07 ޑިސެމްބަރ 2016 - 06:18

ބިންމަތީގައި އަހަރެންގެ ފައި ޖައްސައިދިނީ ބައްޕައެވެ. ހިނގަން ދަސްކޮށްދިނީ މަންމައެވެ. މަގުމަތީގައި އަހަރެން ހިނގައިފައިދާއިރު އަހަރެންގެ އަތުގައި ހިފަހައްޓައިގެން މަންމަ ހުރެއެވެ. އަހަރެން އަރިއަޅައިލައެވެ. އެކަމަކު، މަންމަގެ ހުސިޔާރުކަމުން އަހަރެން ވެއްޓުނަކަ ނުދެއެވެ. އަހަރެން ވެއްޓުނީ މަންމަގެ އަތް ފޮޅުވައިލި ދުވަހުއެވެ. ނުވަތަ މަންމަ ނުގަބޫލު މީހަކާ އަހަރެން ކައިވެނި ކުރި ދުވަހުއެވެ. ކުރާނީ ކީއްހެއްޔެވެ؟ ޒުވާން އުމުރެވެ. އަހަރެން ވަށައިގެން ފިރިހެންކުދިން މުގޯލިއެޅީ ހަތައެއްގެ ވަށައިގެން ކުޅަނދުރުތަކެއް މުގޯލިއަޅާހެންނެވެ. އަހަރެންގެ އިސްތަށިގަނޑާއި ސިފައަށް ތަޢުރީފު އޮހުނެވެ. އަހަރެން އުޅެން ބޭނުންވީ އެވެނި ފިލްމެއްގައި މިވެނި މީހަކު އުޅޭ ގޮތަށެވެ. މިވެނި ލަވައެއްގައި އެ ކިޔާ ކަހަލަ ދުނިޔެއެއްގައެވެ. އެވެނި ވާހަކައެއްގައި އެ ބުނާ ކަހަލަ ހުވަފެނެއްގައެވެ.
ނާފިޢުއަކީ އަހަންނަށް ފެނުނު އެންމެ ފުރިހަމަ ފިރިހެނާއެވެ. އޭނަ މަޝްހޫރެވެ. ރީއްޗެވެ. އެތައް އަންހެންކުދިންނެއްގެ ހިތުގައި ރަސްކަން ކުރިއެވެ. އޭނަގެ ރާއްސަކީ ޓޯރަސްއެވެ. އެ ރާހީގެ މީހުންނަކީ ބަރޯސާވެވޭ، ހިތްވަރުގަދަ ބައެކެވެ. ރީތި އަދި ފުރިހަމަ ހުރިހާ އެއްޗެއްދެކެ އެ މީހުން ލޯބިވެއެވެ. ބައެއް ފަހަރު ބޯހަރުކަމެއް ހުއްޓަސް، އެންމެ އިތުބާރުކުރެވޭ މީހުންނަކީ އެ ރާހީގެ މީހުންނެވެ. ފުރާވަރުގެ އުމުރުގައި އެ ކަހަލަ އެއްޗެހި ގަބޫލުނުކުރަނީ ކާކު ހެއްޔެވެ؟ ލަފާކުރެވޭ ގޮތުގައި، އަހަރެން ކިއި އެ ކަހަލަ ގިނަ ފޮތްތައް ނާފިޢު ވެސް ކިޔެވެ. އޭނަ އުޅުނީ ފިސާރި "ޓޯރަސް ވެގެންނެވެ."
