20 އޮކްޓޯބަރ 2021 - 19:12

ހިޖުރަކުރާ ދޫނި ހިފައި އެތަކެއްޗަށް ގެއްލުން ދިނުމުގެ އަމަލުތައް ހުއްޓުވުމަށް ކައުންސިލްތަކުން ޒިންމާއަދާކުރުމަށް މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީން މިއަދު ގޮވާލައިފި އެވެ.
އެ ކޮމިޓީން ނެރުނު ބަޔާނެއްގައި މިގޮތަށް ގޮވާލީ ރާއްޖެ އައި ފްލެމިންގޯތަކެއް ހިފައި 30،000ރ. އަށް ވުރެ އަގު ބޮޑުކޮށް ވިއްކުމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ޕޯސްޓްކުރި މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
މަޖިލީހުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ބާވަތްތަކަކީ ރާއްޖޭގެ ގުދުރަތީ މާހައުލުގައި ވަރަށް މުހިއްމުތަކެތި ކަމަށެވެ. އެތަކެތީގެ އާބާދީއަށް ގެއްލުން ލިބޭނެ ފަދަ ކަންކަމަކީ ރާއްޖޭގެ ތިމާވެށި ރައްކާކޮށް ދެމެހެއްޓުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ "ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ޖިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވާއިދު" ގެ ދަށުން މަނާކޮށްް، އަދަބު ކަނޑައަޅާފައިވާ ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.
ގަވާއިދުގައި އެގޮތަށް އޮތް ނަމަވެސް އެކި މޫސުންތަކުގައި ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި އެތަކެއްޗަށް ގޯނާކޮށް އެތަކެތީގެ ހިޖުރައިގެ ރާސްތާއަށް ހުރަސްއެޅޭ ބާވަތްތަކުގެ ކަންކަން ރާއްޖޭގައި ކުރަމުން ދިއުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ކޮމިޓީން ބުންޏެވެ.
އެހެންވެ، އެތަކެތި ހިފައި ވިއްކާ މީހުންނަށް މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށާއި ހިޖުރަކުރާ ދޫނިތަކުގެ ގުދުރަތީ ދިރިއުޅުން ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ކޮމިޓީން ގޮވާލި އެވެ.
ރާއްޖެ ހިޖުރަކުރި ފްލެމިންގޯތަކެއް ހިފައިގެން، އެ ވިއްކަން ޖެހި މައްސަލައެއް ފުލުހުންނާ ގުޅިގެން އީޕީއޭ އިން ވެސް އަންނަނީ ބަލަމުންނެވެ. މިކަން ހިނގާފައި ވަނީ މިހެން ހިޖުރަކުރާ ދޫނި ހިފައި ގޯނާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައި ވަނިކޮށެވެ.
ފްލެމިންގޯތަކެއް އެންމެ ފުރަތަމަ ފެނިފައި ވަނީ ހއ. ފިއްލަދޫ ފުއްޓަރު ފަރާތު އަތިރިމަތިންނެވެ. މާކަނާގެ އާއިލާ އަށް ނިސްބަތްވާ ފްލެމިންގޯ އަކީ މީގެ ކުރިން ދުވަހަކު ވެސް އެ ރަށު އަތިރިމަތިން ފެނުނު އެއްޗެއް ނޫނެވެ.
ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި ގޯނާކުރާ މީހުންނަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދުގެ ދަށުން ބޮޑެތި ޖޫރިމަނާތައް ކަނޑައެޅޭނެ އެވެ.