06 ޑިސެމްބަރ 2016 - 10:17

މެންޗެސްޓާ (ޑިސެމްބަރު 6) - ކުރިން ކޯޗުކޮށްދިން ބާސެލޯނާ އާއި ބަޔާން މިއުނިކުގައި ކުރި މަސައްކަތަށް ވުރެ މެންޗެސްޓާ ސިޓީގައި ކުރަން ޖެހެނީ އުނދަގޫ މަސައްކަތެއް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސެލްޓިކާ ދެކޮޅަށް ސިޓީ ނުކުންނައިރު، އެ ޓީމަށް ވަނީ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ލިބިފަ އެވެ. ގްރޫޕް ސީގެ އެއް ވަނައިގެ ގޮތުގައި ބާސެލޯނާ ދެ ވަނަ ބުރަށް ދިޔައީ ފަސް މެޗުން 12 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ގްރޫޕްގެ ދެ ވަނަ ޔަގީންވީ ފަސް މެޗުން އަށް ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ބޮރޫޝިއާ މޮންޗެންގްލަޑްބެކަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ސެލްޓިކަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.
ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ވާދަވެރި ޗެލްސީ އަތުން އަމިއްލަ ދަނޑުގައި ބަލިވުމުން ސިޓީ ވަނީ ލީގުގެ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. ގާޑިއޯލާ ބުނީ އެ ޓީމުގެ ހާލަތާ މެދު ކަންބޮޑުވާންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަަށެވެ.
"އަހަރެން ކުރިން ކޯޗުކޮށްދިން ދެ ކްލަބް (ބަޔާން އާއި ބާސެލޯނާ) އަކީ އަހަރެން ހަވާލުވުމުގެ އެތަކެއް އަހަރުތަކެއް ކުރިން ޔޫރަޕްގެ ގަދަ ދެ ބާރު. އެކަމަކު ސިޓީ އަކީ އަދި ޔޫރަޕްގައި ފަށައިގަނެގެން އުޅޭ ޓީމެއް. މި ޓީމަށް އައިއިރު ވެސް ގިނަ ގޮންޖެހުންތަކެއް ހުންނާނެކަން އެނގޭ. ބަޔާނާއި ބާސެލޯނާ އަށް ވުރެ ސިޓީގައި އަހަރެން މި ކުޅުވަނީ މާ އަވަސް ގޭމެއް. މި ސިސްޓަމަށް ހޭނެން ވަގުތު ބޭނުންވާނެ،" ގާޑިއޯލާ ބުންޏެވެ.
އެހެން ނަމަވެސް ގާޑިއޯލާ ވަނީ ބަޔާނާއި ބާސެލޯނާގައި ހޭދަވި ވަގުތުތަކަށް ވުރެން އަވަހަށް އޭނާގެ ގޭމް ސިޓީގެ ކުޅުންތެރިން ދަސްކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.
ޗެލްސީއާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގައި ރަތް ކާޑު ދެއްކި ސާޖިއޯ އަގުއޭރޯ އާއި ފެނާންޑީނިއޯ މިރޭ ޓީމުގައި ހިމެނުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށާއި އަނިޔާގެ ސަަބަބުން މި މެޗުގައި ވެސް ރަހީމް ސްޓާލިން ފެނުމުގެ ފުރުސަތު ކުޑަކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި މިހާތަނަށް ސިޓީ ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އަނެއް ތިން މެޗުގެ ތެރެއިން އެއް މެޗުން ބަލިިވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ސިޓީ އާއި ސެލްޓިކް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:45 ގަ އެވެ.