މަދަދު އެދެމޭ ހިތާއޭ...
މަދަދު އެދެމޭ ހިތާއޭ...

އާދިއްތަ ދުވަހާ ގުޅޭ

އަހަންނަށް ލިބެން އުޅެނީ ރަނގަޅު ޚަބަރެއް ނޫނެވެ. އެއީ ބައެއް ފަހަރު ވާ ގޮތެކެވެ. ވަކި ހާއްސަ ކަމެއް ނުވިޔަސް ހިތް ބިރުގަންނަ ފަހަރު އާދެއެވެ. ބުނާހެން ހީވާނެއެވެ. ކޮންމެވެސް ބޮޑު ކަމެއްވާން އެބަ އުޅެއެވެ. އެންމެ ފަހު ވަގުތު އަހަރެން ނިންމީ ރާމިޒަށް ބަހަނާއެއް ދައްކާށެވެ. ދެން ހިތަށްއެރިއެވެ. އޭނަ ބުނަން އެ އުޅެނީ ކީކޭބާއެވެ؟ އެ ސުވާލަށް ޖަވާބެއް ނުލިބި އަހަރެންގެ ލޮލަކަށް ނިންޖެއް ނާންނާނެއެވެ.

ކޮފީ މޭޒުން ދެ މީހުން ބައްދަލުވެފައި އަހަރުމެން ދެއްކީ އޮފީސް ވާހަކައެވެ. ދިރިއުޅުމުގެ ވާހަކައެވެ. ސިޔާސީ ވާހަކައެވެ. އަހަރުމެން ބޯން ގެނައި ކޮފީޔާ ބެހޭ ގޮތުން ވެސް ލައްކަ ވާހަކަ ދެކެވުނެވެ. މާލޭގައި ހުންނަ ކޮފީގެ ނަންތަކާއި، އަގުތަކާ ބެހޭ ގޮތުން ވެސް ބޭކާރު އެތަކެއް ވާހަކައެއް ދެކެވުނެވެ. ރާމިޒު އިނީ ފަށަން ނުކެރިފައެވެ. އަހަރެން އިނީ އަހަން ނުކެރިފައެވެ.

"ދެން ތި ދައްކަން އުޅޭ ވާހަކައެއް ދައްކަންވީނު!" އެންމެ ފަހުން އަހަރެން ބުނީމެވެ. "ހަނދާންނެތުނީތަ؟"

ރާމިޒު ވިސްނައިލިއެވެ. އޭރު ވެސް އޭނަ އިނީ ދެ ހިޔާލެއްގައެވެ.

"ހަނދާން އެބަހުރި! ބުނަން އުނދަގޫވެގެން މި އުޅެނީ،" ކެރުކެހިލައިފައި ރާމިޒު ބުންޏެވެ. "ދަނޑިވަޅު ވެސް ރަނގަޅެއް ނޫން. އެކަމަކު ނުބުނެ ނުހުރެވިގެން މި އުޅެނީ. އަސްލު މިހާރު ވެސް މާ ލަސްވެއްޖެ!"

"އަހަންނަށް ތި ކަހަލަ އެއްޗެއް ހީވިޔޭ!" އަހަރެން ބުނީމެވެ. "ރާމިޒު ދެއަންބަށް މީހަކާ އިންނަނީތަ؟"

"ކީއްކުރަން އަޒްލިފާއަށް ކިޑެއް ހޯދީ؟" ރާމިޒު ސުވާލުކުރިއެވެ. "ނުހޯދި ނަމަ މާ ރަނގަޅުވީސް."

ރާމިޒު ބުނި އެއްޗެއް އަހަންނަކަށް ނުވިސްނުނެވެ. އަޒްލިފާއަކީ އަހަރެންގެ އަންހެނުންނެވެ. އޭނައަށް ކުއްޖަކު ނުހޯދަންވީ ކީއްވެގެން ހެއްޔެވެ؟

"އަޒްލިފާގެ ކުދިކުދި މައްސަލަ އެބަ ހުރި. އަހަރެން ވެސް އެއްބަސް،" ފޮރުވުމެއް ނެތި އަހަރެން ބުނީމެވެ. "އެކަމަކު އޭނައަކީ އަހަރެންގެ ވައިފް. އަހަންނަށް ޔަގީން އަހަރެންގެ ކިޑް ރަނގަޅަށް ބޮޑުކުރަން އޭނައަށް ކުރެވުނު ހުރިހާ ކަމެއް ކޮށްދޭނެ. އަހަރެން އަޒްލިފާއަށް އިތުބާރުކުރަން."

"މީހުންނަށް ތިހާ އަވަހަށް ޓްރަސްޓްކުރާކަށް ނުވާނެ. ނަސީރަކީ ރަނގަޅު މީހެއް. ހެޔޮ މީހެއް،" ރާމިޒު ބުންޏެވެ. "އެކަމަކު އަޒްލިފާ އެ ކަން ދަނޭބާ؟ އަހަރެން ނުބުނާނަން އަހަރެން ދައްކާ ވާހަކަ ނަސީރު ގަބޫލުކުރާށެކޭ ވެސް. ނަސީރު އަޅެ އެ ކޮޅުން ކޮންމެވެސް މީހަކަށް ގުޅައިގެން ބަލާބަލަ ނަސީރު މާލެ ދިޔައިމަ އަޒްލިފާ އުޅެނީ ކިހިނެއްތޯ؟"

ފުރަތަމަ ވެސް އަހަރެން ހަނދާންވީ އެއްކަލަ ދެ ސިކުންތެވެ. އަޒްލިފާގެ މޫނުމަތިން އަހަންނަށް ފެނުނު، ތަރުޖަމާކުރަން ނޭނގުނު ހަރަކާތެވެ. އަހަރެން ފެނުމުން އަޒްލިފާ ގަނޑުވި ސިކުންތުކޮޅެވެ. އެކަމަކު އަހަރެން އެ ވާހަކައެއް ނުދައްކަމެވެ.

"އަޒްލިފާއަކީ ފާޑުފާޑަށް އުޅޭ ކުއްޖެއް ނޫން." ވަރަށް ޔަގީންކަމާ އެކުގައި އަހަރެން ބުނީމެވެ.

"އަހަރެން ނުބުނަމެއްނު އޭނަ ގޮތަކަށް އުޅޭ ވާހަކައެއް. އަހަރެން މި ބުނަނީ ނަސީރު ބަލާބަލާށޭ ނަސީރު މިކޮޅުގަ އުޅޭ އިރު، އެކޮޅުގަ އޭނަ އުޅެނީ ކިހިނެއްތޯ؟" ރާމިޒު އެދުނެވެ. "ނަސީރު ހުރިހާ އެންމެނާ ވެސް ގުޅުން ރަނގަޅެއްނު. އެ ގެއަށް ވަދެއުޅޭ އަޒްލިފާގެ ތިމާގެ ކުދިންނާ ވެސް ރައްޓެހި. ގުޅާފަ އަހާލަބަ! އެ މީހުންނަށް ވެސް މަންޒަރު ފެނިފަ ހުންނާނީ. އެ ވާހަކަ ނުދައްކަނީތާ! މީ އިއްޔެ ނޫނީ މިއަދުގެ ކަމެއް ނޫނޭ!"

"ރާމިޒަށް ތިހާ އެނގެއްޏާ ރާމިޒު ބުނަންވީނު. ކީއްވެ ތިހާ ބިރުން ތި އުޅެނީ؟" އަހަރެން ހައިރާންވެފައި އެހީމެވެ.

"އަހަރެން ބިރަކުން ނޫޅެން،" ގޮނޑީގައި ހަމަޖެހިލަމުން ރާމިޒު ބުންޏެވެ. "އަހަރެން ބުނަން ބޭނުންވި ވާހަކަ ބާއްވާފަ، ބުނަން ބޭނުން ނުވި ވާހަކައެއް މި ފަހަރު ބުނާނީ. ނަބީލާއަށް ބަނޑުބޮޑުވިކަން އަޒްލިފާގެ ދައްތައަކަށް އެނގިގެން އެ ކަމާ ނައްޓައިގެން އުޅުނުކަން ދެނަހުރިންތަ؟ ނޭނގޭނެ. އެނގިފަ އޮތް ނަމަ އަޒްލިފާއަށް ތިހާ ޓްރަސްޓެއް ނުކުރީސް. އަޒްލިފާގެ ދެ ކުދިން ތިއްބާ އަނެއްކާ ދަރިޔަކު ހޯދާތީ، އެ ކަމާ ހިތްހަމަނުޖެހިގެން އެ ދަރި ވައްޓާލަން މާލޭން ބޭސް ފޮނުވިކަން އެނގޭތަ؟"

އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ ހިސާބަށް ކަންތައް ދިޔަ ހެއްޔެވެ؟ އެކަމަކު ދަރިޔަކު ވިހަން އަޒްލިފާ އެއްބަސްކުރުވީ ގަދަކަމަކުން ނޫނެވެ. އެއީ، އަޒްލިފާ އިސްވެ އެދިގެން ނިންމުނު ނިންމުމެކެވެ.

"ކިހިނެއް ގަބޫލުކުރާނީ؟ ދެން އޯކޭ!" އަހަރެން ބުނީމެވެ. "އެކަމަކު އޭނަ ތި ބޭހެއް ނުކައެއްނު! އެހެންވެތާ ވިހެއީ."

ރާމިޒު އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުރީއެވެ. އޭގެ މާނަ އަހަންނަށް ވިސްނުނެވެ. އެކަމަކު ގަބޫލުކުރަން ހިތް ދެކޮޅުހެދިއެވެ. ނަބީލާ އަހަރެންގެ ދަރިޔަކަށް ވީތީ އެކަންޏެއް ނޫނެވެ. މަންމައަކަށް ވެ ހުރެ އެ ފަދަ ކަމެއް ކުރަން އަޒްލިފާއަށް ކެރުނީތީއެވެ.

"އޭނަ ބޭސް ކެއި. އަހަންނަށް އެނގޭތީ މި ބުނަނީ. ދެން ނާހާތި ކިހިނެއްހޭ އަހަންނަށް އެނގުނީ،" މޭޒުގައި އަތުން ޖަހަމުން ރާމިޒު ބުންޏެވެ. "ނަސީރުގެ ނަސީބު ރަނގަޅުކަމުން ކުއްޖާ ނުވެއްޓުނީ. އެ ވަރުގެ އަންހެނަކަށް ކީއްކުރަން ކުއްޖަކު ނުހޯދި ނަމަ މާ ރަނގަޅުވީސް. ނަބީލާއަށް ދެރަ ގޮތެއްވާކަށް އަހަރެން ވެސް ބޭނުމެއް ނޫން. އެކަމަކު ނަސީރަށް ހީވޭތަ އެ ކުއްޖާ ސަލާމަތުން ބޮޑުވާނެހެން؟"

އަހަރެން ވިސްނަން ފެށީމެވެ. އަޒްލިފާއާއި ދަރިފުޅު އެނބުރި ރަށަށް ދިޔަ އިރު ވެސް އަހަރެން ހުރީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. އަނެއްކާ ވެސް ހިތަށްއެރީ ކުރިން ހިތަށްއެރި އެއްޗެވެ. ކުއްޖަކު ހޯދަން ނިންމީ އަޒްލިފާއެވެ. އަހަރެން މަޖުބޫރެއް ނުކުރަމެވެ. ވީއިރު، މާބަނޑުވެފައި ދެން އޭނަގެ ހިޔާލު ބަދަލުވާންވީ ކީއްވެގެން ހެއްޔެވެ؟

ހަގީގަތް ހޯދަން ގުޅަން އެންމެ ރަނގަޅު މީހަކަށް އަހަންނަށް ފެނުނީ ބަޝީރެވެ. އެއީ އަޒްލިފާގެ ތިމާގެ ކުއްޖެކެވެ. ތެދުވެރި، ހަރުދަނާ ކުއްޖެކެވެ. ހުރިހައި ނަމާދެއް ޖަމާއަތުގައި ކުރާ، އަހުލާގު ރަނގަޅު ޒުވާނެކެވެ. އަޒްލިފާގެ ގެއަށް ވަރަށް ގިނައިން އޭނަ ދެއެވެ. އަހަންނަށް ދޮގުހަދާކަށް އޭނައަކަށް ނުކެރޭނެއެވެ. ބަޝީރަށް ގުޅުނީ ތަންކޮޅެއް ދަންވެފައި ހުއްޓައެވެ. އެ ގަޑީގައި ދުވަހަކުވެސް އަހަރެން އޭނައަކަށް ނުގުޅަމެވެ.

