07 ޑިސެމްބަރ 2016 - 06:22

ކުރީގެ މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އަދި އެކްޓަރު ރާޖް ކަޕޫރުގެ ކާފަ ދަރިފުޅު އާދަރް ޖެއިން ބޮލީވުޑަށް ތައާރަފްވާ ފިލްމު ދާދި ފަހުން ޔާޝްރާޖް ފިލްމްސް އިން ވަނީ އިއުލާންކޮށްފަ އެވެ. މިހާރުވެސް ބޮލީވުޑްގައި މަސައްކަތްކުރާ ރަންބީރު ކަޕޫރާއި ކަރީނާ ކަޕޫރުގެ ދެބެންގެ ދެދަރި ކޮއްކޮ އާދަރްގެ ފުރަތަމަ ފިލްމުގައި ބަތަލާގެ ބައި ކުޅެން ނެގީ އަންޔާ ސިންގް ކަމަށް ޔާޝްރާޖުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
އަންޔާ ވަނީ ޔާޝްރާޖްއާ އެކު ތިން ފިލްމު ކުޅެން ސޮއިކޮށްފަ އެވެ. މިއީ އަލަށް ފިލްމީ ދުނިޔެއަށް ނުކުންނަ އެކްޓަރަކަށް ބަލާއިރު އަންޔާއަށް ލިބުނު ރަނުގެ ފުރުސަތެކެވެ.
އާދަރް އާއި އަންޔާގެ ފިލްމު ޑައިރެކްޓްކުރާނީ ހަބީބް ފައިސަލް އެވެ. މިއީ އަރްޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްރާ ފިލްމީ ދުނިޔެއަށް ތައާރަފްވި ފިލްމު "އިޝަގްޒާދޭ"ގެ ވެސް ޑައިރެކްޓަރެވެ.
ޔާޝްރާޖް ފިލްމްސްގެ ކުޑައިގެ ދަށުން ވަރަށް ގިނަ އެކްޓަރުން މިހާތަނަށް ފިލްމީ މައިދާނަށް ވަނީ ނެރެފަ އެވެ. އެގޮތުން އަނުޝްކާ ޝަރުމާ އާއި ބޫމީ ޕަޑްނޭކަރް އަދި ވާނީ ކަޕޫރާއި ރަންވީރު ސިންގް އަކީ އެ ފިލްމު ކުންފުނިން ނެރެދިން އެކްޓަރުންނެވެ.
ޔާޝްރާޖްގެ ކާސްޓިން ޑައިރެކްޓަރު ޝާނޫ ޝަރުމާ ބުނީ އެ ކުންފުނީގެ ހެޑް އަދިތުޔާ ޗޯޕްރާ އަބަދުވެސް ހުނަރުވެރި އާ އެކްޓަރުންނަށް ފުރުސަތު ދޭން ބޭނުންވާ ކަމަށެވެ. އަދި އިންޑިޔާގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ހުނަރުވެރި އާ ޒުވާނުން ހޯދަން ހިތްވަރުދޭ ކަމަށް ވެސް އޭނާ ބުންޏެވެ.