24 އޮކްޓޯބަރ 2021 - 09:44

އޭޝިއަން ކަޕް 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް އެކުވެރިކަމުގެ މެޗުތަކެއް ނުލިބި ކޮލިފައިންއާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެކުވެރިކަމުގެ މެޗުތައް ހޯދުމުގައި އެފްއޭއެމް އަށް ކާމިޔާބު މަސައްކަތްތަކެއް ނުކުރެ ވެއެވެ. މި މަހު ނިމުނު ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު ސީނިއާ ޓީމަށް ވެސް އެފްއޭއެމަށް އެކުވެރިކަމުގެ މެޗުތަކެއް ހޯދައެއް ނުދެވުނެވެ.

ރާއްޖެ ހިމެނޭ ގުރޫޕްގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި 2013 ގެ ޗެމްޕިއަން އިރާގާ ދެކޮޅަށް މާދަމާ ނުކުންނައިރު، 23 އަހަރުން ދަށުގެ ޓީމުގެ ތައްޔާރީތަކަށް އެހާ ބޮޑު އަހަމިއްޔަތު ކަމެއް ދިން ތަނެއް ވެސް ނުފެނުނެވެ.
ސާފް ޗެމްޕިއަންޝިޕަށް އެކުލަވައިލި ޓީމުން 23 އަހަރުން ދަށުގެ ޓީމަށް ކުޅެވޭ އެންމެ ކުޅުންތެރިއެއް ފިޔަވައި އެހެން ކުޅުންތެރިއަކަށް ފުރުސަތެއް ވެސް ނުދެ އެވެ. ޑިފެންޑަރު ހައިޝަމް ހަސަނަށް، ކޯޗު އަލީ ސުޒޭން ފުރުސަތު ދިން ނަމަވެސް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ޓީމުތަކުގެ ތެރެއިން ޒުވާން ކުޅުންތެރިން އެންމެ މަދު ސްކޮޑަކީ ރާއްޖެ އެވެ. މުބާރާތުގެ ރަނަރަފް ނޭޕާލު ޓީމުން ވަނީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ސީނިއާ ޓީމުން ފުރުސަތު ދީފަ އެވެ. ނޭޕާލްގެ 23 އަހަރުން ދަށުގެ ޓީމަށް ކުޅެވޭ އުމުރުފުރާގެ އަށް ކުޅުންތެރިންނަށް ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުން ޖާގަ ދިނެވެ.
ކޮލިފައިންގައި ނޭޕާލްގެ 23 އަހަރުން ދަށުގެ ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މާދާމާ ނުކުންނާނީ އިރާން އާ ދެކޮޅަށެވެ. ކޮލިފައިން އަށް ތައްޔާރު ވުމަށް ނޭޕާލްގެ 23 އަހަރުން ދަށުގެ ޓީމުން ވަނީ އިންޑޮނޭޝިއާގެ 23 އަަހަރުން ދަށުގެ ޓީމާ ދެކޮޅަށް އެކުވެރި ކަމުގެ މެޗެއް ކުޅެފަ އެވެ. ހުކުރު ދުވަހު ކުޅުނު މެޗުން ނޭޕާލް ބަލިވީ 2-0 އިންނެވެ.
