21 އޮކްޓޯބަރ 2021 - 19:02

މީހަކު މަރާލުމުން ނުތަނަވަސްކަން އުފެދިފައި އޮތް އދ. ދަނގެތީގެ ގެއަކުން 9،000 ޑޮލަރު (139،000ރ.) ގެ އަގު ހުރި ސާމާނު ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު ދަނގެތީގެ ގެއަކުން ވައްކަން ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ވަގަށް ނަގާފައިވަނީ ފަރުމަސްވެރިކަމަށް ބޭނުންކުރާ އެކި ސާމާނެވެ. އެ ރަށަކީ ފަރުމަސްވެރިކަމަށް ލޯބިކުރާ ގިނަ ބަޔަކު އުޅޭ ރަށެކެވެ.
ފުލުހުން ބުނީ ވަގަށް ގެންދިޔަ ތަކެތީގެ އަގު 9،000 ޑޮލަރަށް (139،000ރ.) އަރާނެ ކަމަށް އޭގެ ވެރި ފަރާތުން ބުނެފައިވާ ކަމަށެވެ.
ވައްކަމުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އަދި މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ ދުވަސްކޮޅެއް ކުރިން ދަނގެތީގެ ފިހާރައެއް ފަޅާލައިގެން ވެސް ވައްކަން ކުރަން މަސައްކަތް ކޮށްފައިވެ އެވެ. ކާކުކަން ނޭނގޭ ގޮތަށް، ޕީޕީއީ ލައިގެން ތިބި ބަޔަކު އެފަހަރު ފިހާރަ ފަޅާލީ ފިހާރައިގެ ބިއްލޫރިގަނޑު ވަށްކޮށް ކަފައި އެ ދޭތެރެއިން އަތް ކޮއްޕައި ތަޅު ހުޅުވައިގެންނެވެ. އެ މައްސަލާގައި ވެސް މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ރަށުގެ ބައެއް އާންމުން ތުހުމަތު ކުރަނީ އެކަން ކުރީ އެހެން ރަށަކުން ދަނގެއްޗަށް ބަދަލުވެގެން އުޅޭ ބަޔަކު ކަމަށެވެ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ވެސް ތުހުމަތު އެންމެ ފުރަތަމަ އަމާޒުވީ އެ ދެ މީހުންނަށެވެ. އަންގާރަ ދުވަހު ވައްކަމުގެ މައްސަލަ ހުށަހެޅި އިރު، އެ ދެ މީހުން ތިބީ ޑްރަގް ޓްރެފިކިންގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ.