21 އޮކްޓޯބަރ 2021 - 11:43

ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ އިހުމާލުން ނިޔާވި ކަމަށް ބުނާ ތިން މަހުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ ކުއްޖާގެ ބައްޕަ ހަމީދު އުމަރުގެ ފޭސްބުކް ސްޓޭޓަސްއެއްގައި ބުނީ މުޅި ހާދިސާ ހިނގި ގޮތަށް ބަލާއިރު ދަރިފުޅު މަރުވީ ހޮސްޕިޓަލްގެ 100 ޕަސެންޓު އިހުމާލުން ކަމަށެވެ. އެ އާއިލާގެ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ، ކަރަންޓީނުގައި ތިބުމުން ހޮސްޕިޓަލަށް ނުގެންގޮސް، އެމްބިއުލާންސް ވެސް ފޮނުވައިދިނީ އެކަމަށް އެދުނުތާ ދެ ގަޑިއިރު ފަހުން ކަމަށް އޭނާ ބުންޏެވެ.
ކޮވިޑު ފެސިލިޓީއަށް ގެންދިއުމަށް ފަހު ވެސް ފަރުވާނުދީ ދޮޅު ގަޑިއިރު ބޭއްވި ކަމަށް ހަމީދު ތުހުމަތުކުރި އެވެ.
އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ ތިން މަހުގެ ތުއްތު ކުއްޖާއަށް ފަރުވާ ދިނުމާ ގުޅޭ ހުރިހާ ކަމެއް ބަލަމުން އަންނަ ކަމަށެވެ. ޑޮކްޓަރު ސަސްޕެންޑު ކުރީ ވެސް އެ މައްސަލަ ބަލައި ނިމެންދެން ކަމަށް އެ މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.
މި މަހުގެ ކުރީކޮޅު ފުވައްމުލަކު ހޮސްޕިޓަލްގެ އިހުމާލުން ފަސް އަހަރުގެ ކުއްޖަކު ނިޔާވި މައްސަލައެއް ވެސް ހެލްތު މިނިސްޓްރީން ވަނީ ބަލަން ފަށައިފަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން ޑޮކްޓަރާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާތީ އެ އާއިލާއިން ކަންބޮޑުވުން ފާޅުކުރެ އެވެ.