21 އޮކްޓޯބަރ 2021 - 14:58

ދިވެހި ޕްރިމިއާ ލީގު ކުލަބް އީގަލްސް އަށް ކުޅެމުން އަންނަ، ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ)، ކަކުލުގެ ސާޖަރީ އަށްފަހު ފުރަތަމަ ފަހަރަށް އިއްޔެ ޓާފް ދަނޑުގައި ފަރިތަކުރަން ފަށައިފި އެވެ.
ކަކުލަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދަން އޭޑީކޭ ހޮސްޕިޓަލުގައި ރިޒޭގެ ސާޖަރީ ހެދީ މިއަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު އެވެ. ސާޖަރީއަށް ފަހު ރިޒޭގެ ރިކަވަރީ ޕްރޮސީޖާ ކުރިޔަށް ގެންދަނީ އެފްއޭއެމްގެ ރިހެބިލިޓޭޝަން ކޯޗު، ރާއްޖޭގެ ކުރީގެ އެއްވަނަ އަންހެން ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދުގެ ބެލުމުގެ ދަށުންނެވެ. އުމުރުން 26 އަހަރުގެ ރިޒޭ ފަރިތަކުރުންތައް ފަށާފައި ވާއިރު ކޯޗު މުއީނާގެ ބެލުމުގެ ދަށުން މިހާރު ވެސް ރިހެބިލިޓޭޝަން ދަނީ ކުރިޔަށެވެ.
މިދިޔަ ފުޓުބޯޅަ ސީޒަން ފަށަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ރިޒޭއަށް އަނިޔާވެގެން އެ މެޗުގެ 80 ވަނަ މިނެޓުގައި އޭނާ ބަދަލުކުރަން ޖެހުނީ ކަކުލަށް އަނިޔާވެގެންނެވެ. މާޒިޔާއާ ވާދަކޮށް 3-2 އިން މޮޅުވި މެޗުގައި ރިޒޭ ވަނީ ގޯލެއް ޖަހައި، ދެ ގޯލު ޖަހަން އެހީތެރި ވެފަ އެވެ.
އެއަށް ފަހު ހެދި ޓެސްޓް ތަކުން ރިޒޭގެ ކަކުލުގެ މެނިސްކަސް އަށް އަނިޔާވެފައިވާކަން އެނގުމުން ލީގުގެ ފުރަތަމަ ދެ މެޗު ކުޅުނީ ރިޒޭ ނުލަ އެވެ. ރިޒޭ ނުހިމަނައި ކުޅުނު ދެ މެޗުން ވެސް ބަލިވުމުން ލީގު ތިންވަނަ މެޗުގައި ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗުގައި އޭރު އީގަލްސްގެ ކޯޗަކަށް ހުރި މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ރިޒޭ ފުރަތަމަ އެގާރައިގައި ކުޅުވައިފަ އެވެ. އެ މެޗުގައި އީގަލްސް 1-0 އިން ބަލިވާން ދަނިކޮށް ފަހު ވަގުތު ގޯލު ޖަހައި ޓީމު ސަލާމަތް ކޮށްދިނީ ރިޒޭ އެވެ.
ލީގުގައި އެންމެ ފަހުން ރިޒޭ ކުޅުނީ ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު، މިއަހަރުގެ ޖެނުއަރީ ހަތަރު ވަނަ ދުވަހު ވެލެންސިއާ އާދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި އަނިޔާވެގެން ރިޒޭ ވަނީ ބަދަލު ކުރަން ޖެހިފަ އެވެ.
ރިޒޭ ވަނީ 2019-2020 ވަނަ ސީޒަނުގައި އީގަލްސް އިން ޕްރިމިއާ ލީގު ދެ ވަނަ އާ އެކު ކުލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕް ކޮލިފައިން އިން ޖާގަ ހޯދި އިރު ލީގުގައި 28 ގޯލު ޖަހައި، ފަސް މެޗެއްގައި ހެޓްރިކް ހަދައިފަ އެވެ.
އޭގެ ކުރިން 2018 ވަނަ އަހަރުގެ ލީގުގައި އޭނާ ވަނީ 31 ގޯލު ޖަހައިފަ އެވެ. އަދި އެ އަހަރު އޭނާ ވަނީ ލީގުގައި އަށް މެޗެއްގައި ހެޓްރިކް ހެދުމުގެ އިތުރުން، ޖެހިޖެހިގެން އެންމެ ގިނަ ހެޓްރިކް ހެދުމުގެ ރެކޯޑް އޮންނަ ކްރޮއޭޝިއާގެ ސްޓޭޓް ލީގެއް ކަމަށްވާ ޑަކޯވޯ ލީގުގެ އެންކޭ ޒިރިންސްކީގެ ފޯވާޑް ސްޓެފަން ލުސިޖަނިޗްގެ ރެކޯޑާ ވެސް ހަމަކޮށްފަ އެވެ. ރިޒޭ ވަނީ އެއަހަރު ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައިފަ އެވެ.