މަދަދު އެދެމޭ ހިތާއޭ...
މަދަދު އެދެމޭ ހިތާއޭ...

ބުދަ ދުވަހާ ގުޅޭ

"އޭނަގެ ނަންބަރު އަހަންނަށް ދީފާނަންތަ؟" އަހަރެން ސުވާލުކުރީމެވެ.

"ތި ނުވާނެ ބަޝީރު ނޫން ދެވަނަ މީހަކަށް. އޭނަ ފެނިއްޖެއްޔާ ކަންފަތް އަނބުރައިލާނަން،" ކުޑަކޮށް ސަމާސާ ރާގެއްގައި އަޒްލިފާ ބުނެލިއެވެ. "މި ފޯނު ބާއްވާފަ ދެން ގުޅާނީ އޭނަޔަށް. ހުރެބަލަ މި ފަހަރު."

އަހަރެން ކުރި ސުވާލަކަށް އަޒްލިފާ ވެސް ޖަވާބެއް ނުދިނެވެ. ހީވަނީ އާސިމްގެ އެއްވެސް މައުލޫމާތެއް އަހަންނަށް ދޭން ބޭނުން ނުވާހެންނެވެ. އެ ހިސާބުން އަހަރެން ސުވާލުކުރުން ހުއްޓައިލީމެވެ. ކޮންމެހެން އިތުރު ހައިޖާނުގަނޑެއް އުފެދެން ބޭނުން ނުވާތީއެވެ.

"އެއްވެސް މީހަކަށް ގުޅާނެކަމެއް ނެތް،" އަހަރެން ބުނީމެވެ. "ގިނަ މީހުންނަށް އަޑުއިވޭ ވަރަކަށް ގިނަ ވާހަކަތައް ވިހާނެ. ތި ފޯނު އޮތް ގޮތަކަށް ބާއްވާ! ކޮންމެހެން ހަދަން އުޅޭނެކަމެއް ނެތް. އަހަރެން ފޯނެއް ގަންދޭނަން. ކޮން ކަހަލަ ފޯނެއް ބޭނުމީ؟"

މައްސަލަ އެ ހިސާބުން ހައްލުވިއެވެ. ދެބަސްވުމަކަށް ނުވަތަ އަރާރުމަކަށް ނުވެސް ދެއެވެ. އޭގެ ފަހުން އަޒްލިފާގެ އެ ކަހަލަ ކަމެއް ނުފެނެއެވެ. ހަޔާތުގެ ހިތްގައިމުކަމަކީ އެއީއެވެ. އަރާރުމަކަށް ނެހެދޭނެ ހަމަ އެއް ކަމެއް ވެސް ނޯންނާނެއެވެ. އެކުގައި އުޅެން ބޭނުން ނުވާ މީހާ، ހިންޏެއް ވަރު މައްސަލައެއް އެތަކަށް ހަދާނެއެވެ. ވަކިވާން ބޭނުން ނުވާ މީހާއަށް އެތެއް ވަރުގެ މައްސަލަ ވެސް ފެންނާނީ ހިންޏެއް ވަރަށެވެ.

ދިރިއުޅުމުގެ ހުރިހާ ކަމެއް ވަރަށް އޮމާންކޮށް ގޮސް، ނަބީލާ އިސްކޫލަށް ވަންނަން ޖެހޭ ދުވަސް އަތުވެއްޖެއެވެ. އެ ރަށަކީ ބޮޑު ރަށެކެވެ. އެންމެ ފެންވަރު ރަނގަޅު އިސްކޫލު ހުންނަނީ، ފައިމަގުގައި ދެވޭ ވަރަށް ވުރެ ތަންކޮޅެއް ދުރުގައެވެ. ދަރިފުޅު އިސްކޫލަށް ގެންދަން އަހަންނަކަށް ނާދެވޭނެއެވެ. ތިމާގެ މީހުން ގާތުގައި ވެސް ކޮންމެ ފަހަރަކު ދަރިފުޅު ގެންގޮސްދޭން ބުނަންވީމައި އޮންނާނީ ބުރަވެފައެވެ. އަހަރެން ހިތަށްއެރިއެވެ. އަޒްލިފާއަށް ސައިކަލެއް ގަންދޭނީއެވެ. އޭރުން އަޒްލިފާއަށް ފަސޭހަވާނެއެވެ.