މައިންބަފައިންނަކީ، ގިނަ ދުވަހު ދުނިޔެ ދެކިފައިވާ މީހުންނެވެ. އެ މީހުންގެ ތަޖުރިބާ ހުންނާނެއެވެ. ނާފިޢު ވަންހަނާ ކޮށްގެން އުޅުނު ސިފަތައް އަހަންނަށް ހާމަކޮށްދޭން މަންމަ ވަރަށް މަސައްކަތްކުރިއެވެ. އިސްލާމީ ރިވެތި ސިފަތައް ނެތުމުން ދެން ނުކުމެދާނެ މައްސަލަތައް ކިޔައިދިނެވެ. އަހަންނަކަށް އެ އަޑުތަކެއް ނީވެއެވެ. ކަނު ލޯބީގައި އަހަރެން ހުރީ ރަނގަޅަށް ކަނުބަނދެވިފައެވެ. ނާފިޢުގެ އެއްވެސް އުނިސިފައެއް އަހަންނަކަށް ނުފެނުނެވެ. އަހަންނާއި ނާފިޢުގެ ދެމެދަށް މައިންބަފައިން ވަނެވެ. އަހަރެން ހައިހޫނުކަމުގެ ހަޅުތާލު ކުރީމެވެ. ބަނޑަށް މަރުވާނެކަމުގެ ބިރުދެއްކީމެވެ. މަންމަ ހަތިޔާރު ބެހެއްޓިއެވެ. ދަރިފުޅުދެކެ ވާ ލޯބީގެ ސަބަބުން ދަރިފުޅު އަނދަވަޅަކަށް ވައްޓާލަން ކެރޭނީ ކިތައް މައިންނަށް ހެއްޔެވެ؟ އަހަރެންގެ މަންމައަކީ އޭގެ ތެރެއިން އެކަކެވެ. ނާފިޢުގެ ފަރާތުން އެންމެން ވެސް ކައިވެންޏަށް ރުހުންދިނެވެ. އެކަކު ފިޔަވައެވެ. އެއީ ރިފާއެވެ. ނާފިޢުގެ އެންމެ ދޮށީ ދައްތައެވެ. ރަނގަޅު ސަބަބެއް ވެސް އޮތެވެ. ދައްތަ ބޭނުންވީ ދައްތަގެ އެންމެ ގާތް އެކުވެރިޔާގެ ދަރިފުޅާ ނާފިޢު ދެވާށެވެ.
އަހަންނާއި ނާފިޢުގެ ކައިވެނީގެ ފުރަތަމަ ދުވަހުން ފެށިގެން ދައްތަގެ އުނދަގޫ ޖެހެންފެށިއެވެ. އަހަރެން ހީކުރީމެވެ. އަހަރެންގެ ގޭގައި ނާފިޢު އުޅޭތީ ދައްތައަކަށް މާ ބޮޑު ކަމެއް ނުކުރެވޭނެއެވެ. އެއީ ކުށްހީއެކެވެ. ފުރަތަމަ މަލާމާތްކުރަން ފެށީ އަހަންނަށް ކައްކަން ނޭނގޭތީއެވެ. އިސްތިރިކުރަން ނޭނގޭތީއެވެ. އެއީ ތެދެކެވެ. އެހެންނަމަވެސް، އެ ކަންކަން ދަސްކުރަން އަހަރެން މަސަތްކަތް ކުރީމެވެ. ފިރިމީހާއަށް އެ ކަންކަން ކޮށްދޭން އަހަރެން ބޭނުންވިއެވެ. ދައްތަގެ ނަޒަރުގައި އަހަންނަކީ ކަންނެތް އަންހެނެކެވެ. "ސޯޝަލް މީޑިޔާ" އަކީ ދައްތަގެ ދަރުބާރެވެ. ރައްޓެހިން ވަރަށް ގިނައެވެ. ދައްތަ އަޅާ އަލިފާނަށް ވިހެދޭނެ އަތްތައް ބައިވަރެވެ. ރައްދުގައި އަހަރެން އެކައްޗެއް ވެސް ނުބުނަމެވެ. އަހަރެންނަކީ އެ މިޒާޖުގެ ކުއްޖެކެވެ. ކެތްތެރިކަމާ އެކުގައި އަހަރެން ރުޅި ކޮންޓުރޯލު ކުރީމެވެ. ދެން ފެށުނީ، ހަދައިގެން ވާހަކަދެއްކުމުގެ ސިލްސިލާއެކެވެ. އަހަރެން ނުދައްކާ ވާހަކައާއި، ނުކުރާ ކަންތައް ކުރިކަމަށް ހަދައިގެން ފަތުރަން ފެށިއެވެ. އަހަރެން އެންމެ ހައިރާންވީ ނާފިޢުއަށް އަހަރެން ދަސްނުވީމައެވެ. އަހަރެން ދައްކާ ވާހަކަ އޭނަ ގަބޫލުނުކުރީމައެވެ.
