22 އޮކްޓޯބަރ 2021 - 11:47

އިންސާނުންނަކީ އެ މީހުންގެ ބޭނުންތަކާއި އެދުންތަކުގައި އަދި އެމީހުންނަށް ކަންކަން ވިސްނި ދޭހަވުމުގައި އެކަކު އަނެކަކާ ތަފާތު ބަޔެކެވެ. އެހެންކަމުން ދިރިއުޅުމުގެ ހަޔާތުގައި އެކި ކަންކަމާ މެދު ދެބަސްވާން ޖެހޭ ފަހަރުތައް ވަރަށް ގިނައިން މެދުވެރިވެއެވެ. މިފަދަ ދަނޑިވަޅުތަކުގައި ނަފްސު ކޮންޓްރޯލު ނުކުރެވިއްޖެ ނަމަ އެދެމެދުގައި ދެކޮޅުވެރިކަމާއި ރުޅިވެރިކަމާއި ހަސަދަވެރިކަން އުފެދޭގޮތް މެދުވެރިވެ އެވެ. އަދި މިގޮތަށް ރުޅިވެރިކަމާއި ހަސަދަވެރިކަން ދެމިގެން ދިއުމަށް ޝައިޠާނާ ބޭނުންވާތީ އެކަމަށް ވަސްވާސްދެ އެވެ. ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުވެތިވާން ޝައިޠާނާ ދޭ ވަސްވާހަށް ހެޔޮ ވިސްނޭ މީހަކު ބޯނުލަނބައި ހިނގައިދާނެ އެވެ. އެކަމަކު ދެމީހެއްގެ ދެމެދުގައި ރުޅިވެރިކަމާއި ޙަސަދަވެރިކަމުގެ އަލިފާންގަނޑު އަންދާލުމަށް ޝައިޠާނާ ކުރާ ވަސްވާސްތަކުގައި ހެޔޮވިސްނޭ މީހުންގެ މައްޗަށް ވެސް ކާމިޔާބު ހޯދުމަކީ ޝައިޠާނާއަށް އެހާ އުނދަގޫ ކަމަކަށް ނުވެ އެވެ. އެހެންކަމުން މިއީ ވަރަށްބޮޑަށް ފަރުވާތެރިވެ ތިބެން ޖެހޭ ކަމެކެވެ.
ރުޅިވެރިކަމާއި ދެކޮޅުވެރިކަމާއި ހަސަދައިން މީސްތަކުންގެ ހިތްތައް ސަލާމަތް ކުރެއްވުމުގެ ގޮތުން އިސްލާމް ދީނުގައި ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. މިގޮތުން ކީރިތި ޤުރުއާނުގައާއި ކީރިތި ރަސޫލާ ﷺ ގެ ސުންނަތުގައި ބައެއް އަމުރުތަކާއި ނަހީތައް އައިސްފައިވެ އެވެ. މިގޮތުން އެކަކު އަނެކަކަށް ނުބައިރޭވުންތައް ރޭވުމާއި ގުޅުންތައް ކެނޑުމާއި ރުޅިވެރިކަން ބޭއްވުމާއި ޙަސަދަވެރިކަން ބޭއްވުން މަނާކުރައްވައި އޭގެ ބަދަލުގައި މާތް ﷲ އަށް އަޅުވެތިވާ އަޚުންތަކެއް ކަމުގައި ވުމަށް ކީރިތި ރަސޫލާ ﷺ އަންގަވާފައިވެ އެވެ. (ބުޚާރީ). އަދި މުއުމިނަކު އޭނާގެ އަޚާއާ ދެމެދު ހަމަނުޖެހުމެއް ހިނގައިދިޔަ ނަމަވެސް އޭނާއާ ރުޅިވެރިކަން ބާއްވައި ވާހަކަނުދައްކައި ހުރުން މަނާ ކުރައްވަ އެވެ. މި ނުރަނގަޅު ޢަމަލުން ސަލާމަތްވުމާ މެދު ވިސްނައި ފިކުރުކުރުމަށް ތިން ދުވަހުގެ މުހުލަތެއް ނެގިނަމަވެސް އެއަށް ވުރެ ގިނަދުވަހު އެގޮތުގައި ހުރުމަކީ މުއުމިނަކަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމުގައި ކީރިތި ރަސޫލާ ﷺ ވަނީ ބަޔާން ކުރައްވައިފަ އެވެ. އެހެންވެ ތިން ދުވަސް ވުމުން ދެމީހުން ބައްދަލުކޮށް އެކަކު އަނެކަކަށް ސަލާމް ކުރަން ޖެހެ އެވެ. ހިތުގައިވާ ރުޅިވެރިކަމާއި ހަސަދައިގެ އެންމެހާ ޝުޢޫރުތައް ފޮހެލަން ޖެހެ އެވެ.
