24 އޮކްޓޯބަރ 2021 - 07:45

ދިވެހި ވަޒީފާގެ ބާޒާރަށް، އަދި ޖުމްލަކޮށް ދިވެހި އިގްތިސާދަށް ބޮޑު ބަދަލެއް އައުމަށްޓަކައި، އިރަށް ދޮން ކުރަން ފަށައިފި އެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ޖެނުއަރީ 1 އަށް، އާ އަހަރަށް އަލިވިލޭނީ މިނިމަމް ވޭޖް ހިމެނޭ ވެއްޓެއްގައި ކަމަށް ރައީސާއި އިކޮނޮމިކް މިނިސްޓަރު ވެސް މިވަނީ ޔަގީން ކަން ދެއްވައިފަ އެވެ.

މިނިމަމް ވޭޖް އަކީ ގާނޫނަކުން ޔަގީން ކޮށްދޭ ހައްގެއް ކަމުގައި ފުރަތަމަ ފަހަރަށް ކަނޑައެޅުނީ 1894 ގައި ނިޔު ޒީލެންޑްގަ އެވެ. އެމެރިކާގައިި މިނިމަމްވޭޖް ހިމެނޭ ގާނޫނު 1933ގައި ފާސްކުރި ނަމަވެސް ތަންފީޒް ކުރެވުނީ 1938 ގައެވެ. މިއަދު، ދުނިޔޭގެ 90 ޕަސެންޓް ގައުމުގައި، މިނިމަމް ވޭޖްގެ ގާނޫނީ ހިޔާލަކީ މަސައްކަތްތެރިންނަށް ފޯރު ކޮށްދޭންޖެހޭ އަސާސީ ހައްގެއް ކަމުގައި ދެކި، ގާނޫނުން މި ހައްގު ވަނީ ތަންފީޒް ކޮށްފަ އެވެ.

ކޮވިޑް 19 އާ ގުޅިގެން އިގްތިސާދު މަޑުޖެހުމަށް ފަހު، ދުނިޔޭގެ އިގްތިސާދު، އަދި ޚާއްސަކޮށް ރާއްޖޭގެ އިގްތިސާދު، ހިންދެމިލައި، ނޭވާލާން ފަށައިފައިވާ މި ވަގުތަކީ މިފަދަ ފިޔަވަޅެއް އެޅުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމުގައި ދެކޭ ފަރާތްތައް މަދެއް ނޫނެވެ. ނަމަވެސް، އެމެރިކާގައި ފުރަތަމަ ފާސްކުރެވުނު މިނިމަމް ވޭޖްގެ ހިމެނުންތައް އެކުލެވުނީ 1930ގެ އަހަރުތަކުގައި މުޅި ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި 10 ވަރަކަށް އަހަރުގެ 'ގްރޭޓް ޑިޕްރެޝަން' އިން އަރައިގަތުމަށް އެމެރިކާގެ އޭރުގެ ރައީސް ރޫޒަވެލްޓް 1933 ގައި އެކުލަވާލެއްވި 'ނޭޝަނަލް އިންޑަސްޓްރިއަލް ރިކަވަރީ އެކްޓް'ގެ ތެރެއިންނެވެ.

އެހެންކަމުން، ގުރުސް ފެންމަތިވާ ވަގުތު، ފޫދޭ ދިޔައިގައި، ރަތްހާލެއް ކަތިލައިގެން މިނިމަމް ވޭޖް އިއުލާނު ކުރަން ތިބެން ވެއްޖެ ނަމަ، ދުވަހަކު ވެސް 'ފިލާ' އަޅައެއް ނުނިމޭނެ އެވެ. ދިވެހި ވިޔަފާރިތަކާއި، ދިވެހި ސިނާއަތްތައް އަދި ޖުމްލަކޮށް ދިވެހި އިގްތިސާދު ކޮވިޑަށް ފަހު ފަރުމާވެ، ތަރުތީބު ވެގެން އައުން ރަނގަޅީ މިނިމަމް ވޭޖްގެ ހިޔާ ލިބޭ ވެެއްޓެއްގަ އެވެ.
ރާއްޖޭގައި، މެއި 1، 2019 ގައި (އެ އަހަރުގެ މަސައްކަތްތެރިންގެ ދުވަހު) މިނިމަމް ވޭޖްބޯޑު އުފެދި، އައިއެލްއޯގެ ތަޖުރިބާކާރުންނާއި ދިވެހި ވިޔާފާރިވެރިން އަދި ގިނަ ރައްޔަތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު، ބޯޑުގެ ފުރަތަަމަ ހުށަހެޅުން ވަޒީރަށް ފޮނުވީ 20 ފެބްރުއަރީ 2020 ގައެވެ. މި ހުށަހެޅުން އަލުން ރިވިޔު ކުރުމަށްފަހު މި އޮކްޓޯބަރު މަހުގެ 5ގައި މިވަނީ އާ ހުށަހެޅުމެއް ހުށަހަޅައިފަ އެވެ.
