20 އޮކްޓޯބަރ 2021 - 19:20

ނިއުކާސަލް (އޮކްޓޯބަރު 20) - ނިއުކާސަލް ޔުނައިޓެޑްގެ އާ ވެރިން އެހެން ކޯޗަކު ހޯދަން މަސައްކަތް ކުރާތީ، އެ ކްލަބުގެ ކޯޗު ސްޓީވް ބްރޫސް މަގާމުން ވަކިވެއްޖެ އެވެ.
ނިއުކާސަލްގެ 80 ޕަސެންޓް ހިއްސާ މިހާރު ނިސްބަތް ވަނީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ބޮޑު ހިއްސާއެއް އޮންނަ ސައުދީގެ ސޮވެރިން ފަންޑަށެވެ. އެ ކްލަބުގެ ޗެއާމަނަކީ މުހައްމަދުއާ ގާތް ގުޅުމެއް އޮންނަ ވިޔަފާރިވެރިޔާ އަދި ސޮވެރިން ފަންޑުގެ ގަވަރުނަރު ޔާސިރް އަލް ރުމަޔާން އެވެ.
އާ ވެރިންތަކެއް ނިއުކާސަލް ހިންގުމާ ހަވާލުވި ހިސާބުން އެ މީހެއްގެ މަގާމާމެދު ސުވާލު އުފެދުނު ފުރަތަމަ މީހަކީ ބްރޫސް އެވެ. ދެފަރާތް އެއްބަސްވެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު، މިހާރު އޭނާ ދައްކަނީ ރިޓަޔާ ކުރަން އުޅޭ ވާހަކަ އެެވެ.
"އަހަންނަށް ހީވަނީ މިއީ ކޯޗެއްގެ ގޮތުގައި އަހަރެން މަސައްކަތް ކުރާ އެންމެ ފަހު ވަޒީފާ އަށް ވެދާނެހެން. މި މަސައްކަތުގައި ގިނަ އަހަރުތަކެއް އުޅެން ޖެހުމުން އޭގެ އަސަރު ކުރީ ހަމައެކަނި އަހަންނަށްކަށް ނޫން؛ އަހަރެންގެ މުޅި އާއިލާއަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރި. އަހަންނަށް އެކަން އިހުސާސް ނުކުރެވި ކުރިއަށް ދިޔައީ،" ބްރޫސް 60، ބުންޏެވެ.
އެމީހުން (އާއިލާ) އަހަރެންނާ މެދު ވިސްނަން ފަށައިފި. ހާއްސަކޮށް އަހަރެންގެ އަންހެނުން. އޭނާ އަކީ ހީވެސް ނުކުރާ ކަހަލަ އަންހެނެއް. އެކަމަކު އަހަންނަށް އޭނާ އަށް އެންމެ އެކަށީގެންވާ ވަގުތެއް ނުދެވުނު. އެއީ މިދިޔަ ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި އަހަރެން ކޯޗިންގައި މަސައްކަތް ކުރަން ޖެހުމުން."
ނިއުކާސަލްގެ ކޯޗުގެ މަގާމަށް އަންނާނެކަމަށް އެންމެ ބޮޑަށް ބެލެވެނީ، ރޯމާގެ ކުރީގެ ކޯޗް ޕައުލޯ ފޮންސެކާ އެވެ.