23 އޮކްޓޯބަރ 2021 - 08:50

ރާއްޖެ ހިޖުރަކުރި ފްލެމިންގޯ ދޫނިތަކެއްގެ ހިމާޔަތުގައި ކަމާ ބެހޭ ފަރާތްތައް ނުކުމެ ވަރަށް ބޮޑެތި "ގުރުބާނީތަކެއް ވެއްޖެ" އެވެ. އޭގެތެރެއިން ބައެއް ދޫނިތައް ހިފައި ވިއްކަން އުޅުނު މީހަކު ވެސް ފުލުހުންގެ ހައްޔަރަށް ހިނގައްޖެ އެވެ. އެއަށް އުޅެވޭނެ ހާއްސަ ރަށެއް ވެސް ހަމަޖައްސައިދީފި އެވެ. އެ ހިމާޔަތް ކުރަން ސަރުކާރުން ދެ ފަހަރު، އަދި ރައްޔިތުންގެ މަޖިލީހުން އެއް ފަހަރު ބަޔާނެއް ނެރެ އިންޒާރު ވެސް ދީފި އެވެ. ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މުޅި މައްސަލަ ހައްލުކޮށްދީފި އެވެ!

މިއީ، އާންމު ބަހުން ނަމަ، ކަންދެއްކުމެވެ. އާންމުންގެ ނަޒަރު ގޮސް މި ހުއްޓެނީ ރާއްޖެ ކަހަލަ ތަނެއްގައި ދެން ހުރި މައްސަލަތަކުގެ ތެރެއަށެވެ! ފްލެމިންގޯތައް، ނުވަތަ އެއްވެސް ފުރާނަ އަކަށް އެގޮތަށް ގެއްލުން ދިނުމަކީ އެއްވެސް މީހަކު އެކަމާ ދެކޮޅަށް ވާހަކަ ދެއްކި ކަމެއް ނޫނެވެ. އެކަމަކު، އާންމުންގެ ސުވާލަކަށް ވީ، ފްލެމިންގޯއެއް ވިއްކަން ވައިބަ ގްރޫޕެއްގައި ޖަހައި، އެކަން މީޑިއާ އަށް ތިލަވީއްސުރެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަން އެއަށް މުޅިން ގޮސް ހުއްޓި، އެކަން ހައްލުކުރަން އެ އެޅި ފިޔަވަޅުތައް އެހެން ކަންތައްތަކާ ދޭތެރޭ ނާޅަނީ ކީއްވެ ހެއްޔޭ އެވެ؟

ރަނގަޅު ސުވާލެކެވެ. ރާއްޖޭގައި މައްސަލަތައް މަދެއް ނޫނެވެ. ބަލާލި ކޮންމެ ދިމާއަކުން މައްސަލަ އެވެ.

ހިޖުރަކުރަމުން އައިސް އެކި ރަށްތަކަށް އުދުހިފައިދާ ފްލެމިންގޯއަށް ގެއްލިފައި ތިއްބައި އަހަރެމެންނަށް ވަރަށް ހިތްދަތި މަންޒަރެއް ވެސް ފެނިއްޖެ އެވެ. ސިއްހީ ހިދުމަތުގައި އަދިވެސް އުފުލަން ޖެހޭ ތަކުލީފެވެ. ހދ. މަކުނުދޫ ހެލްތު ސެންޓަރުގެ އެމްބިއުލަންސް ހަލާކުވެފައި އޮތުމުގެ ސަބަބުން ބަލި ބައްޕައަކު ފަރުވާއަށް ގެންދަން ޖެހުނީ ބަރޯއަކަށް ލައިގެންނެވެ. މި މަންޒަރުން އެނުގުނީ ބަލި މީހާގެ ބައްޔަށް ވުރެން އިތުރު އުނދަގޫ ތަހައްމަލްކުރަން ޖެހޭ މި ހާލަތުން ވެސް އަހަރެމެންނަށް އަރައި ނުގަނެވޭ ކަމެވެ.