"އައްސަލާމް އަލައިކުމް!" ބަޝީރު ވަރަށް އަވަހަށް ޖަވާބުދިނެވެ. "މިސްކިތަށް ވަންނަމުން ފޯނު ސައިލެންޓަށް ލާންވެގެން ފޯނު ނެގި ވަގުތު ތި ގުޅުނީ. ހަމަ ކިރިޔާ. ކިހިނެއްވީ؟"

ބޭނުން ނަމަ ވަރަށް ދުރުދުރުން ވެސް އަހަންނަށް ވާހަކަ ގެންދެވުނީހެވެ. އެހެނަސް އެހެނެއް ނަހަދަމެވެ.

"އަޒޫއްތަ ހޯދަން އެއްވެސް މީހަކު ގެއަށް އާދޭތަ؟" އަހަރެން އެހީމެވެ. "އަހަންނަށް އެނގޭ ބަޝީރު ދޮގުނަހަދާނެކަން. އެހެންވެ ބަޝީރަށް މި ގުޅީ."

"އާނ! ނަސީރުބޭ ކައިރީގަ އެ ވާހަކަ ބުނަން ނުކެރިގެން އަހަރެން މި އުޅެނީ،" އެއްޗެއް ނުބުނެ އިރުކޮޅަކު މަޑުކޮށްލައިފައި ބަޝީރު ކިޔައިދޭން ފެށިއެވެ. "އާސިމް އައިމަ އަޒޫއްތަ ހުންނާނެ އަނދިރިގަނޑުގަ އޭނަޔާ ވާހަކަދައްކަން. ކިތަންމެ ރެޔަކު އަހަރެން ދެކެން. ބައެއް ރޭރޭ ދެ މީހުން ދާނެ ސައިކަލުދުއްވަން ވެސް. އަހަރެން ބުނިން ތިހެން ނޫޅޭށޭ ވެސް. އަޑެއްނޭހި. ނުބުނާތި އަހަރެންނޭ ބުނީ!"

ބަޝީރު ވަރަށް ދިގުކޮށް ވާހަކަދެއްކިއެވެ. އޭނަގެ ވާހަކައިން އަހަންނަށް އެނގުނީ، އަޒްލިފާ އެ ކަމެއް ކުރާތާ ކިތަންމެ ދުވަހެއް ވެއްޖެކަމެވެ. ބަޝީރުގެ ހެކިބަހަކީ، އަހަރެންގެ ނަޒަރުގައި ދިހަ މީހުންގެ ބަހެވެ. އެހެންކަމުން، އެ ކޯލު ނިންމައިފައި އަހަރެން އަޒްލިފާއަށް ގުޅީމެވެ. ގުޅާގުޅާ ފޯނެއް ނުނެގިއެވެ. ހުއްޓައިނުލައި އަހަރެން ގުޅަނިކޮށް އެއް ފަހަރަކު ފޯނު ނެގިއެވެ. ނެގީކީ ނޫނެވެ. ނެގުނީއެވެ. ވައިޖެހޭ އަޑު އިވެއެވެ. ފިރިހެނަކާއި އަންހެނެއްގެ އަޑު ވެސް އިވެއެވެ. ޔަގީނުން ވެސް އަންހެން އަޑަކީ އަޒްލިފާގެ އަޑެވެ. އެކަމަކު އަޑު މަޑުކަމުންނާއި ވައިގެ އަޑު ގަދަކަމުން، އެކަކު ވެސް ކިޔާ އެއްޗެއް ސާފެއް ނުވެއެވެ. އަޒްލިފާ ވަރަށް ގިނައިން ހެޔެވެ. އަހަންނާ ވާހަކަދައްކާ އިރު ވެސް އަޒްލިފާ އެ ވަރަކަށް ނުހެޔެވެ. ކިޔާ އެއްޗެއް ސާފު ނުވާތީ އަހަރެން އެ ކޯލު ކަނޑައިލީމެވެ.