ބޯޑުގެ ހުށަހެޅުމާ މެދު ވަރަށް ގިނަ ލިޔުންތަކާއި ތަފާތު ވިސްނުންތައް އަޅުގަނޑު ވެސް ކިޔައިފީމެވެ. ވިޔަފާރިތަކުގެ ކުޑަ ބޮޑުމިނުގެ ނިސްބަތުން މިނިމަމްވޭޖް ކަނޑައެޅުން، ބިދޭސީ މަސައްކަތްތެރިން ނުހިމެނުން، އިންފޯމަލް ސެކްޓާ ނެތުން، މިފަދަ އެތަކެއް މުހިންމު، އަދި ބިނާ ކުރުވަނިވި ފާޑުކިޔުންތަކެއް މި ހުށަހެޅުމަށް މިވަނީ އަމާޒު ކުރެވިފަ އެވެ.
އިއުލާނު ކުރެވޭ މިނިމަމް ވޭޖްއާ އެކު މަސައްކަތްތެރިންނާއި، ވިޔަފާރިތަކުން އެކީ އެއްފަހަރާ ފުންމައިގެން ތެދުވެ، އަތްތިލަބަޑި ޖަހައި، އުފާކޮށް، ބޭން ޖަހަނޭ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. މިހާރުވެސް އެންމެ ބޮޑެތި ވިޔަފާރިތަކުގެ ތުންފިއްތުންތައް، ނޫސްތަކުގެ ސުރުޚީތަކުން ވަނީ ހާމަކޮށްފަ އެވެ. ރަނގަޅުކުރަން ހުރި ބައިވަރު ކަންތައްތައް ހުންނާނެކަން ޔަގީނެވެ. އެކަމަކު ގައުމުތަކުގެ މިނިމަމްވޭޖް އިއުލާނު ކުރަނީ ކަނޑައެޅިފައި މުއްދަތުތަކުގައި ރިވިޔު ކުރުމަށެވެ. އިނގިރޭސި މިނިމަމް ވޭޖް އަހަރަކު އެއްފަހަރު އަދި ޖަރުމަނު މިނިމަމް ވޭޖް ދެ އަހަރުން އެއްއަހަރު ރިވިޔުކުރަން ޖެހޭގޮތަށް ގާނޫނުގައި ލިޔެފައިވެއެވެ.
ގައުމުތަކުގެ ވަޒީފާގެ ބާޒާރަކީ ވަޒީފާއަދާ ކުރާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކުގެ ހައްގުތައް ހިމާޔާތްކޮށް، ދެ ފަރާތް ވެސް ފުރިހަމައަށް ޒިންމާ ކުރެވޭ ވެއްޓަކަށް ވުން މިއަދު މަޖުބޫރެވެ. ފުރިހަމައަށް ތަންފީޒު ނުކުރި ނަމަވެސް، މި ބާޒާރަށް މަޖްބޫރު ގިނަ ގާނޫނުތަކާއި މުއައްސަސާތައް ވަނީ އުފައްދައިފަ އެވެ. މި ވެށީގައި ހާ އަޅައިފައި އޮތް އެންމެ ބޮޑު ބާގަނޑަކީ މިނިމަމް ވޭޖްއެއް ނެތުމެވެ.
ބޯޑުގެ ހުށަހެޅުން ތަންފީޒު ކުރެވެމުން އިގްތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. އެއީ ޔަގީން ކަމެކެވެ. ވިޔާފާރިތަކުގެ ކުޑަ ބޮޑުމިން ބަދަލުވުމާއި، މަސްވެރިންނާއި ދަނޑުވެރިން އަދި ނުރަސްމީ ވަޒީފާ އަދާކުރާ ފަރާތްތަކަށް މިނިމަމް ވޭޖްގެ ހިޔާ ފޯރު ކޮށްދިނުމުގައި ހުރަސްތަކެއް ކުރިމަތި ނުވެއެއް ނުދާނެ އެވެ. މީގެ އިތުރުން، މިހާރަށް ވުރެ ވެސް ބޮޑަށް ދިވެހި ވިޔަފާރިތަކުން ބިދޭސީ މަސައްކަތްތެރިންނަށް 'ހިތްކިޔާ' މިންވަރު އިތުރު ނުވެއެއް ވެސް ނުހުންނާނެ އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅިގެން އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ އެވެ. ވިޔަފާރިތައް ހިނގާ ގޮތަށް ބަދަލުއައިސް، ވިޔަފާރިތައް ތަރުތީބު ކުރެވޭ ނިޒާމު ތަފާތުވެ، ދައުލަތާއި ވިޔަފާރިތަކުގެ ހަރަދު ބޮޑުނުވެއެއް ނުދާނެއެވެ. ހަމައެއާ އެކު، މަސައްކަތްތެރިންނަށް ލިބޭ އާމްދަނީ އިތުރުވުމުގެ ފުރުސަތު ބޮޑުވެ، އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، އިގްތިސާދަށް ދިރުން ލިބުމަކީ ވެސް އެކަށޭނެ ކަމެއް ކަމުގައި ދުށުން ރަނގަޅެވެ.