އަޒްލިފާ ރަށުގައި ސައިކަލު ވިއްކާ ތަނެއް ހުރެއެވެ. އެ ތަނުން ސައިކަލެއް ނަގަން އަހަރެން ރަށަށް ދިޔައީމެވެ. ދުވަސްކޮޅުގެ ގޮތުން އޮފީހުން ޗުއްޓީއެއް ނުލިބުނެވެ. އަހަރެން ދިޔައީ އޮފީހަށް ސަލާންބުނެފައެވެ. ދާ ވާހަކަ ކުރީބައިގައި އަޒްލިފާއަށް އެންގީމެވެ. މަސްލަހަތު ރަނގަޅު ގޮތަކީ އެއީކަމަށް ބަލައިފައެވެ.

ރަށަށް ދެވުނީ ރޭގަނޑުއެވެ. އެއާޕޯޓުން އަހަންނަށް ނުކުމެވުނު އިރު ޓެކްސީއެއް ނެތެވެ. އަހަންނަށް އެނގޭ ނަންބަރުތަކަށް ގުޅައިގެން ވެސް ޓެކްސީއެއް ނުލިބުނެވެ. އަޒްލިފާ ގެޔާ ޖެހިގެން ހުންނަ ގޭގައި ޓެކްސީއެއް އޮވެއެވެ. އެ ޓެކްސީ ހޯދަން އަޒްލިފާއަށް ގުޅީމެވެ. އޭނަގެ ނަންބަރު ބިޒީއެވެ. އިރުކޮޅަކުން ގުޅީމެވެ. ފޯނެއް ނުނަގައެވެ. ބަރާބަރު އަށާރަ ކޯލު އަހަރެން ކުރީމެވެ. އަޒްލިފާ ފޯނެއް ނުނެގިއެވެ. ވަރަށް ފޫހިވި ރެޔެކެވެ. އެހާމެ ރުޅި ވެސް އައެވެ. އަހަރެން ހުރީ ވަރަށް ބަނޑުހައިވެފައެވެ. އެ ރޭ، އެއްވެސް ކަމެއްގައި އަހަރެން ކޮޅަކަށް ނަސީބެއް ނޭނބުރުނެވެ. ފައިސާ ދަބަސް އެއްކޮށް ހުސްވެފައިވާ ދަނޑިވަޅެކެވެ. އަހަރެންގެ ކޭޝްކާޑު އޮންނާނީ އަޒްލިފާ އަތުގައެވެ. ބައިގަޑިއެއްހާ އިރު މަޑުކޮށްފައި، ގެއާ ދިމާއަށް މަޑުމަޑުން ހިނގައިގަތީމެވެ. ދިހަ ވަރަކަށް މިނެޓު ފަހުން އަޒްލިފާ ގުޅިއެވެ.

"އަހަރެން އިނީ ޕޭރަންޓް މީޓިންގަ،" އަހަރެން ފޯނު ނެގުމާއެކު އަޒްލިފާ ބުންޏެވެ. "އެހެންވެ ފޯނު ނުނެގުނީ."

"ނަބީލާއަށް ކިތެއް އަހަރުކަން ހަނދާންނެތުނީތަ؟" ވަަރަށް ހިތްހަމަނުޖެހިފައި އަހަރެން ބުނީމެވެ. "އެ ވަރު ކުއްޖެއްގެ ޕޭރަންޓް މީޓިންއަށް ވުރެ އަހަންނެއް ނޫންތަ މުހިންމީ؟ ޓެކްސީއެއް ނުލިބިގެން ހިނގާފައޭ މި އަންނަނީ."

"އެކަމަކު މީޓިން ކަޓުވައެއް ނުލެވޭނެއްނު! ޓީޗަރުންނާ ޖެހޭ ބައްދަލު.." އަޒްލިފާއަށް ބުނެވުނީ އެ ހިސާބަށެވެ.

"އެ ވަރުގެ ކުއްޖަކަށް ކޮން ޕީޓީ މީޓިންއެއްހޭ އޮންނާނީ؟" ތަންކޮޅެއް ބާރަށް އަހަންނަށް ބުނެވުނެވެ. "އަހަންނަކީ ކުޑަކުއްޖެއް ނޫނެއްނު! މިހާރު އެހެރަ ނުވަގަޑި ބައިވީ."

"ދެން އަވަހަށް އާދެބަލަ!" އަޒްލިފާ ވާހަކަ ބަދަލުކޮށްލިއެވެ. "ހުންނާނެ ބިރިޔާނި ކައްކާފަ. ނަސީރަށް މީރު ގޮތަށް. އޭ! އަދި އެބަ އޮތޭ އެހެން ވާހަކައެއް ވެސް. ހިނގާ ނަބީގެ ނަން ޗޭންޖުކުރަން."

ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. ކުރާނެ ކަންތައް ހުސްވީ ހެއްޔެވެ؟ އަޒްލިފާ ކަންތައްކުރި ގޮތުން އަހަރެން ގެއަށް ދާންޖެހުނީ ހިނގައިފައެވެ. އެކަމަކު އަޒްލިފާ އުޅުނީ ނަބީލާގެ ނަން ބަދަލުނުކުރެވިގެންނެވެ. އެހެން މީހަކު ނަމަ، މާފަށް އެދިފައި ބަލާނީ އަހަރެން ހުރީ ކިހާ ހިސާބެއްގައިތޯއެވެ. އެއަށްފަހު ބަލާނީ އަހަންނާ ހަމައަށް ޓެކްސީއެއް ފޮނުވޭތޯއެވެ. އަޒްލިފާއަށް މުހިންމުވީ ދަރިފުޅުގެ ނަން ބަދަލުކުރަން އުޅުމެވެ.

"ނަން ބަދަލުކުރާށޭ؟" އަހަންނަށް ބުނެވުނެވެ. "ކުރާނެ އެހެން ކަމެއް ނެތީތަ؟ ކާކަށް އެ ނަން ހަޑިވެގެން ތިއުޅެނީ؟"

"މި ފަހަރު ޗުއްޓީގަ ހިނގާ ލަންކާއަށް ދާން،" އަޒްލިފާ އަނެއްކާ ވެސް އެހެން ސުރުހީއެއް ނެގިއެވެ. "ދައްތައަށް ގުޅާބަލަ!"

ދަރިންނަށް ކިޔަވައިދޭން އަހަރެންގެ ދައްތައެއް ލަންކާގައި ހުރެއެވެ. ނަމަކީ ބަދޫރާއެވެ. އެ މީހުންނާއި އަހަންނާ ވަރަށް ގުޅުން ރަނގަޅެވެ. އަޒްލިފާއަށް އެ ކަން އެނގޭނެއެވެ. އެކަމަކު އަހަރެންގެ ހާލާ ދޭތެރޭ އެއްވެސް ވަރަކަށް އަޒްލިފާ ވިސްނައިނުލީތީ އަހަރެން ކުޑަކޮށް ހައިރާންވިއެވެ. އަޒްލިފާގެ ވާހަކަ ހުރި ގޮތުން ހީވަނީ އޭނަ ކުރިޔަށް ކަންތައްތަކެއް ރާވައި ނިންމައިގެން ހުރިހެންނެވެ.

ގެއަށް އައި އިރު ވެސް އަހަރެން ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. ދެން ވެސް ކެތްކޮށްލީމެވެ. އަޒްލިފާ އެ ބުނި ޕީޓީ މީޓިން އެއީ އޮތް އެއްޗެއްތޯ ބަލައި، އެ ކަމުގެ ތަހުގީގެއް ވެސް ނުކުރަމެވެ. އެ ކަމާ ބެހޭ ގޮތުން، ކުޑަމިނުން ދަރިފުޅާ ވެސް ސުވާލެއް ނުކުރަމެވެ. ކުޑަ ވަގުތުކޮޅަކަށް ދެމަފިރިން ބައްދަލުވާ އިރު ޝަކުވާއަށް ވަގުތު ބޭކާރުކޮށްފިއްޔާ ލޯތްބަކަށް ވަގުތެއް ނޯންނާނެއެވެ.

އަޒްލިފާ ބުނި ވައްތަރުގެ ސައިކަލެއް އޭނައަށް ގަނެދިނީމެވެ. ދެން ވެސް އަހަރެން އުންމީދުކުރި ވަރުގެ އުފާވެރިކަމެއް އަޒްލިފާގެ މޫނުމައްޗަކުން ނުފެނުނެވެ. ހީވާ ކަހަލައެވެ. އަހަރެން ގާތުގައި އަޒްލިފާ ހުއްޓަސް އޭނަ ހުރީ އެހެން ތާކުއެވެ.

