އާލިއާ ބަޓްގެ ކާމިޔާބީގެ ސިއްރުތައް
އާލިއާ ބަޓްގެ ކާމިޔާބީގެ ސިއްރުތައް

"ޑިއާ ޒިންދަގީ"ގެ ކާމިޔާބީއާ އެކު ޒުވާން ބަތަލާ އަލިއާ ބަޓަށް ވަނީ ފިލްމީ ދުނިޔޭގައި ވަރަށް އުސް ހިސާބަކަށް ވާސިލު ވެވިފަ އެވެ. ފިލްމުގައި އޭނާ ދެއްކި ހުނަރުން ގިނަ ބަޔަކު ވަނީ ބަސް ހުއްޓިފަ އެވެ. އޭނާއަކީ އާދަޔާޚިލާފު ހުނަރުވެރި ބަތަލާއެއް ކަން މި ފިލްމުން ވަނީ ސާބިތުކޮށްދީފަ އެވެ.

އާލިއާ ބަޓްގެ ކާމިޔާބީގެ ސިއްރުތައް
އާލިއާ ބަޓްގެ ކާމިޔާބީގެ ސިއްރުތައް

އާލިއާއާ އެކު ފިލްމު ކުޅެން ފެށި އެހެން ބަތަލާއިންނަށް އޭނާ މިހާރު ހުރި ހިސާބަކަށް ނާދެވުނީ ކީއްވެ ހެއްޔެވެ؟ އުމުރުން އެންމެ 23 އަހަރުގައި ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އެންމެ ކާމިޔާބު އެއް ބަތަލާއަށް އޭނާ ވީ ކީއްވެ ހެއްޔެވެ؟ މިއީ އާލިއާ ނޫން އެހެން ބަތަލާއިންނަށް ތާއީދުކުރާ މީހުން ހަމަ ގައިމުވެސް ޖަވާބު އެނގެން ބޭނުންވާނެ ސުވާލުތަކެކެވެ.

އާލިއާ ބަޓްގެ ކާމިޔާބީގެ ސިއްރުތައް
އާލިއާ ބަޓްގެ ކާމިޔާބީގެ ސިއްރުތައް

އެހެން އެކްޓަރުންނާ އާލިއާ ތަފާތުވާ އެއް ކަމަކީ އޭނާ ކުޅެން ޚިޔާރުކުރާ ފިލްމުތަކެވެ. އެންމެ 23 އަހަރުގައި ވެސް ތަފާތު ވައްތަރުގެ ރޯލުތައް ގަބޫލުކުރުމުގެ ހިތްވަރު އޭނާ އެބަ ހުއްޓެވެ. "ހައިވޭ"، "އުޅްތާ ޕަންޖާބު" އަދި "ޑިއާ ޒިންދަގީ" އަކީ މީގެ ރަނގަޅު މިސާލުތަކެވެ. އާލިއާ ފިލްމެއް ކުޅެން ސޮއިކުރާއިރު އެ ފިލްމެއްގެ ބޮކްސް އޮފީސް ވިޔަފާރިއަކަށް ނުވިސްނަ އެވެ. އޭނާ ޚިޔާރުކުރަނީ އެކްޓަރެއްގެ ހައިސިއްޔަތުން ރަނގަޅު ޕާފޯމަންސެއް ދެއްކޭ ފަދަ ވަރުގަދަ ކެރެކްޓާތައް ހުންނަ ފިލްމުތަކެވެ. އޭނާ ފިލްމު ކުޅެން ފެށިތާ މާ ގިނަ ދުވަސްތަކެއް އަދި ނުވިޔަސް ކޮންމެ މީހެއްގެ ދުލުން ވެސް ހާދަ ހުނަރުވެރި ބަތަލާއެކޭ ބުނެލެވެނީ އެހެންވެ އެވެ.