އަހަރުމެން ދެމަފިރިން ދެމެދުގައި މައްސަލަޖެހެން ފެށިއެވެ. އަހަރެން ޒުވާބެއް ނުކުރަމެވެ. އަޑުއަހަން އިންނަނީއެވެ. މައްސަލައަކަށްވީ މަންމައަށް އެ ކަން އެނގުމެވެ. މަންމަޔާ ދެކޮޅަށް އަހަރެން ކައިވެނި ކުރި ނަމަވެސް، އަހަންނާ ދެކޮޅަކަށް މަންމަ ދުވަހަކު ވެސް ނުތެދުވެއެވެ. އަބަދު ވެސް މަންމަ ހުރީ އަހަންނާއި ކޮޑާކޮނޑު ޖެހޭ ހިސާބުގައެވެ. އަހަރެންގެ ކަރުނަ ފުހެދީ، ހިތްވަރުދީ ހެދިއެވެ. ކައިވެނި ސަލާމަތްކުރަން ބައްޕަ ވެސް މަސައްކަތް ކުރިއެވެ. ނާފިޢުއަށް ރަނގަޅު ވަޒީފާއެއް ހޯދައިދީ، ސައިކަލެއް ވެސް ގަނެދިނެވެ. އެ އިން ކޮންމެ ކަމަކުން ވެސް ނުކުތީ ގޯސް ނަތީޖާއެކެވެ. ވަޒީފާއަށޭ ކިޔާފައި ނާފިޢު ދަނީ އެހެންތާކަށެވެ. ސައިކަލުގެ ފަހަތުން ގިނައިން ފެންނަން ފެށީ އެހެން އަންހެންކުއްޖެކެވެ. އެކަމަކު، އެ ކަމަކަށް ނާފިޢު އެއްބަހެއް ނުވެއެވެ. ދޮގުހެދުން އިންތިހާއެވެ. ރާހީގައި ބުނި އެއްވެސް ސިފައެއް އޭނަގެ މިޒާޖަކު ނެތެވެ.
ކައިވެނީގައި އަހަރެން ހޭދަކުރި ދުވަސްތަކަކީ، އަހަރެންގެ ދިރިއުޅުމަށް އައި އެންމެ ނުތަނަވަސް ދުވަސްތަކެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު ގެއްލުނެވެ. ވަރަށް ފިނޑިވިއެވެ. ކެތްކޮށްލައިގެން މަންމަ ދުރުގައި މަންޒަރު ބަލަން ހުއްޓެވެ. އެއްދުވަހަކު އަހަރެންގެ ގައިގަ ނާފިޢު ޖެހިއެވެ. މަންމައަށް އެ މަންޒަރު ފެނުނެވެ. ވަގުތުން ނާފިޢު ގެއަށް ފޮނުވައިލިއެވެ. ދައްތަ ގާތަށް ވަރަށް ރުޅިއައެވެ. އަހަންނަށް ޖެއްސުންކުރުން އެހެން ހަރުފަތަކަށް ދައްތަ ގެންދިޔައީ އެ ގޮތަށް ނާފިޢު ފޮނުވައިލުމުންނެވެ. އަހަރެން ވަރިކޮށް، ނާފިޢުގެ މިސްރާބު އެހެން ދިމާއަކަށް ބަދަލުކުރިއެވެ. ދައްތަ ޒާތީގޮތުން އަހަންނާ ޖައްސައިލިއެވެ. އަހަރެން ލަދުގަންނަ ކަހަލަ ދޮގު ވާހަކަތައް ފަތުރައިލިއެވެ. ފޯނުން އަހަންނަށް ގުޅައިގެން ހުތުރު އެއްޗެހި ކިޔަން ފެށިއެވެ. ކޮންމެ އިންސާނަކަށް ވެސް ކެތް ކުރެވޭނީ ވަކި ވަރަކަށެވެ. ސީދާ ދައްތައަށް ރައްދު ދޭކަށް އަހަންނަކަށް ނުކެރެއެވެ. އެކަމަކު އަހަރެންގެ މިޒާޖު ބަދަލުވާން ފެށިއެވެ. ކުރިން ކަމަކަށް ނަހަދާ ކަންކަމުގެތެރެއަށް އަހަންނަށް ވަދެވެން ފެށިއެވެ. ހިތުގައި ހަސަދަވެރިކަމުގެ ހުޅުގަނޑު ފަޅައިގެންގޮސް، ހަރުކަށި މީހަކަށް އަހަރެން ބަދަލުވާން ފެށިއެވެ. ކަންކަމުގައި ފަރުވާ ކުޑަވެ، މީހުންނަށް މަލާމާތްކުރުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބެން ފެށިއެވެ. ވަޒީފާ މައްޗަށް ދިޔުން ފިޔަވައި، އަހަރެންގެ ދެން ހުރި ހުރިހާ ކަމެއް ވެސް ދިޔައީ ދަށަށެވެ. އަހަރެން ކިއުގައި ހުއްޓައި ނުގަވާއިދުން މީހަކު ކިއުއަށް ވަނަސް ވަގުތުން ހަޅޭއްލަވައިގަންނަމެވެ. ހިނގައިފައި ދަނިކޮށް މީހަކަށް ކުރިމައްޗަށް އެރުނަސް، ވެއިޓަރު ލަހުން އެއްޗެހި ގެނަޔަސް ހަމަ އެ ވަރު ކޮށްލަމެވެ. ކުޑަމިނުން، އެހެން މީހަކަށް އުފަލެއް ލިބޭތަން ބެލުމަކީ ވެސް އަހަންނަށް ފަސޭހަކަމެއް ނޫނެވެ. އަހަރެންގެ ގިނަ ވަގުތު ހޭދަވާނީ ފޯނުގައެވެ. ނުވަތަ ކޮންޕިއުޓަރު ކައިރީގައެވެ.
ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އަހަރެން އިނީ ފޭސްބުކް ހުޅުވައިގެންނެވެ. ނާފިޢުއަށް ކޮންމެވެސް އުފަލެއް ލިބިގެން އެ ކަމާ އޭނަގެ އެކުވެރިން މަރުޙަބާ ކިޔަނީއެވެ. އެ ވަރުން ވެސް އެއީ ކޮންކަމެއްކަން ބުނެފައެއް ނެތެވެ. ރުޅިގަދަވެގެންގޮސް ގައިގައި ހުޅު ރޯވާނެ ނަމަ ހުރީހީ ހުޅު ރޯވެފައެވެ. ހިތްހަމަޖެހޭ އެކައްޗެއް ވެސް ނުފެނެއެވެ. ރައްޓެހިން ކޮންމެ ދުވަހަކު ރެސްޓޯރަންޓުތަކަށް ގޮސް ކާއެއްޗެހީގެ ފޮޓޯއެވެ. ތަންތަނަށް ދަތުރުކޮށް ނަގައިފައި ހުންނަ ރީތި ފޮޓޯތަކެވެ. ލައިގެން ތިބޭ ރީތި ހެދުންތަކާއި، އަރައިފައި ހުންނަ ރީތި ފައިވާންތަކެވެ. އެ މީހުންގެ ބާއްޖަވެރި ޒަވާޖީހަޔާތާއި، ނަގާ މަޖަލެވެ. އެ އިން އެއްވެސް ކަމެއް އަހަންނަށް ނުލިބުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ހިތް އޮތީ ޝަކުވާއާއި ސުވާލުތަކުން ފުރިފައެވެ. އަހަރެން ހުސްހަށިބައިވިތާ އެތައް އަހަރެއްވީއިރު ވެސް އަހަންނަކަށް އުފަލެއް ނުލިބުނެވެ. ގެއިން އޮފީހަށް، އޮފީހުން ގެއަށެވެ. އަހަރެން ސައިކަލު ފަހަތަށް ލައިގެން ދުއްވަން ދާނެ ލޯބިވެރިއެއް ނެތެވެ. ކިހާ ދުވަހެއް ބޭކާރުވެގެން ހިނގައްޖެ ހެއްޔެވެ؟ އަހަރެންކަން ނޭނގޭނެ ނަމަ، އެފްބީގެ އެ ކަހަލަ ހުރިހާ އެއްޗެއް "ޑިސްލައިކު" ކުރީމުހެވެ. ފޯނު ރަނގަބީލު ވިއެވެ. އެއީ ކާކުކަން އަހަންނަށް އެނގެއެވެ. ނުދަންނަ ނަންބަރުތަކުން އަހަންނަށް ގުޅާނެ އެހެން މީހަކު ނުހުންނާނެއެވެ. ދެން ހިތަށްއެރިއެވެ. ފަހަރެއްގައި ކަމެއްޖެހިގެން އެހެން މީހަކު ވެސް ގުޅައިފާނެއެވެ. ފޯނު ނެގީމެވެ. ހަލޯ ނުކިއިގެން އުޅެނިކޮށް ހަޅޭއްލަވަން ފެށިއެވެ. ފޯނު ކަނޑައިލީމެވެ. އެ ދަނޑިވަޅު ލީލާ ވަނެވެ. ވަރަށް ހިނިއައިސްފައި ހުރެގެންނެވެ.
"އަޅުގަނޑަށް ޗުއްޓީއެއް ލިބިދާނެތޯ؟" ލީލާ ވާހަކަދެއްކީ ވަރަށް އަދަބުވެރިކަމާ އެކުގައެވެ. "މެރީކުރަން އުޅޭތީ.."