"ސައިކުގެ ހުރިހާ ކަމެއް ނިމެންވާ އިރަށް ލައިސަން ނަގަންވާނެއްނު!" އަހަރެން ބުނީމެވެ. "މި ކޮޅުން އެ ކަން ކުރެވޭތަ؟"

"ލަންކާ ޓްރިޕް ކިހިނެއް އޮތީ؟" އަޒްލިފާ ދެއްކީ މުޅީން އެހެން ވާހަކައެކެވެ.

"އަހަރެންގެ ސެކްޝަނުން ވަރަށް ގިނަ މީހުން ޗުއްޓީނަގައިގެން އުޅެނީ،" އަހަރެން ވަރަށް ތެދަށް ބުނީމެވެ. "އެހެންވެ އަހަންނަކަށް ޗުއްޓީއެއް ނުލިބޭނެ. އަޒްލިފާ އެކަންޏެއް ނުދެވޭނެއްނު! އަނެއްކޮޅުން އަހަރެން މާލެދާ ގޮތަށް ރާއްޖެތެރެއަށް ނައްޓާލަން ޖެހޭ. އަދި ނޭނގެ ދާ ރަށެއް ވެސް. އިހަށް ލައިސަން ކަންތަކާ ވިސްނަންވީނު."

"މާލޭގަ ޖަމީލު ހުންނާނެއްނު!" އަޒްލިފާ ބުންޏެވެ. "އޭނަ ބުނި ހުޅުލޭން ހަމަޖައްސަން ޖެހޭ ހުރިހާ ކަމެއް އޭނަ ހަމަޖައްސާނަމޭ. އެ ކަމާ ވިސްނާނެ ކަމެއް ނެތް. އޭނަޔާ ދިމާނުވިޔަސް އޯކޭވާނެ. އަހަރެން ވެސް އެހާ ގަމާރެއް ނުވާނެއްނު. ބޯޓަށް އެރީމަ ދެން ބޯޓު ޖައްސާނީ ލަންކާއަށް. އެ ކޮޅުން ދައްތަ ކައިރީގަ ބުނޭ މީހަކު ބަލާ ފޮނުވާށޭ!"

ޖަމީލަކީ އަޒްލިފާގެ ކޮއްކޮއެކެވެ. އަހަރެން ހިތަށްއެރިއެވެ. އަޒްލިފާ އެހާ ހިސާބަށް ވެސް ދަތުރު ރޭވީ ހެއްޔެވެ؟ އަހަރުމެން ދެމަފިރިންގެ ވިސްނުން ދެކަފިވެގެން މި އުޅެނީ ކީއްވެގެން ހެއްޔެވެ؟

"އެކަމަކު އަޒްލިފާ އަލަށް ލަންކާއަށް ދާން ތި އުޅެނީ،" އަހަރެން ބުނީމެވެ. "ކޮންމެ ގޮތެއް ވިޔަސް އެހީތެރިޔަކު ބޭނުންވާނެ. ކުޑަކުއްޖަކު ވެސް ގޮވައިގެން ތި ދަނީ. އަހަރެން ބަލާނަން ލަންކާއަށް ދާ ރައްޓެއްސަކު ހުރިތޯ. އޭރުން ހުޅުލޭން އޭނަޔާ ދިމާވާނެ. ދެ މީހުން އެއްކޮށް ނައްޓާލީމަ ނިމުނީ. ފުރަތަމަ ނަބީލާގެ ޕާސްޕޯޓެއްނު ހަދަންވީ. އުފަންދުވަހުގެ ސެޓުފިކެޓް ކޮބާ؟"

އެ ހިސާބުން އަޒްލިފާ ކުޑަކޮށް މަޑުޖެހިލިއެވެ.

"ސެޓްފިކެޓް ދޯ؟" އަޒްލިފާ މަޑުމަޑުން ބުނެލިއެވެ.

