06 ޑިސެމްބަރ 2016 - 11:52

ރާއްޖޭގައި ތިބީ ވަރަށް ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށާއި ޓީމާ މެދު އިތުބާރު އެބައޮތް ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗު ސްރީ ލަންކާގެ ސިސިރާ ކުމާރު ބުނެފި އެވެ.
ސިސިރާގެ ބެލުމުގެ ދަށުން ރާއްޖޭގެ ޓީމު އަންނަނީ ބަންގްލަދޭޝްގައި މިމަހު ފަހުކޮޅު ބާއްވާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމަށް ލަންކާގައި ތަމްރީން ހަދަމުންނެވެ. މި ކޭމްޕުގައި ރާއްޖެ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވީ ތިން މެޗުގައި ވެސް ކޯޗު ވަނީ ކުޅުންތެރިން އެކި މަގާމްތަަކަށް ކުޅުވައި ޓެސްޓްކޮށްފަ އެވެ.
"ވަރަށް ހުނަރުވެރި ޓީމެއް މިއީ. ރާއްޖޭން މިވަގުތު ނެގޭނެ އެންމެ ފުރިހަމަ ޓީމު ކަމަށް ގަބޫލުކުރަން. އަހަންނަށް މި ޓީމާ މެދު ވަރަށް ބޮޑު އިތުބާރެއް އެބައޮތް،" ޕީއެސްއެމްއާ ވާހަކަދައްކަމުން ކޯޗު ބުންޏެވެ.
ސިސިރާ ބުނީ އޭނާގެ ޓާގެޓަކީ އަންނަ އަހަރުގެ މާޗު މަހު ރާއްޖޭގައި ބާއްވާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތް ކާމިޔާބުކުރުން ކަމަށެވެ. އެކަމަކު ރާއްޖޭގެ ކުޅުންތެރިން ތިބީ ބަންގްލަދޭޝް މުބާރާތުން ވެސް ކާމިޔާބު ހޯދުމަށް އަޒުމް ކަނޑައަޅައިގެން ކަމަށް އޭނާ ބުންޏެވެ.
"ރާއްޖޭގެ ކުޅުންތެރިން ވަރަށް ބޮޑަށް ބޭނުންވޭ ބަންގްލަދޭޝް މުބާރާތް ކާމިޔާބުކުރަން. އެކަމަށް މަސައްކަތްކުރަމުން މި އަންނަނީ،" ކޯޗު ބުންޏެވެ.
ޓީމުގެ އެސިސްޓަންޓް ކޯޗު ނިޒާރު އިބްރާހިމް ބުނީ މި ކޯޗާ އެކު ކުޅުންތެރިންގެ ކުޅުމުގެ ސްޓައިލާއި އެހެނިހެން ކަންކަން ބަދަލުވަމުން އަންނަ ކަމަށާއި މި ތަމްރީން ކޭމްޕާ އެކު ޓީމަށް ކުރިއެރުން ލިބޭ ކަމަށެވެ.
"މިފަދަ ތަމްރީން ކޭމްޕްތަކަކީ ދިވެހި ކުޅުންތެރިންނަށް ވަރަށް މުހިއްމު ފުރުސަތެއް. ސަބަބަކީ މާލޭގައި ކުޅޭއިރު ވަޒީފާ އާއި އެހެނިހެން ކަންކަމަށް ވަގުތުދޭން ޖެހޭ. އެކަމަކު މިތަނުގައި ހުރިހާ ކުޅުންތެރިން މިތިބީ މިކަމަށް ހުސްވެގެން. އެހެންކަމުން ކުރިއެރުން އަންނާނެ،" ކުރީގެ އެއް ވަނަ ކުޅުންތެރިޔާ ނިޒާރު ބުންޏެވެ.
ކޭމްޕަށް ފަހު ގައުމީ ޓީމު އެނބުރި މާލެ އަންނާނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އަދި މުބާރާތުގައި ވާދަކުރުމަށް ޖެހިގެން އަންނަ ދުވަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ފުރާނެ އެވެ.
އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރަނީ ކިރްގިސްތާން، އުޒްބެކިސްތާން، ތުރުކުމެނިސްތާން، ނޭޕާލް، އަފްގާނިސްތާން އަދި ބަންގްލަދޭޝް އެވެ. ރާއްޖޭން ވަނީ މި މުބާރާތުގެ ދެ ވަނަ މަގާމް 2014 ވަނަ އަހަރު ހޯދައިފަ އެވެ.