އަޒްލިފާޔާ ގުޅުނީ ރޭގަނޑު ބާރަގަޑި ބައިވާން އުޅެނިކޮށެވެ. ގުޅުނު އިރު އޭނަ ހުރީ ކޮޓަރީގައިހެން ހީވެއެވެ.

"މިއޮއްހާ އިރު ކާކާ ވާހަކަދެއްކީ؟" އާދައިގެ ރާގެއްގައި އަހަރެން އެހީމެވެ. "އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ!"

"އެއީ އާސިމް،" އަޒްލިފާ ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އަހަރެންގެ ފޯނު ކުޑަ މައްސަލައެއް އުޅޭތީ އެ ކަން ރަނގަޅުކުރަން ވެގެން.."

"އެ ކަން ރަނގަޅުކުރަން ދަންވަރު އަނދިރީގަ ނުތިބެ ވެސް ތި ކަން ކުރެވޭނެ ގޮތްގޮތް ހުންނާނެއްނު،" ރުޅި ކޮންޓުރޯލުކުރަމުން އަހަރެން ބުނީމެވެ. "ކީއްވެ އަހަރެން ކައިރީގަ ނުބުނީ. އިރުއިރުކޮޅާ ރަށަށް އައިސް އައިއްސަ މި ދަނީ. އާ ފޯނެއް ގަންދީފާނަމޭ."

"އޭނަ ބުނީ ސެޓިންއިން އެ ކަން ރަނގަޅުކޮށްލެވޭނޭ،" ކަމެއްވީހެން ވެސް ހީނުވާ ކަހަލަ ރާގެއްގައި އަޒްލިފާ ބުންޏެވެ. "ރޭގަނޑުއޭ އޭނައަށް ޓައިމްވަނީ. އަހަރުމެން މިތާ ގެ ކައިރީގަ ތިބެނީ. ހިނގާ މީހުންނަށް ވެސް ފެންނާނެ. އާނ އެ ތަން އޮންނަނީ ކުޑަކޮށް އަނދިރިކޮށް. އެކަމަކު ނަސީރު ތި ހީކުރާ ކަހަލަ އެއްވެސް ގުޅުމެއް އޭނަޔަކާ ނޯންނާނެ. ކޮންމެވެސް މީހަކު އަހަރުމެން ޖައްސަން ނަސީރަށް ގުޅައިގެން ކުޓުވީ ދޯ؟"

ދެން ވެސް އަހަރެން ކެތްތެރިކަން އިސްކުރީމެވެ. އަޒްލިފާ ރުޅިއަރުވައިގެން އަހަރެންނަށް ވާނެ ފައިދާއެއް ނެތެވެ. އަނބިމީހާއެވެ. އަހަރެންގެ ދަރިފުޅުގެ މަންމައެވެ.

"އެކަމަކު އަޒްލިފާއަކީ ކޮޓަރި ނޫން ހުރިހާ ތަނެއްގަ ބުރުގާ އަޅައިގެން އުޅޭ މީހެއްނު!" ވިސްނައިދޭ ރާގެއްގައި އަހަރެން ބުނީމެވެ. "ދެން ތި އާސިމަކާ ވާހަކަދައްކަން ބުރުގާ ނާޅާ ހުންނަނީ ކީއްވެ؟"

"އެ ވާހަކަ ވެސް ބުނީ؟" ހީނގެންފައި އަޒްލިފާ ބުންޏެވެ. "ތީ ކާކު ދައްކައިގެން އުޅޭ ވާހަކައެއްތަ؟"

އަޒްލިފާ ކުރާ ސުވާލަކަށް އަހަރެން ޖަވާބެއް ނުދެމެވެ.  

"އެއީ ކޮން ރަށެއްގެ މީހެއް؟" އަހަރެން ސުވާލުކުރީމެވެ. "އޭނަގެ ނަންބަރު އަހަންނަށް ދީފާނަންތަ؟"

ނުނިމޭ