ރުޅިވެރިކަމުގެ ވަސްވާސްތަކާއި ހަސަދަވެރިކަމުގެ އަލިފާންގަނޑުން ހިތްތައް ސަލާމަތްވެގެން ހުރެ ދިރިއުޅުމަކީ އިންސާނާއަށް ލިބޭނެ ވަރަށް މުހިންމު ނިޢުމަތެކެވެ. އެހެނީ އެއީ ކަންބޮޑުވުމުން ސަލާމަތްވެ ހިތަށް ހަމަޖެހުމެއް ލިބުމަށްޓަކައި އެންމެ މުހިންމުވާ ކަންކަމުގެ ތެރޭ ހިމެނޭ ކަމަކަށް ވާތީ އެވެ. ވީމާ އެއްވެސް މަޚްލޫޤަކަށް ނިޢުމަތެއް ލިބިފައިވާތީ ދެކޭ ހިނދު އެކަމަށްޓަކައި ޙަސަދަވެރި ވުމުގެ ބަދަލުގައި އެކަމަށް ރުހި މާތް ﷲ ގެ ފަޟްލު ވަންތަކަން ހަނދާން ކުރަން ޖެހެ އެވެ. އަދި އެއްވެސް މަޚްލޫޤަކަށް ދެރަގޮތެއް މެދުވެރިވެފައިވާ ނަމަ އުފާކުރުމުގެ ބަދަލުގައި އެކަމަށްޓަކައި ދެރަވެ އެކަމުން އެމީހަކު މިންޖުވޭތޯ މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވަން ޖެހެ އެވެ. މިއާ ޚިލާފު ގޮތަކަށް ކަން ހިނގާނަމަ އެއިން ދަލީލުކޮށްދެނީ އަނެކާއާ މެދު ތިމާގެ ހިތުގައި ކޮންމެވެސް ކަހަލަ ނުސާފުކަމެއް އޮންނަ ކަމެވެ.
އިންސާނާގެ ހިތަކީ އިސްލާމްދީނުގައި އެއަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ ގުނަވަނެކެވެ. ހިތް ސާފުކޮށް އޮތުމަށް އިސްލާމް ދީން ގޮވާލަ އެވެ. ހިތް ސާފުވުމޭ ބުނުމުން އެއިން އެ އިޝާރާތް ކުރަނީ ހަށިގަނޑުގައި އެވާ މަސްކޮޅު ސާފުވެފައި ސަލާމަތުން އޮތުމަކަށް ނޫނެވެ. އެކަމަކު އެއިން ދަލީލު ކުރަނީ ތިމާގެ ހިތުގައިވާ ތަފާތު އިޙުސާސްތަކާއި ޝުޢޫރުތައް ސަލާމަތުން ސާފުކޮށް އޮތުމަށެވެ. މިކަންކަމުން ހިތް ކަޅުވެފައިވާ ނަމަ އިންސާނާ ކުރާ އެންމެހާ ހެޔޮ ކަންތައްތައްވެސް ފަސާދަވެގެންދާނެ އެވެ. އަދި އެފަދަ ހިތަކުން އީމާންކަމުގެ ނޫރު ފުހެވިގެންދާނެ އެވެ. އޭގެ ބަދަލުގައި އެފަދަ ކަންކަމުން ހިތް ސާފުވެ އުޖާލާވެފައިވާނަމަ ތިމާކުރާ ކިތަންމެ ކުޑަ ހެޔޮ ކަމެއްގައިވެސް މާތް ﷲ ބަރަކާތް ލައްވާނެ އެވެ. ހިތުގައި ހަސަދަވެރިކަމުގެ ޝުޢޫރެއް ނެތި ތިމާފަދައިން އެހެން އިންސާނުންނަށް ވެސް ހެޔޮ ގޮތްތަކާއި ފާފަފުއްސެވުމަށް އެދޭ މީހުންނަށް މާތް ﷲ ކީރިތި ޤުރުއާނުގައި ތަޢުރީފު ކުރައްވާފައިވެ އެވެ. (އަލްޙަޝްރު 10). މީސްތަކުންކުރެ އެންމެ ހެޔޮ ބަޔަކީ ކޮބައިތޯ ކީރިތިރަސޫލާ ﷺ ގެ އަރިހުގައި ޢަބްދުﷲ ބުނު ޢަމްރޫ ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވީ އެއީ ހަސަދަވެރިކަމާއި ރުޅިވެރިކަމާއި ބަޣާވާތްތެރިވުން ފަދަ ކަންކަމުން އެ މީހެއްގެ ހިތް ސަލާމަތް ވެފައިވާ މީހާ އާއި އަބަދުވެސް ތެދުބުނާ މީހާ ކަމުގަ އެވެ.