އެ ދަތުރުގައި ދެން ލަންކާއަށް ދާ ވާހަކައެއް އަޒްލިފާ ނުދައްކައެވެ. މާލެއައިސް އަހަރެން ފުރީ އައްޑޫއަށެވެ. އުފަންދުވަހުގެ ސެޓްފިކެޓު އީމެއިލުން ލިބުނީ ހަފުތާއެއް ފަހުންނެވެ. ނަބީލާގެ ނަން އޮތީ ބަދަލުކޮށްފައެވެ. ނަބީލާގެ ބަދަލުގައި އޮތީ މާޔާއެވެ. ވީ ގޮތް އަހަންނަށް ވިސްނުނެވެ. އަޒްލިފާ އުޅުނީ އެ ކަން އަހަންނަށް ސިއްރުކުރާށެވެ. ދަރިފުޅުގެ ނަން ބައްޕައަށް ސިއްރުކުރެވިދާނެ ހެއްޔެވެ؟ ބުނާނީ ކީކޭ ހެއްޔެވެ؟ ދެން އަނެއްކާ އަހަރެން ވީ އެ ކަން މައްސަލައަކަށް ހަދާށެވެ. އަލުން ބަދަލުކުރާށެވެ. އެއީ ކުޅޭ ކުޅިވަރެއް ހެއްޔެވެ؟ އަހަރެން އަޅައެއް ނުލަމެވެ. އެކަމަކު ހިތަށްއެރިއެވެ. އަހަރެން ކިޔާނީ ނަބީލާއެވެ. މާޔާއެއް ނުކިޔާނަމެވެ.

ޕާސްޕޯޓު ނިންމައިފައި އަޒްލިފާއަށް ފޮނުވީމެވެ. އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ޓިކެޓު ވެސް ހަމަޖެއްސީމެވެ. އެ މަހު އަހަރެން އަޒްލިފާއަށް ފޮނުވި ހުރިހާ ފައިސާއެއް ގެއަށް ހަރަދުކޮށް ހުސްވެއްޖެއެވެ. ގައިމު ވެސް އަޒްލިފާ ބުނީ އެހެންނެވެ. އޭނަ އަތަކު އެކައްޗެއް ވެސް ނެތެވެ. ލަންކާގެ ކަންކަން ހަމަޖައްސަން އަހަރެން ޖެހުނީ މީހަކު އަތުން ކުޑަ ލޯނެއް ނަގާށެވެ. ލަންކާގައި ތިބުމަށް ހަރަދު ނުދިޔަސް، ކުދިކުދި ކަންކަން ކޮށްލަން އަޒްލިފާ ފައިސާ ބޭނުންވާނެކަން އަހަންނަށް އެނގެއެވެ. އަހަރެން ބަލަނީ އަޒްލިފާއަށް ހުރިހާ ކަމެއް ވެސް ބަރާބަރަށް ހަމަޖައްސައިދެވޭތޯއެވެ.

ރަށުން ފުރުމަށް ފަހު، އަޒްލިފާގެ ފުލައިޓު ހުޅުލެއަށް ޖައްސާނެހާ އިރު ކޮށްފައި އަޒްލިފާއަށް ގުޅީމެވެ. ފޯނެއް ނުނަގައެވެ. އިރުކޮޅަކުން ޖަމީލު ގުޅިއެވެ. އޭނަ ވެސް ސުވާލުކުރަނީ އަޒްލިފާ ކޮބައިތޯއެވެ. އޭނަ ގުޅީމައި ވެސް އަޒްލިފާ ފޯނެއް ނުނަގައެވެ.

"އަހަންނަށް ގުޅާފަ އޭނަ ބުނި ހުރިހާ ކަމެއް އޯކޭވާނޭ!" އަހަރެން ބުނީމެވެ. "ދެން ކީކޭ ބުނާނީ؟"

އަހަރުމެން ދެ މީހުން ކުރެ އެކަކަށް ވެސް އަޒްލިފާއަކާ ނުގުޅުނެވެ. އޭނަ ވީ ތަނެއް ނޭނގުނެވެ. އަހަރެން ހާސްވެގެން ތެޅިފޮޅިގަތީމެވެ. މާލެއަކީ ބިރުވެރި ތަނެކެވެ. ކޮންމެ މީހަކަށް ކޮންމެ ފަދަ ކަމެއް ވެސް ވެދާނެއެވެ. ފުރަތަމަ، އަޒްލިފާ ފޯނު ނުނެގީއެވެ. ދެން އެ ނަންބަރަށް ނުވެސް ގުޅުނީއެވެ. ނަންބަރު އޮންނަނީ ނިއްވައިލައިފައެވެ.

ނުނިމޭ