އާލިއާ އަށް ފިލްމުތައް ބެލެންސްކުރަން އެނގެ އެވެ. މިސާލަކަށް ބޮޑެތި ޕްރޮޑަކްޝަން ހައުސްތަކުގެ އަގުބޮޑު ފިލްމުތައް އެކަނި ގަބޫލުކުރާހެން ކުޑަ ބަޖެޓުން އުފައްދާ ފިލްމުތައް ވެސް އޭނާ ނަގަ އެވެ. "އުޅްތާ ޕަންޖާބު" އާއި "ހައިވޭ" އަކީ އޭގެ ރަނގަޅު މިސާލުތަކެވެ. އަނެއްކޮޅުން "ޝާންދާރް"، "ކަޕޫރު އެންޑް ސަންސް" އަކީ ބޮޑެތި ބަޖެޓްތަކުގެ ފިލްމުތަކެވެ.

އާލިއާ އަކީ ވަރަށް ހުނަރުވެރި އެކްޓަރެކެވެ. ކޮންމެ ކަހަލަ ރޯލެއް ވެސް ކުޅެލާކަށް އޭނާއަކަށް އުނދަގުލެއް ނޫނެވެ. "އުޅްތާ ޕަންޖާބު"ގައި އޭނާ ކުޅެފައިވަނީ ޑްރަގް އެޑިކްޓެއްގެ ބަ އެވެ. "ހައިވޭ"ގައި ގެއިން ފިލައިގެން މަގުމަތީ އާވާރާވެގެން އުޅޭ އަންހެންކުއްޖެއްގެ ބަ އެވެ. "ކަޕޫރު އެންޑް ސަންސް"ގައި ތަންކޮޅެއް އާދައިގެ ރޯލެއް ކުޅުނު ނަމަވެސް "ޑިއާ ޒިންދަގީ"ގައި އަނެއްކާވެސް ވަރަށް މޮޅު ރޯލެކެވެ. މީގެ އިތުރުން އޭނާއަކީ ކުޅަދާނަ ލަވަކިޔުންތެރިއެކެވެ. އަމިއްލަ ފިލްމުގެ ލަވަތައް ފަސޭހަކަމާ އެކު ކިޔާލަ އެވެ.

ޓްރޭޑް އެނަލިސްޓް ކޯމަލް ނަހާތާ ބުނީ ފިލްމީ ވިޔަފާރީގައި އުޅޭ އެންމެންނަށް ވެސް ވިސްނޭ އެއް ކަމެއް އެބަ އޮތް ކަމަށެވެ. އާލިއާއާ އެކު ފިލްމު ކުޅެން ފެށި އެ އުމުރުގެ ހުރިހާ ބަތަލާއިންނަށް ވުރެ އާލިއާގެ ހުނަރު މޮޅުކަމެވެ.

އެހެން ބަތަލާއިންނާ އޭނާ ތަފާތުވާ ސަބަބަކީ އެއެވެ. އަނެއްކޮޅުން އާލިއާ އަކީ ކޮންމެ ކަހަލަ ރޯލެއް ވެސް ގަބޫލުކޮށްފާނެ އެކްޓަރެކެވެ. އެހެންވެ އެކްޓަރެއްގެ ހައިސިއްޔަތުން ރަނގަޅު ޕާފޯމަންސެއް ދައްކާލެވޭ ކަހަލަ ކޮންމެ ސްކްރިޕްޓެއް ޖެހިލުމެއް ނެތި ގަބޫލުކުރެ އެވެ.

އާލިއާގެ ވާދަވެރިންނާ ޚިލާފަށް އޭނާ މިހާތަނަށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ފްލޮޕް ވީ "ޝާންދާރް" އެކަންޏެވެ. އެނޫން ފިލްމުތަކުގެ ތެރެއިން "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ"، "ޑިއާ ޒިންދަގީ"، "އުޅްތާ ޕަންޖާބު"، "ކަޕޫރު އެންޑް ސަންސް" ފަދަ ފިލްމުތައް ހިޓް ވި އެވެ. އެ ފިލްމުތަކުގައި އޭނާ އުޅެނީ ރަހަ ހެޔޮވަރުކޮށްލަން ބޭނުންކުރި ބަތަލާއެއްގެ ގޮތަކު ނޫނެވެ. މުހިންމު ރޯލްތަކެއް ކުޅުނެވެ.