ރާއްޖޭގެ ހުރިހާ ރަށްތަކަށް އެމްބިއުލަންސް ހަމަކޮށްދޭނެ ކަމުގެ ވައުދު ވަމުން އަންނަތާ ވެސް އެތައް ޒަމާނެކެވެ. މިފަދަ މަންޒަރެއް އާއްމުވާ ކޮންމެ ފަހަރަކު މިވެނި މުއްދަތެއްގެ ތެރޭގައި ހުރިހާ ރަށަކަށް އެމްބިއުލަންސް ފޮނުވައިދޭނެ ކަމަށް ބުނެ މަންޒަރު ފަނޑުކޮށްލަނީ އެވެ.

އަންހެނުންނާއި ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލައެއް ފެންމަތިވެ ތަހުގީގު ފަށައިފި ކަމުގެ ހެޑްލައިނެއް ނުފެންނަ ދުވަހެއް ނުދެ އެވެ. އެއާއެކު ދެން އުފެދޭ ސުވާލަކީ މިއިން އެއްވެސް މައްސަލައެއްގައި އިންސާފާ ހަމައަށް ވާސިލްވެދާނެ ހެއްޔެވެ.

ގާނޫނާ ހިލާފަށް ރޯމާ ދުވާލު އާންމުންގެ ތެރޭގައި ކުރާ ގާނޫނާ ހިލާފު ކަންކަން ވެސް ބައިވަރެވެ. އެކަންކަމާ ފުލުހުން އަޅައެއް ނުލަ އެވެ. މައްސަލަތައް ހައްލެއް ނުވެ އެވެ. އެ ކަންކަން ހައްލުކުރަން އުޅޭ ތަނެއް ވެސް ނުފެނެ އެވެ.

"ބޮޑު ސިންގާ މަގެއްގައި ފުލުހުންގެ ކުރިމަތީގައި ބްލެކް މާކެޓްގައި ޑޮލަރު އެއޮއް ވިއްކާ ނަގަނީ. ގާނޫނާ ހިލާފު ކަންކަން އެއީ. ކީއްވެ ނުހުއްޓުވަނީ،" މި މައްސަލާގައި ދައުލަތުގެ ވިޔަފާރި ކުންފުންޏެއްގެ އިސް ބޭފުޅަކު ހިޔާލު ފާޅުކުރައްވަމުން ވިދާޅުވި އެވެ.

