އެލްކްލެސިކޯގައި ޖެހިލުން ވުން އެއީ ރަނގަޅު އަލާމާތެއް: އަންޗެލޮޓީ
އެލްކްލެސިކޯގައި ޖެހިލުން ވުން އެއީ ރަނގަޅު އަލާމާތެއް: އަންޗެލޮޓީ

ބާސެލޯނާ (އޮކްޓޯބަރު 24) - އެލް ކްލެސިކޯ މެޗާ ކުރިމަތިލާިއރު، ޖެހިލުންވުން އެއީ ރަނގަޅު ކަމެއް ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އޭނާ އެހެން ބުނިއިރު، މި ސީޒަންގެ އެލްކްލެސިކޯ ފުރަތަމަ މެޗުގައި ބާސެލޯނާގެ ސްޓޭޑިއަމްގައި މިރޭ ރެއާލް މެޑްރިޑާއި ބާސެލޯނާ ކުޅޭނެ އެވެ. ދެ ޓީމުގެ ކޯޗުންގެ ޕްރީ މެޗު ޕްރެސްގައި ނޫސްވެރިން ސުވާލު އަމާޒު ކުރީ އެލްކްލެސިކޯ އަށް ދާއިރު ކުރިމަތިވާ ޖެހިލުން ވުމުގެ މައްޗަށެވެ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ، އޭނާ ޖެހިލުން ވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. މެޗު ބާސާގެ ދަނޑުގައި ކުޅޭތީ އޭނާ އަށް އިތުބާރު ބޮޑެވެ.

އެކަމަކު، ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނީ، އޭނާ ވެސް ބިރެއް ނެތް ކަމަށާއި އެކަމަކު ވަރުގަދަ މެޗުތަކަށް ދާއިރު ޖެހިލުންވުމަކީ ރަނގަޅު އަލާާމާތެއް ކަމަށެވެ.

"މި ކަހަލަ މެޗުތަކުގެ ކުރިން ކުޑަކޮށް ޖެހިލުން ވުމަކީ އާދައިގެ ކަމެއް. އަދި ބިރުގެންފައި ހުރުމަކީ ރަނގަޅު ކަމަކަށް ވެދާނެ ކަމެއް،" ޕްރީ މެޗުގެ ޕްރެސްގައި ކޫމަން ބުންޏެވެ.

"ބިރު ނުގަންނަ ނަމަ ބުޅަލެއް ކަމަށް ހީކޮށް ސިންގާއަކާ ވެސް ކުރިމަތި ވެދާނެ. އެކަމަކު ސިންގާއެއްކަން އެނގި ކުރިމަތިލީމާ އޭގެ ފައިދާ ވާނެ. އެހެންވީމާ، ބިރުވެރިކަމަކީ ޕޮޒިޓިވް އިހުސާސެއް."

ބާސެލޯނާ އޮތީ އެންމެ ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކޮށް ރަނގަޅު ފޯމެއްގަ އެވެ. އެކަމަކު އަބަދުވެސް ކޯޗް ކޫމަންގެ ކުރިމަގާ ބެހޭ ގޮތުން ސުވާލު އުފައްދަ އެވެ. މިރޭ ކުޅޭ މެޗުގެ ނަތީޖާ އިން އޭނާގެ ކުރިމަގާ މެދު ވަކި ގޮތެއް ނިމިދާނެތޯ ނޫސްވެރިން ސުވާލު ކުރުމުން ބުނީ ކޮންމެ މެޗެއްގެ ކުރިން އޭނާ އަށް އެ ސުވާލު އަމާޒުވުމަކީ އާ ޖަވާބެއް އޮތް ކަމެއް ނޫން ކަމަށެވެ. އޭނާ ބުނީ ބާސާގެ ރައީސް ޔޮއާން ލަޕޯޓާގެ ތާއީދު އެބައޮތް ކަމަށެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖޭ ގަޑިން 7:15 ގަ އެވެ.