ރާއްޖެއާ ދެކޮޅަށް މާދާމާ ނުކުންނަ އިރާގުގެ ޓީމުގެ ބައެއް ކުޅުންތެރިންނަކީ ސީނިއާ ޓީމުގައި ހިމެނުނު ކުޅުންތެރިންނެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އޭޝިއާ ޒޯންގެ ތިން ވަނަ ބުރުގައި ކުޅުނު އިރާގުގެ ސީނިއާ ޓީމުން ވަނީ 23 އަހަރުން ދަށުގެ ޓީމުގެ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. މި މަހު ކުޅުނު މެޗުތަކަށް ނެގި ސްކޮޑްގައި 23 އަހަރުން ދަށުގެ ޓީމުގެ ހަ ކުޅުންތެރިންނަށް އިރާގުގެ ސީނިއާ ޓީމުން ފުރުސަތު ދިނެވެ. ޔުނައިޓެޑް އެރަބް އެމިރޭޓްސްއާ ދެކޮޅަށް ކުޅުނު ޓީމުގެ ފުރަތަމަ 11 އިން އިރާގުގެ ކޯޗް ޑިކް އެޑްވޮކާޓް ވަނީ ޒުވާން ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު އަލީ އައްބޫދު ސްވައިދާއި އިބްރާހިމް ބައީޝް އަށް ޖާގަ ދިފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ ނާކާމިޔާބަށް ފަހު، ކޯޗު ސުޒޭން ފާހަގަކުރި އެއް ކަމަކީ މުބާރާތުގެ ކުރިން ރާއްޖޭގެ ކުޅުންތެރިންނަށް ވާދަވެރި މެޗުތަކުގައި ކުޅެން ލިބުނު ފުރުސަތުތައް މަދުވުމުގެ މައްސަލަ އެވެ. މި ފަހަރު ވެސް ޒުވާން ޓީމު އޭޝިއާ އުމުރުފުރާގެ ކޮލިފައިން މުބާރާތަށް ދާން ޖެހުނީ އެ މައްސަލަތަކަށް ހައްލެއް ނުލިބި އެވެ.
"ކޮމްޕްޓެޓިވް ލެވެލެއްގައި އިންޑިއާ އަށް ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ލިބުން އެއީ ހަމަ ގައިމު ވެސް މި ކަހަލަ ޑިސައިޑިން މެޗަކަށް ދާއިރު އޭގެ އެޑްވާންޓޭޖަކަށް ވާނެ،" ރާއްޖެ އަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ނުލިބުނުކަން ފާހަގަކޮށް، ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އަތުން ބަލިވި މެޗަށް ފަހު ކޯޗް ސުޒޭން ބުނެފައިވެ އެވެ.
ޒުވާން ޓީމުގެ ގިނަ ކުޅުންތެރިންނަށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ސްކޮޑުން ފުރުސަތު ދިނުމުގެ މުހިންމުކަން ބޮޑެވެ. ނަމަވެސް އެ ސްކޮޑްގައި ޒުވާން ކުޅުންތެރިން ނުހިމެނޭ ނަމަ ދެން އޭގެ ފައިދާ ނެގޭނެ ގޮތެއް ވެސް އެފްއޭއެމުން ރާވަން ޖެހެ އެވެ. ސާފް ޗެމްޕިއަންޝިޕް ކުޅުނު މުއްދަތަކީ ފީފާގެ އިންޓަނޭޝަނަލް ބްރޭކް ޕީރިއަޑެވެ. ފްރެންޑްލީ ތަކެއް 23 އަހަރުން ދަށުގެ ޓީމަށް ހޯދުނު ނަމަ ކޯޗް ސުޒޭން ފާހަގަ ކުރި މައްސަލަ އަށް ހައްލުތަކެއް ހޯދުނީހެވެ.
ކޮލިފައިންގައި ވާދަކުރާ ގައުމުތަކުގެ 23 އަހަރުން ދަށުގެ ޓީމުތަކުން ބައިނަލްއަގްވާމީ މެޗުތަކެއް ކުޅުނެވެ. ރާއްޖޭގެ ޓީމަށް ޖެހުނީ އަތޮޅު ތެރެއަށް ގޮސް މެޗުތަކެއް ކުޅޭށެވެ. ވާދަވެރި އެއްވެސް މެޗެއް ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ.
ބަހްރެއިންގައި ކުރިއަށް ގެންދާ ރާއްޖެ ހިމެނޭ ގުރޫޕްގެ ކޮލިފައިންގެ ދެ ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު 23 އަހަރުން ދަށުގެ ޓީމު ނުކުންނާނީ ބަހްރެއިންއާ ދެކޮޅަށެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ.