އިނގިރޭސި ރާނީ ދޫކޮށްލައި، ބާބަޑޯސް ޖުމްހޫރިއްޔަތަކަށް
އިނގިރޭސި ރާނީ ދޫކޮށްލައި، ބާބަޑޯސް ޖުމްހޫރިއްޔަތަކަށް

ބާބަޑޯސްގެ ދައުލަތުގެ އެންމެ މަތީ ވެރިޔަކީ އިނގިރޭސި ރާނީ ކަމުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ޖުމްހޫރިއްޔަތަކަށް ބަދަލުވުމުގެ އެންމެ ފަހު ތައްޔާރީތަކުގެ ތެރެއިން، އެ ގައުމުގައި ވެރިކަން ކުރާނެ ފުރަތަމަ ރައީސެއްގެ ގޮތުގައި ޑޭމް ސެންޑްރާ މޭސަން، 72، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ އިންތިހާބުކޮށްފި އެވެ.

ޑޭމް ސެންޑްރާ، ބާބަޑޯސްގެ ފުރަތަމަ ރައީސްގެ ހައިސިއްޔަތުން މަގާމާ ހަވާލުވެވަޑައިގަންނަވާނީ، އެ ގައުމުގެ 55 ވަނަ މިނިވަން ދުވަސް ކަމަށްވާ، މި އަންނަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އެއީ އިނގިރޭސީންގެ އަޅުވެތިކަމުން ބާބަޑޯސް އަށް ފުރިހަމަ މިނިވަންކަން ލިބުނު ތާރީހެވެ.

ޑޭމް ސެންޑްރާ، 2018 ވަނަ އަހަރުގެ މާޗް 28 ވަނަ ދުވަހުން ފެށިގެން ހުންނެވީ އެ ގައުމުގެ ފުރަތަމަ އަންހެން ގަވަރުނަރު ޖެނެރަލްގެ މަގާމުގަ އެވެ.

އިނގިރޭސި ރަސްކަން ދޫކޮށް، ޖުމްހޫރިއްޔަތަކަށް އެ ގައުމު ބަދަލުކުރުމުގެ ނިންމުން، ބާބަޑޯސް ސަރުކާރުން އިއުލާން ކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެކަން އިއުލާންކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ "އިސްތިއުމާރިއްޔަތުގެ މާޒީ އެކުގައި ފަހަތަށް ދޫކޮށްލުމުގެ ވަގުތު ބާބަޑޯސްއާ ބައްދަލުކޮށްފި" ކަމަށެވެ. އެ ނިންމުމަކީ، 1998 ވަނަ އަހަރުން ފެށިގެން ބާބަޑޯސްގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައި ބަހުސްކުރުމަށް ފަހު، އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ލަފާ ދީފައި އޮތް މައްސަލައެކެވެ.

ބާބަޑޯސްގެ ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމުގެ ވޯޓުލުން ކުރިއަށް ދިޔައީ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ހައުސް އޮފް އެސެމްބްލީ އާއި ސެނެޓްގެ ގުޅިފައިވާ ބައްދަލުވުމެއްގައި އިއްޔެ އެވެ. ބާބަޑޯސްގެ ބޮޑުވަޒީރު މިއާ މޮޓެލީ، އެ ވޯޓު ސިފަކުރެއްވީ ގައުމަށް އައި ވަރަށް ޖަޒުބާތީ ވަގުތުކޮޅެއްގެ ގޮތުގަ އެވެ.

އާބާދީގައި 285 ހާސް މީހުން އުޅޭ ބާބަޑޯސްއަކީ ކެރީބިއާގެ ގައުމުތަކުގެ ތެރެއިން އާބާދީ އެންމެ ބޮޑު އަދި އިގްތިސާދީ ގޮތުން އެންމެ ތިޔާގި ގައުމެވެ. މައިގަނޑު ގޮތެއްގައި ހަކުރު އެކްސްޕޯޓް ކުރުމުގެ މައްޗަށް ގައުމުގެ އާމްދަނީ ބިނާވެފައިވާ ބާބަޑޯސްގެ އިގްތިސާދު މިހާރު ވަނީ ޓޫރިޒަމާއި މާލީ ވިޔަފާރިތަކަށް ފުޅާކޮށްފަ އެވެ.

ބާބަޑޯސްއަކީ ކެރީބިއަން ގައުމުތަކުގެ ތެރެއިން މިހާތަނަށް، ރަސްކަން ދޫކޮށް ޖުމްހޫރިއްޔާއަކަށް ބަދަލުވި ތިން ވަނަ ގައުމެވެ. އިނގިރޭސީންގެ އަޅުވެތިކަމުން މިނިވަންކަން ލިބުނުތާ ހަތަރު އަހަރުވެސް ނުވަނީސް، 1970 ވަނަ އަހަރު، ގުޔާނާ ވަނީ ރަސްކަން ދޫކޮށް ޖުމްހޫރިއްޔަތަކަށް ބަދަލުވެފަ އެވެ. ޓްރިނިޑާޑް އެންޑް ޓޮބޭގޯ ވަނީ 1976 ވަނަ އަހަރު އަދި ޑޮމިނިކާ ވަނީ 1978 ވަނަ އަހަރު ޖުމްހޫރިއްޔާއަކަށް ބަދަލުވެފަ އެވެ.

މިހާރުވެސް ކިތަންމެ ގައުމެއްގެ ދައުލަތުގެ ވެރިޔާގެ ގޮތުގައި އިނގިރޭސި ރާނީ އެލިޒަބަތު ދޭއް ހުންނަވަ އެވެ. އެއީ، އިނގިރޭސި ވިލާތުގެ އިތުރުން ކެނެޑާ، އޮސްޓްރޭލިޔާ، ނިއު ޒީލޭންޑް، ޕަޕުއާ ނިއު ގިނީ، ސޮލޮމޮން އައިލޭންޑް، ތުވާލޫ، ބެލީޒް، ޖަމައިކާ، ބަހަމާސް، ސެންޓް ކިޓްސް އެންޑް ނެވިސް، އެންޓިގުއާ އެންޑް ބާބިއުޑާ، ސެންޓް ލޫސިއާ، ބާބަޑޯސް، ގްރެނާޑާ އަދި ސެންޓް ވިންސެންޓް އެންޑް ދަ ގްރެނަޑީންސް އެވެ.