މިފަދަ ބަދަލުތަކާ ކުރިމަތިލުމަށް ނިޔަތް ގަނެ، ވަޒީފާގެ ބާޒާރަށް މިނިމަމް ވޭޖްގެ ހިޔާ ފޯރު ކޮށްދިނުމަކީ މި ވަގުތަށް މުހިންމު ކަމެކެވެ. ދިވެހި އިގްތިސާދަކީ ތަސައްރަފު ފުރިފައިވާ މި ޒަމާނުގެ އިގްތިސާދަކަށް ހެދުމަށްޓަކައި، މިނިމަމް ވޭޖްއަކީ މަޖްބޫރު، އަސާސީ ފިޔަވަޅެކެވެ.
މިނިމަމް ވޭޖްއޭ ކިޔައިގެން ވައުދާ ހިނގައި، ގާނޫނު ހަދައި، ބޯޑު އުފައްދައި، މަސައްކަތްތަކެއް ކޮށް، ސުރުހީތަކެއް އަޅައި، ވާހަކަތަކެއް ދެކެވިއްޖެ އެވެ. މިއަދުގެ ހުށަހެޅުން ވެސް އެންމެ ފުރިހަމައޭ ދެންނެވޭކަށް ނެތެވެ. ނަމަވެސް، މިއަދުގެ ހާލަތަށް، އިގްތިސާދު އޮތް ފައްތަރުގެ މައްޗަށް ބަލައި، ބޯޑުގެ ހުށަހެޅުން މި ވަގުތަށް ބަލައިގަނެ، ވީ އެންމެ އަވަހަށް މިނިމަމް ވޭޖް ތަންފީޒްކުރުމަކީ މުހިންމު ކަމެކެވެ.
އަދި، ހަމަ އެހާމެ މުހިންމުކޮށް، މިނިމަމް ވޭޖް ރިވިޔު ކުރާނެ މުއްދަތުތައް ކަނޑައަޅައި، އިގްތިސާދަށާއި ވިޔާފާރިތަކަށް ނައިސް ނުދާން ބަދަލުތައް، ފިސާރި ކެރިގެން ދިރާސާކޮށް، އެ ދިރާސާގެ މައްޗަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އަޒުމް ކަނޑައެޅުން ވެސް މިއަދު މުހިންމެވެ.
ރާއްޖޭގެ ވަޒީފާގެ ބާޒާރަށް، އަދި ޖުމްލަކޮށް ދިވެހި އިގްތިސާދަށް މިވަނީ ބޮޑު ބަދަލެއް އައުމަށް ތައްޔާރުވެފަ އެވެ. މިއަދު މުހިންމީ ކެރިގެން މިބަދަލާ ކުރިމަތިލުމެވެ. މިނިމަމް ވޭޖްއެއް ހިމެނޭގޮތަށް ބައްޓަން ކުރެވިފައިވާ ވިޔަފާރިތަކެއް އެކުލެވިގެން ފަރުމާ ކުރެވިފައިވާ އިގްތިސާދެއް، ބިނާ ކުރުމުގެ މަސައްކަތް ފެށުމަކީ ދައުލަތާއި ވިޔަފާރިތަކުން މިއަދު ކުރަންފަށަން ޖެހިއްޖެ ކަމެކެވެ.
އެޑިޓަރުގެ ނޯޓް: މޯލްޑިވްސް އިކޮނޮމިކް ރިވިޔުގެ ކޯ ފައުންޑަރު އަދި ކޯ އެޑިޓަރު އާތިފަކީ ދިވެހި އިގްތިސާދު ދިރާސާކޮށް، އިގްތިސާދީ ގޮތުން ހޭލުންތެރިކަން އިތުރު ކުރެއްވުމަށް މަސައްކަތްކަތް ކުރައްވަމުން ގެންދަވާތާ 20 އަހަރު ވެފައިވާ ބޭފުޅެކެވެ.