ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕަށް ސައުސަން، ހަމްނާ، އާން، އިމްއާން
ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕަށް ސައުސަން، ހަމްނާ، އާން، އިމްއާން

ސްވިމިން ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ޓީމުގައި ހަމްނާ އަހްމަދު، އައިޝަތު ސައުސަން، މުހައްމަދު، އާން ހުސައިން އަދި އިމްއާން އަލީ ހިމަނައިފި އެވެ.

ޑިސެމްބަރު 16-21 އަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ބާއްވާ މުބާރާތަށް މި ހަތަރު ފެތުންތެރިން ހޮވީ ޓައިމް ޓްރެއަލްއެއް ބޭއްވުމަށް ފަހު އެވެ.

ސައުސަން އާއި އިމްއާން އަކީ، މި އައަރު ބޭއްވި އޮލިމްޕިކް ގޭމްސް އަށް އެތުލީޓުން ހޮވުމަށް ބޭއްވި ޓައިމް ޓްރެއަލްއިން ކުރި ހޯދި ދެ ފެތުންތެރިންނެެވެ. އެހެންވެ އޮލިމްޕިކްސް އަށް ދާން އެންމެ ފުރަތަމަ ނެރުނު ލިސްޓްގައި އޮތީ އެ ދެ އެތުލީޓުންގެ ނަމަވެ. ނަމަވެސް ގޭމްސް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް، ދުނިޔޭގެ ސްވިމިންގެ މައި އިދާރާ (ފީނާ) ގެ އުސޫލުތަައް ބަދަލު ކުރުމުން އެ ދެ ފެތުންތެރިންނަށް ފުރުސަތު ގެއްލުނެވެ.

އޮލިމްޕިކްސް އަށް ފުރުސަތު ދޭން، ފީނާއިން އެންގީ އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހިމް އަށެވެ. އެއީ ފީނާ ރޭންކިންގައި ރާއްޖޭގެ ފެތުންތެރިންގެ ތެރެއިން އެންމެ ކުރީގައި ތިބި ދެ ފެތުންތެރިންނަށް ވުމުންނެވެ.

އެހެން ނަމަވެސް ވޯލްޑް ޗެމްޕިއަންޝިޕަށް ދާން ނެގި ފެތުންތެރިންގެ ތެރޭގައި މުބާލް އާއި ސާޖިނާ ވެސް ނުހިމެނެ އެވެ. ވޯލްޑް ޗެމްޕިއަންޝިޕަށް ޓީމު އެކުލަވާލަން ބޭއްވި ޓައިމް ޓްރަޔަލްގައި ސާޖިނާ ބައިވެރިއެއް ނުވެ އެވެ.

އޮސްޓްރޭލިއާގައި ހުރި މުބާލް، ޓައިމް ޓްރެއަލްގައި ބައިވެރިވާން ރިކްއެސްޓް ކުރި އެވެ. އޭނާގެ ޓައިމް ޓްރެއަލްއަކަށް ބެލީ އޮލިމްޕިކްސްގެ ކުރިން ބޭއްވި ޓައިމް ޓްރެއަލް އެވެ. ނަމަވެސް އެ ޓައިމަށް ވުރެ މަތިން އިމްއާން އާއި އާން ވަނީ ސްކޯކޮށްފަ އެވެ. މުބާލް އޮސްޓްރޭލިއާގައި ތަމްރީން ހަދަނީ، އޮލިމްޕިކް ސްކޮލާޝިޕެއްގެ ދަށުންނެވެ.

"އޮސްޓްރޭލިއާގައި މުބާލް ހުރި ސަރަަހައްދުގައި ލޮކްޑައުންގެ ފިޔަވަޅުތައް އަޅާފައި ވުމުން އޭނާ އަށް ތަމްރީންތައް ކުރިއަށް ނުގެންދެވޭ. އެކަމަކު މުބާލް އެދުނު ޓައިމް ޓްރެއަލްގައި ބައިވެރިވާން. އެދުނީ އެންމެ ފަހުގެ ޓައިމް ޓްރެއަލް އަށް ބެލުމަށް،" ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއީލް އަލީ ވިދާޅުވި އެވެ. "އެކަމަކު އެ ޓައިމް އަށް ވުރެ އަވަހަށް އެހެން ފެތުންތެރިން ރޭސް ނިންމާފައިވުމުން އެ ފެތުންތެރިންނަށް ފުރުސަތު ލިބުނީ."

އިމްއާން ގެންދަނީ ފީނާ ސްކޮލާޝިޕެއްގެ ދަށުން ރަޝިއާގެ ކަޒާންގައި ޓްރޭނިން ހަދަމުންނެވެ.