ދެ އިންސާނެއްގެ ދެމެދުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އުފެދޭ ހިނދު އެތަނުން އެކަކު ވާހުށީ (އެކަން ނޭނގުމުގެ ސަބަބުން ވިއަސް) އަނިޔާވެރިއަކަށެވެ. އަނެކަކު ވާހުށީ އަނިޔާ ލިބެނިވި މީހަކަށެވެ. އެތަނުން އަނިޔާވެރިވެ އަނެކާގެ ހައްގަށް އަރައިގަތް މީހާގެ މައްޗަށް ލާޒިމުވަނީ އޭނާގެ އެ އަނިޔާވެރިކަމުން ވަގުތުން އެއްކިބާވެ އޭނާގެ އުޅުން އިޞްލާޙު ކުރުމެވެ. ސަބަބަކީ އޭނާއަށް ކުރެވިފައިވާ ހަޔޮކަންތަކުން އެކަމުގެ އަގުދައްކަން ޖެހި ހެޔޮކަމުން މީހާ ބަނގުރޫޓު ވެދާނެތީ އެވެ. މިގޮތުން ގޮސް އޭނާގެ ހުރިހާ ހެޔޮ ކަމެއްގެ ޘަވާބު ހުސްވެއްޖެ ނަމަ ނުވަތަ ހެޔޮ ކަމެއް އެއްގޮތަކަށް ވެސް ކުރެވިފައި ނެތް ނަމަ އަނެކާއަށް ކުރެވިފައިވާ ފާފަތަކުގައި ހިފަން ޖެހިދާނެތީ އެވެ. މިކަން އަލްބުޚާރީ ރިވާ ކުރައްވާފައިވާ ޙަދީޘަކުން ސާބިތުވެ އެވެ.
ޙަދީޘްގައި ބަޔާންކުރާ ދެ މީހުންކުރެ އަނިޔާ ލިބެނިވި މީހާގެ މައްޗަށް ލާޒިމުވަނީ މާފު ކުރުމެވެ. އޭނާއަށް ލިބެންޖެހޭ ހައްގެއް ލިބުމަށް ފަހު މާފު ކުރުމެވެ. އަނެކާގެ ޢުޒުރުވެރިވުން ގަބޫލު ކުރުމެވެ. އުޒުރު ގަބޫލު ނުކުރުމަކީ ބޮޑު ކުށެކެވެ. ކީރިތި ރަސޫލާ ﷺ އެކަން ސިފަ ކުރައްވަނީ ނުބައި ގޮތަކަށް މުދާގަނޑެއް ފޭރިގެންފައިވާ މީހަކު ފަދައިންނެވެ. އެފަދަ މިހާ ކުށްވެރިވާ ދަރަޖައަށް މީނާ ވެސް ކުށްވެރި ވާނެ ކަމަށެވެ. (އިބްނު މާޖާ). އަދި އައްޠަބަރާނީގެ ކިބައިން ރިވާވެފައިވާ ގޮތުގައި ޢުޒުރުވެރިވުމުން އެކަން ގަބޫލު ނުކުރާ މީހަކަށް ޙައުޟުން (ކައުޘަރޭ ކިޔޭ އާރުން) ޖާގައެއް ނުލިބޭނެ އެވެ.