"ކެނޑިގެން ގޭގަ ހުންނަންވީނުދޯ؟" ރުޅިއަޔަސް އަޑު ކޮންޓުރޯލުކުރަމުން އަހަރެން ބުނީމެވެ. "ގަޑިއަށް އައި ދުވަހެއް ބުނެބަލަ! އޮފީސް ނިމެންދެން އޮފީހުގަ އިން ދުވަހެއް ބުނެބަލަ! ތި އަށް ވުރެ ޕާފޯމަންސް ދަށް ސްޓާފެއް މި ސެކްޝަނަކު ނޫޅޭނެ. ޗުއްޓީ ނަގާ ޗުއްޓީ ނަގާ. އެކަމަކު ދެން ހުރޭ ގޭގަ."
މުވައްޒަފުން އޮފީހުން ވަކިކުރުމުގެ ބާރެއް އަހަންނަކަށް ނުވެސް އޮންނާނެއެވެ. އެހެންވިޔަސް އެހެން ބުނެލީއެވެ. ލީލާ ރޮމުންރޮމުން ދުވެފައި ނުކުތެވެ. ޖަލްސާއަކަށް ދާންޖެހޭކަން ހަނދާންވީ ކުއްލިއަކަށެވެ. ހިތަށްއެރިއެވެ. އަހަރެންގެ ހަނދާން ބަލިވާން ފެށީ ހެއްޔެވެ؟ ދަބަސް ހިފައިގެން ދުވެފައި ކަހަލަ ގޮތަކަށް ނުކުތީމެވެ. ސައިކަލުގެ ފުރޮޅަކު ވަޔެއް ނެތެވެ. ޓެކްސީއަކަށް ނުގުޅުނެވެ. އަވަސްއަވަހަށް އޮފީހުން ނުކުތީ، މަގުމަތިން ކާރެއް އަތުޖެހޭތޯއެވެ. އަހަންނަށް ނުކުމެވުނީ ނާފިޢުގެ ކުރިމައްޗަށެވެ. އޭނަގެ ސައިކަލު ފަހަތުގައި އަންހެންކުއްޖަކު އިނެވެ. ބައްދައިލައިގެން އިންގޮތުން ހީވަނީ ނާފިޢު ސައިކަލުން ފައިބައިގެން ދިޔަނުދޭން އުޅޭހެންނެވެ. އެ ދުވަހަކީ، ރުޅިއަންނަ އެތައް ކަމެއް ދިމާވި ދުވަހެކެވެ.
ޖަލްސާ ކެންސަލުކޮށްފައި، ފައިމަގުގައި ގެއާ ދިމާއަށް މިސްރާބުޖެހީމެވެ. އެ ނޫން ގޮތެއް ނެތީއެވެ. ކުރުމަގުން ގެއަކަށް ނުދެވުނެވެ. މަގު ހަދާތީ މުޅި ހިސާބުގަނޑުގައި އޮތީ ސިމެންތިއެވެ. އެހެން މަގަކަށް ބަދަލުކޮށްލީމެވެ. ލޯރިއަކަށް މުދާ އަރުވަނީއެވެ. ދުއްވާއެއްޗެއްސާ ހެދި ހިނގާނެ ތަންކޮޅެއް ނެތެވެ. އިރުކޮޅަކުން ބަރުގޮނުއަޅަން ފެށިއެވެ. އެ މަގުން ނުކުތީމެވެ. ތެދަށް ބުނާ ނަމަ، ދެން ހިނގައިގަންނަންވީ ކޮޅެއް ވެސް އަހަންނަކަށް ނޭނގުނެވެ. ރިފާގެ މެސެޖެއް ލިބުނެވެ.
"ކާޑެއް އެބައޮތް،" ރިފާގެ މަލާމާތުގެ މެސެޖުގައި އޮތެވެ. "ވައިބާކޮށްލިޔަސް އޯކޭތަ؟"
އަހަރެން ހިތަށްއެރިއެވެ. ވަގުތު ޖެހުނީއެވެ. ނަންބަރުތަކަށް ފިތާލީމެވެ. ދެފަހަރަކު ރަނގަބީލުވާއިރަށް ފޯނު ނެގިއެވެ. އެއީ އެހާ އަވަހަށް އޭނަ ފޯނު ނެގި ފުރަތަމަ ފަހަރެވެ.
ނުނިމޭ