ޝަޕޮކޮއެންސް އަށް ޗެމްޕިއަންކަން ދީފި
ޝަޕޮކޮއެންސް އަށް ޗެމްޕިއަންކަން ދީފި

ލޫކޭ، ޕެރެގުއޭ (ޑިސެމްބަރު 6) – ކޮޕަ ސުޑަމެރިކާނާގެ ފައިނަލުގެ ފުރަތަމަ ލެގު ކުޅުމަށް ކޮލަމްބިއާ އަށް ދަތުރުކުރަނިކޮށް މަތިންދާބޯޓް ވެއްޓި ކުޅުންތެރިންނާއި އޮފިޝަލުން މަރުވެފައިވާ ބްރެޒިލްގެ ޝަޕޮކޮއެންސް އަށް މުބާރާތުގެ ޗެމްޕިއަންކަން ދެކުނު އެމެރިކާގެ ފުޓްބޯޅަ ޖަމިއްޔާ އިން ދީފި އެވެ.

މި ހާދިސާގައި ޝަޕޮކޮއެންސް ޓީމުގެ ތިން ކުޅުންތެރިން ކުޅުންތެރިން ފިޔަވައި އެހެން އެންމެން މަރުވެފައިވާ އެ އެ ކްލަބާ އެކު ފައިނަލުގައި ކުޅެން ހަމަޖެހިފައި އޮތް ކޮލަމްބިއާގެ އެތުލެޓިކޯ ނޭސިއަނަލް އިން ވެސް ވަނީ ޝަޕޮކޮއެންސް އަށް ތަށި ދޭން އެދިފަ އެވެ.

ސައުތު އެމެރިކަން ފުޓްބޯލް ކޮންފެޑެރޭޝަން (ކޮންމެބޮލް) އިން ވަނީ އެތުލެޓިކޯ ނޭސިއަނަލް އިން މިކަމުގައި ދެއްކި ކުޅިވަރުގެ ރޫހާއި ސުލްހަވެރިކަމުގެ އަގުވަޒަންކޮށް އެ ކްލަބަށް ހާއްސަ ފެއާޕްލޭ އެވޯޑެއް ދީފަ އެވެ.

ޝަޕޮކޮއެންސްގެ ތާރީހުގައި އެ ޓީމަށް ލިބުނު ފުރަތަމަ ބޮޑު ކާމިޔާބީއާ އެކު އިނާމެއްގެ ގޮތުގައި 2 މިލިއަން ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. ރަނަރަޕް ޓީމުގެ ހައިސިއްޔަތުން އެތުލެޓިކޯ ނޭސިއަނަލް އަށް 1 މިލިއަން ޑޮލަރު ލިބޭނެ އެވެ.

މީގެ އިތުރުން ޗެމްޕިއަންކަން ހޯދުމާ އެކު ޝަޕޮކޮއެންސް އަށް ވަނީ ދެކުނު އެމެރިކާގެ އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތް ކޮޕަ ލިބެޓެޑޯރެސް އިން ފުރުސަތު ލިބިފަ އެވެ. އަދި އެންމެ ފަހުގެ ކޮޕަ ލިބެޓެޑޯރެސްގެ ޗެމްޕިއަން އެތުލެޓިކޯ ނޭސިއަނަލްއާ ދެކޮޅަށް ސައުތު އެމެރިކަން ސުޕަ ކަޕުގައި އަންނަ އަހަރު ބައްދަލުކުރާނެ އެވެ.

އެ ކްލަބް ގޮވައިގެން ބޮލީވިއާ މަގުން ދަތުރުކުރި ޗާޓަރު މަތިންދާބޯޓް ކޮލަމްބިއާގެ މެޑެޔިންއާ ހަ މޭލަށް ގާތްވެފައިވަނިކޮށް ވެއްޓުނީ، ރިޕޯޓްތައް ބުނާ ގޮތުގައި އިލެކްޓްރިކަލް މައްސަލައެއް ދިމާވެ ތެޔޮހުސްވުމުންނެވެ. ސީދާ ސަބަބެއް އެނގޭނީ މިހާރު ކުރިއަށްދާ ތަހުގީގުތައް ނިމުމުންނެވެ.

ޝަޕޮކޮއެންސްގެ ހިތާމައިގައި ދުނިޔޭގެ ފުޓްބޯޅަ އާއިލާ ބައިވެރިވެފައިވާއިރު ހަފުތާ ބަންދުގައި ކުޅުނު ހުރިހާ ފުޓްބޯޅަ މެޗެއްގެ ކުރިން ވަނީ ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފަ އެވެ. މީގެ އިތުރުން ވަރަށް ގިނަ ކްލަބްތަކުން ވަނީ ޝަޕޮކޮއެންސްގެ އަށް އަގެއް ނުނަގައި ލޯން އުސޫލުން ކުޅުންތެރިން ދޭން ހުށަހަޅަމުންނެވެ.

މަރުވި ކުޅުންތެރިންނާއި އޮފިޝަލުން އަދި ނޫސްވެރިންގެ އާއިލާތަކަށް އެހީވުމަށް ފައިސާ ހޯދުމަށް އަންނަ މަހު ފަހުކޮޅު ބްރެޒިލާއި ކޮލަމްބިއާ އެކުވެރިކަމުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.