23 އޮކްޓޯބަރ 2021 - 14:47

ހއ. ބާރަށަށް ދިޔަ ފްލެމިންގޯއެއް ބަޔަކު މީހުން ހިފައި ފިޔަ ކޮށައި ވިއްކަން އުޅުނު މައްސަލަ ބަލަމުން އަންނަނިކޮށް، އެ ރަށު މީހަކު ފަޅުތެރޭ ދާ އަޅައިގެން މިޔަރު ހިފި މައްސަލައެއް ވެސް ފެންމަތިވެ ފުލުހުން ބަލަން ފަށައިފި އެވެ.
އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ދާ އަޅައިގެން ވަކި ބާއްވަތްތަކެއްގެ މަސް ހިފުމަކީ މިދިޔަ އަހަރު ތަންފީޒުކުރަން ފެށި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން މަނާކަމެކެވެ.
ފުލުހުން "މިހާރު" އަށް ބުނީ ބާރަށުގެ ފަޅު ތެރޭގައި ދާ އަޅައިގެން މަސް ހިފި މައްސަލައެއް އިއްޔެ ރިޕޯޓްކޮށްފައި ވާތީ، ތިމާވެށީގެ ކަންކަން ބަލަހައްޓާ އިދާރާ، އީޕީއޭގެ އިރުޝާދުގެ ދަށުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެ އެވެ.
މިކަމާ ގުޅޭ ގޮތުން ބާރަށު ކައުންސިލްގެ ނައިބް ރައީސް އަލީ އަމީޒް އަށް ގުޅުމުން ވިދާޅުވީ މިފަދަ މައްސަލައެއް ރަސްމީކޮށް އެ ކައުންސިލަށް ހުށަޙަޅާފައި ނެތް ކަމަށެވެ. އަދި ދާ އަޅައިގެން ފަޅުތެރެއިން މަސް ހިފުމަކީ މަނާކަމެއް ކަން ރައްޔިތުންނަށް ކައުންސިލުން ކުރިން ވެސް އަންގާފައިވާނެ ކަމަށެވެ.
ބާރަށުގެ މީހަކު ދާ އަޅައިގެން އެ ރަށު ފަޅުތެރެއިން މަސް ހިފާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އުމުރުން ދުވަސްވީ އެމީހާ ދާ އަޅައިގެން ހިފާފައި ވަނީ މިޔަރާއި މަޑިތަކެކެވެ.
މިޔަރަކީ މަސްވެރިކަމުގެ އާންމު ގަވާއިދުގެ ދަށުން ދާ އަޅައިގެން ހިފުން މަނާކޮށްފައިވާ ނުވަ ބާވާތުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.
ބާރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އުމުރުން ދުވަސްވީ އެ މީހާ ދާ އަޅައިގެން ފަޅު ތެރެއިން މަސް ހިފާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. އަދި އޭނާއާ ބައިވެރިވެގެން އެހެން ބައެއް މީހުން ވެސް އެކަމުގައި އުޅޭ ކަމަށާއި މި މައްސަލަ އެކި ފަހަރު މަތިން އެ ރަށު ކައުންސިލާއި ފުލުހުންގެ ސަމާލު ކަމަށް ގެނައި ނަމަވެސް މިހާތަނަށް އެއްވެސް ފިޔަވަޅު އަޅާފައި ނުވާ ކަމަށް އޭނާ ތުހުމަތުކުރި އެވެ.
ގަވާއިދު ބުނާ ގޮތުން މަސްވެރިކަމެއްގައި ދާ އަޅައިގެން ހިފުން މަނާ ބާވަތެއް ހިފައިފި ނަމަ، އަދި ދާ ބޭނުންކުރަން ޖެހޭ ހަމަތަކާ ހިލާފަށް ދާ ބޭނުންކޮށްފި ނަމަ، 2،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އެކަން ތަކުރާރުކުރާ ކޮންމެ ފަހަރަކު 500 ރުފިޔާ އިތުރު ކުރެވޭނެ ކަމަށާއި އަދި އެގޮތަށް ޖޫރިމަނާ އިތުރު ކުރެވޭނީ 5،000 ރުފިޔާ އާ ހަމަ އަށް ކަމަށް ބުނެފައިވެ އެވެ.
މި މައްސަލަ ފެންމަތިވިއިރު، ހިޖުރަކުރާ ފްލެމިންގޯ ވިއްކަން އުޅުނު މީހަކު ހޯދައި އެ ފްލެމިންގޯތަކުގެ ތެރެއިން ފިޔަ ކޮށާލާފައިވާ ދޫނި އީޕީއޭގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. ފިޔަ ކޮށާލާފައިވުމުން އެއަށް އެހެން ދޫނިތަކާ އެކު ހިޖުރަ ކުރުމުގެ ދަތުރުގައި ބައިވެރިނުވެވޭނެތީ އެ ދޫނި އުޅެން ރަށެއް ހަމަޖެއްސުމުގެ މަސައްކަތް އީޕީއޭ އިން އަންނަނީ ކުރަމުންނެވެ.