވޭނެ ކަމަށެވެ.
ކޮމްޕިއުޓަ ރޫމަކާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހިމެނޭ ގޮތަށް ހެދި ޕްރީ ސްކޫލު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޭނުންކުރީ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.