ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވަން ގައުމީ ޓީމާ އެކު މެޗެއް
ކުޅުދުއްފުށީ ޓާފް ދަނޑު ހުޅުވަން ގައުމީ ޓީމާ އެކު މެޗެއް

ހދ. ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވަން އެ ރަށުގައި ހާއްސަ މެޗެއް މާދަމާ ކުޅޭގޮތަށް ހަމަޖައްސައިފި އެވެ.

ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާ ދެކޮޅަށް ގައުމީ ޓީމު މާދަމާ ކުޅޭ މެޗާ އެކު، މިއަދު ފާހަގަކުރާ މި އަހަރުގެ ޒުވާނުންގެ ދުވަހުގެ ރަސްމިއްޔާތު ވެސް ބާއްވާނީ ކުޅުދުއްފުށީގައި އެވެ.

މި މެޗަކީ މި މަހު ރާއްޖޭގައި އޮތް އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ފަހު ރާއްޖޭގެ ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗެވެ. ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ޓީމަށް ބަދަލުތަކެއް ގެނެސް 23 ކުޅުންތެރިންގެ ސްކޮޑެއް ކުޅުދުއްފުށްޓަށް ދާނެ އެވެ. އަނިޔާގެ ސަބަބުން ހަމްޒާ މުހައްމަދު (ހަމްޕު) ޓީމާއެކު ދަތުރެއް ނުކުރާނެ އެވެ. އަދި 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ފުރަން ޖެހޭތީ ހައިޝަމް ހަސަން (ބިޑި) ވެސް މި ދަތުތުގައި ބައިވެރިއެއް ނުވާނެ އެވެ.

ގައުމީ ޓީމުގެ އާ ކޯޗަކަށް ހަމަޖެއްސި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ އިއްޔެ ރަސްމީކޮށް ޓީމާ ހަވާލުވެފައިވާއިރު، މި ދަތުރުގައި އެ ކޯޗު ވެސް ބައިވެރި ވާނެ އެވެ. އާ ކޯޗާ އެކު ރާއްޖޭގެ ގައުމީ ޓީމު އެންމެ އަވަހަށް ކުޅޭނެ މުބާރާތަކީ އަންނަ މަހު ސްރީ ލަންކާގައި ބާއްވާ މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތެވެ. މި މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސް ބައިވެރިވެ އެވެ.

މީގެ ކުރިން 2015 ވަނަ އަހަރުގެ ގައުމީ ފުޓުބޯޅަ މުބާރާތުގެ ބައެއް މެޗްތައް ވެސް ވަނީ ކުޅުދުއްފުށީގައި ކުޅެފަ އެވެ. އެ އަހަރުގެ މުބާރާތުގައި ނިއު ރޭޑިއަންޓާއި، ޓީސީ ސްޕޯޓްސް ކުލަބް، ބީޖީ ސްޕޯޓްސް ކުލަބް އަދި މަހިބަދޫ ސްޕޯޓްސް ވާދަކުރި ގުރޫޕް އޭގެ މެޗްތައް ކުޅުނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ބ. އޭދަފުށީގައި ހުޅުވި މަތީ ފެންވަރުގެ ފީފާ އެޕްރޫވްޑް ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ވެސް ގައުމީ ޓީމް ވަނީ އެރަށުގައި ހާއްސަ މެޗެއް ކުޅެފަ އެވެ.