"މައްސަލަތައް ބައިވަރު. ފްލެމިންްގޯ ހިމާޔަތް ކުރަން ކުރާވަރުގެ މަސައްކަތް އެހެން ކަންކަމުގައި ދައްކާ ނަމަ..."
ފްލެމިންގޯތަކުގެ މައްސަލަތައް އާންމުންގެ ގިނަ ބަޔަކު ދެން ގުޅުވާލީ ޑްރަގްގެ މައްސަލަތަކާ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި ރާއްޖެއިން ބޭރުން އައި ދޫނިސޫފާސޫތްޕަށް ވުރެ، އަހަރެމެންގެ އަމިއްލަ ގައުމަށް އުފަން އިންސާނުންގެ އަގެއް އަމިއްލަ ގައުމަކު ނެތެވެ. މި ރިޕޯޓަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި މާލޭގެ މަގުތަކުން މިހާރު މި ފެންނަނީ ސަރުކާރު ލަދުގަންނަން ޖެހޭ ވަރުގެ މަންޒަރެކެވެ.
"ކުނިން ހޮވައިގެން އެ އެއްޗެހި ގޯނިގޯންޏާއި ދަބަސްތަކަށް އަޅައިގެން ޒުވާން ޖީލެއް ނުކުމެ އެ ވިއްކަނީ. އުޅޭނެ ތަނެއް ނެތިގެން ހުސް ތަންތަންކޮޅުގައި ނިދައި ހަދަނީ. ސަލާން ޖަހައިގެންް ކައިބޮއއި އެ ހަދަނީ. އެކަމަކު މިތާނގައި ވެސް ސަރުކާރެއް އެބައޮތް. ކަމެއް ވާހެން ވެސް ހީނުވޭ،" ގޮތެއް ނެތި، މާލޭގައި ދިރިއުޅެމުން އަންނަ ޒުވާން އާބާދީއަކަށް އިޝާރާތްކުރައްވައި، އޭނާ ވިދާޅުވި އެވެ.
ފަރުވާގެ ނިޒާމު މިއޮތީ ބޮއްސުން ލައިފަ އެވެ. ފަރުވާ ދެވޭކަށް ނެތެވެ. ޖަލުން ނެރެ މާލެތެރެއަށް ދޫކޮށްލުމުން ދެން ފެންނާނެ މަންޒަރުތައް މިހާރު ފެންނަމުން އެ ދަނީ އެވެ. އޭނާ ވިދާޅުވި ގޮތުގައި، މިވަރުގެ އާބާދީއެއްގައި މިއީ ހައްލުކުރަން އުނދަގޫ ކަމެއް ނޫނެވެ. އެކަމަކު ހައްލުކުރަން ނޭންގެންޏާ، ނުވަތަ ހައްލު ކުރަން ބޭނުން ނުވަންޏާ ކުށުގެ ވެށީގެ ވާހަކަ ސަރުކާރުން ދެއްކުމުގެ ބޭނުމެއް ނެތެވެ.
"ކުށެއް ކޮށްފިއްޔާ ދެން އެކަމުން އިސްލާހުވެ، އެއިން ސަލާމަތްވެވެން ނެތް ހަމަ އެކަނި ގައުމު މިއީ. އިތުރަށް މީހާ ގޯސް ވާނީ މިތާނގައި،" އޭނާ އިތުރުކޮށްލެއްވި އެވެ.
ރާއްޖޭގައި ހުރި އިގުތިސާދީ އަދި އިޖުތިމާއީ މައްސަލަތަކަށް ބޮޑު ހައްލެއް އަންނަތަނެއް ނުފެނެ އެވެ. ބައެއް ދާއިރާތަކުން ތަފާސްހިސާބުތައް ރަނގަޅަށް ދެއްކިޔަސް، ލޮލަށް ފެންނަ މަންޒަރަކީ ނިކަމެތިން އިތުރަށް ނިކަމެތިވެ، ފަގީރުވަމުންދާ މަންޒަރެވެ. ކުށުގެ ވެށި އިންތިހާ އަށް ބޮޑުވަމުންދާ ތަނެވެ.
"ސަރުކާރުން ވެސް އަދި ރައްޔިތުންގެ މަޖިލީހުން ވެސް އެކަމެއް ހައްލު ކުރަން ބޭނުންވާ ކަމެއް ނަމަ ލަހެއް ފަހެއް ނުވެ އެކަމެއް ހައްލުކޮށްދޭ. އޭގެ މިސާލަކީ ފްލެމިންގޯ. އެއަށް ކަތި ނަޒަރަކުން މީހަކަށް ބަލާލަން ވެސް ނުކެރޭހާ ހިސާބަށް މިހާރު ކަންތައް ހިނގައްޖެ،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
"ހުރިހާ ކަމެއްގައި ވެސް މިކަން މިހެން އޮންނަ ނަމަ ވަރަށް ރަނގަޅުވީސް."
ގައުމެއް ވިއްޔާ މައްސަލަ ހުންނާނެ އެވެ. އެކަމާ ދޭތެރޭ ދެބަސްވާނެ މީހަކު ނެތެވެ. އެކަމަކު މައްސަލައަކީ، ބައެއް ކަންކަން ކަމާބެހޭ ފަރާތްތަކަށް މައްސަލައަކަށް ވުމެވެ. ރާއްޖޭގައި މައްސަލައަކަށް މި ވަނީ މައްސަލައަކަށް ހަދަން ބޭނުންވާ ކަންތައް އެކަންޏެވެ. ފްލެމިންގޯތަކުގެ ކަންތައް މައްސަލައަކަށް ވީއިރު، ތިމާވެށީގެ، އަދި ގުދުރަތީ ރީތިކަން ނަގާލަން ކޮންމެ ދުވަހަކު ވެސް ބޮޑެތި ޖަރީމާތައް ހިންގާއިރު އެކަން މައްސަލައަކަށް ނުވެ އެވެ. ހިމާޔަތްކޮށްފައިވާ އެތަކެއް ދޫންޏަށް އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް ގެއްލުން ދޭ ތަން އަހަރެމެން މި ތިބެނީ ހަމަ ބަލަހައްޓައިގެންނެވެ. މައްސަލައަކަށް ނުވެ އެވެ.
ދެން މައްސަލައަކަށް މި ވަނީ ކޮން ކަމެއް ހެއްޔެވެ؟ އެއެއް ވެސް ނޭނގެ އެވެ.