21 އޮކްޓޯބަރ 2021 - 08:47

ބީއެމްއެލް އަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެ ބޭންކުން ހާއްސަ ހަފްލާއެއް ރޭ ބާއްވައިފި އެވެ.

މި ހަފްލާގައި ބޭންކަށް 15 އަހަރާއި 35 އަހަރާ ދެމެދުގެ މުއްދަތަށް ހިދުމަތް ކޮށްދީފައިވާ 61 މުވައްޒަފަކަށް ވަނީ އެވޯޑު ދީފަ އެވެ. މި މުވައްޒަފުންނާ އެވޯޑު ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ.
މި ހަފްލާގައި ބީއެމްއެލް އަށް 35 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ ބޭންކުގެ ކަސްޓަމާ ސާވިސް މެނޭޖަރު ޒުލްފާ މުހައްމަދާއި 30 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ ބޭންކުގެ ހެޑް އޮފް ކަސްޓަމާ ޕްރޮސެސިން، ޝަމްސިއްޔާ އިބްރާހީމަށް ވަނީ ހާއްސަ އެވޯޑެއް ވެސް ދީފަ އެވެ.
ޓިމް ވަނީ ބީއެމްއެލްގެ މުވައްޒަފުން ކަސްޓަމަރުންނަށް ހިދުމަތް ދިނުމުގައި ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަ ކުރައްވާ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި މުވައްޒަފުންގެ ބުރަ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްއަކީ 99 ޕަސެންޓު ދިވެހި މުވައްޒަފުން މަސައްކަތް ކުރާ ބޭންކެކެވެ. އެ ބޭންކުން އަންނަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާކޮށް މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ.
މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން "ލޯންގް ސާވިސް" އެވޯޑުގެ އިތުރުން ސްޓާފް އެވޯޑެއް ވެސް ބޭންކުން ދެ އެވެ.