ގައުމީ ކޯޗަކަށް އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރު މޮރިއޭރޯ
ގައުމީ ކޯޗަކަށް އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރު މޮރިއޭރޯ

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗަކަށް، އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރު ފްރެންޗެސްކޯ މޮރިއޭރޯ ހަމަޖައްސަން އެފްއޭއެމުން ނިންމައިފި އެވެ.

އިޓަލީގެ ކުޅިވަރު ނޫސްތަކުން ބުނާ ގޮތުގައި ރޯމާ އާއި ނަޕޯލީ އަށް ވެސް ކުޅުނު އިޓަލީގެ ކުރީގެ ކުޅުންތެރިޔާ ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރަން އެފްއޭއެމްއާ އެކު އެއްބަސްވެފަ އެވެ. އޭނާއާ އެކު އިތުރު އެހީތެރިއަކު ވެސް ރާއްޖޭގެ ގައުމީ ޓީމަށް ސޮއި ކުރާނެކަން ވަނީ އެނގިފަ އެވެ.

ކޯޗެއްގެ ގޮތުގައި މޮރިއޭރޯ 52، އެންމެ ފަހުން މަސައްކަތް ކުރީ އަލްބޭނިއާގެ ޑައިނަމޯ ޓިރަނާގަ އެވެ. ގައުމުން ބޭރުގައި އޭނާގެ ފުރަތަމަ ތަޖުރިބާ އަކީ އައިވަރީ ކޯސްޓްގެ ކްލަބް، އެފްރިކާ ސްޕޯޓްސްގައި ކުރި މަސައްކަތެވެ. އޭނާ ވަނީ އިޓަލީގެ ދެ ވަނަ ޑިވިޝަން އަދި ތިން ވަނަ ޑިވިޝަން ކަމަށްވާ، ސެރީ ބީ އަދި ސެރީ ސީގެ ކްލަބުތަކުގައި މަސައްކަތް ކޮށްފަ އެވެ. އަދި ސްވިޒަލެންޑްގެ ކްލަބު ލުގާނޯ އަށް ވެސް ކޯޗް ކޮށްދިނެވެ.

ރާއްޖޭގެ ގައުމީ ޓީމު ވާނީ އޭޝިއާގައި މޮރިއޭރޯ ކުރާ ފުރަތަމަ މަސައްކަތަށެވެ. އަދި އޭނާ މަސައްކަތް ކުރާނެ ފުރަތަމަ ގައުމީ ޓީމަކަށް ވެސް ރާއްޖެ ވާނެ އެވެ.

މޮރިއޭރޯ އަކީ ދިވެހި ގައުމީ ޓީމާ މި އަހަރު ހަވާލުވާ ތިން ވަނަ ކޯޗެވެ. ކުރީގެ ކޯޗު މާޓިން ކޫޕްމަން އޯގަސްޓް މަހު މަގާމުން ވަކިކޮށް، ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގެ ނިޔަަލަށް ގައުމީ ޓީމު ހަވާލު ކުރީ ތަޖުރިބާކާރު ދިވެހި ކޯޗު އަލީ ސުޒޭންއާ އެވެ. ނަމަވެސް އެ މުބާރާތުގައި އޭނާ އަށް ދިވެހިންނަށް ކާމިޔާބު ހޯދައެއް ނުދެވުނެވެ.

މޮރިއޭރޯއާ އެކު ދިވެހި ޓީމު އެންމެ އަވަހަށް ކުރިމަތިލާނެ މުބާރާތަކަށް އޮތީ އަންނަ މަހު ލަންކާގައި ބާއްވާ، މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތެވެ. އެ މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝް އާއި ޝީޝެލްސް އެވެ.