މީސްތަކުންގެ މެދުގައި ރުޅިވެރިކަމާއި ޙަސަދަވެރިކަން ނައްތާލުމަށް އިސްލާމްދީން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެކަކު އަނެކަކަށް ނެތި ނުބައި މޮށުމާއި ދެބައުޑުވުމާއި މީހުންގެ ސިއްރުތައް ހޯދަން މަސައްކަތް ކުރުމާއި ހަގީގަތެއް ނެތް ވާހަކަތައް ދެއްކުމާއި މިފަދަ ކަންކަން ވަނީ މަނާކުރައްވައިފަ އެވެ. މީހަކު ނުކުރާކަމެއް ނުވަތަ މީހެއްގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަ ދައްކައިފި ނަމަ އެ މީހަކު އެ ބުނިކަމެއް ވެއްޖައުމަށް ދާނދެން ނަރަކައިގައި ބަންދުވެގެންވާނެ ކަމުގައި ކީރިތިރަސޫލާ ﷺ ވަނީ ބަޔާން ކުރައްވައިފަ އެވެ. (އައްޠަބަރާނީ). ދެބައުޑުވާމީހާ އަކީ ނަރަކަވަންތަ ވެރިއެކެވެ. އެހެނީ ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ ދެބައުޑުވާ މީހާ ސުވަރުގެ ނުވައްދަވާނެ ކަމަށެވެ. ވީމާ އެކަކު އަނެކަކާ މެދު ދެކޮޅުވެރިކަމާއި ހަސަދަވެރިކަން އުފެދޭ އެއްވެސް ކަމެއް ކުރުން އިސްލާމް ދީން ވަނީ މަނާކުރައްވައިފަ އެވެ.
ވިސްނުމާއި ފިކުރު ކުރުމާއި ޚިޔާލު ފާޅުކުރުމަށް އިސްލާމްދީން ވަރަށް ފުޅާ ދާއިރާއެއްގައި މިނިވަންކަން ދެ އެވެ. މިކަންކަމުގައި އޮންނަ މިނިވަންކަން ގައިދު ކުރަނީ ހަމައެކަނި އިންސާނާއަށް ފަރުދީ ގޮތުންނާއި ޖަމާޢަތުގެ ގޮތުން ދުނިޔޭގައި ނުވަތަ އާޚިރަތުގައި ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ހިފަހައްޓާ މަދު ކަންތައްތަކަކުންނެވެ. ހުރިހާ ކަމެއްގައިވެސް މިނިވަން ކަމަށް ގޮވާލާ ދުވަސްވަރެއްގައި މިނިވަންކަމުގެ ތެރެއިން އަންނަ ތަފާތު ވިސްނުންތައް ހުންނާނެ ކަން އެންމެންވެސް ދަންނަން ޖެހެ އެވެ. ނަމަވެސް ހިތާމައަކީ މިފަދަ ކަންކަމުގައި އޮންނަ ތަފާތުތައް އެއީ ދާއިމީ ރުޅިވެރިކަމަކަށް ނުވަތަ ހަސަދަވަރިކަމަކަށް ބަދަލު ކުރެވޭތީ އެވެ. އެކަކު އަނެކަކަށް ނުވަތަ އެއްބަޔަކު އަނެއް ބަޔަކަށް މި ބރުޅިވެރިކަމާއި ހަސަދައިގެ އަލިފާންގަނޑު ވަރުގަދަ ކުރުމަށް (ނޭނގި ތިބެ ނަމަވެސް) މަސައްކަތް ކުރެވޭތީ އެވެ. މާފު ކުރުމާއި ހެޔޮ ފޯރުވުމާއި ގުޅުންތައް އިސްލާހު ކުރުމުގެ ބަދަލުގައި ރުޅިވެރިކަމާއި ބަދަލު ހިފުމުގެ ގޮތްގަނޑު އިތުރު ވާނެ ފަދަ ގޮތްގޮތަށް މަސައްކަތް ކުރެވުމެވެ. މިއީ ރަނގަޅު މުޖުތަމަޢެއްގައި ހުންނަން ޖެހޭނެ ސިފަތަކެއް ނޫނެވެ. ހެޔޮ ލަފާ މުސްލިމެއްގެ ކިބައިގައި ފަރުދީގޮތުން ވެސް ހުރެގެންވާނެ ސިފަތަކެއް ނޫނެވެ.