19 އޮކްޓޯބަރ 2021 - 15:44

މައި ކޮލެޖުގެ 1،580 ދަރިވަރަކު ދަސްވެނިއްޖެ އެވެ.
އެ ކޮލެޖުގެ ހަތް ވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ލެވެލް ތިނަކުން މާސްޓާސްއާ ހަމައަށް އެ ކޮލެޖުން ކިޔެވި ދަރިވަރުންނަށް ވަނީ ސެޓިފިކެޓު ހަވާލުކޮށްފަ އެވެ. މީގެ ތެރެއިން 89 ދަރިވަރަކަށް ވަނީ ޓޮޕް އެޗީވާސްގެ އެވޯޑް ދީފަ އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު ހުސެން ރަޝީދު ހަސަނެވެ.
މައި ކޮލެޖުގެ 17 ބްރާންޗެއް ހުންނަ އިރު، 15 ބްރާންޗެއްގެ ދަރިވަރުން ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެފަ އެވެ. އަދި ހދ. ކުޅުދުއްފުއްޓާއި ލ. ގަމުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ވަނީ މި މަހުގެ ފަހުކޮޅު ބާއްވާ ގޮތަށް ނިންމައިފަ އެވެ.
މިވަގުތު މައި ކޮލެޖުން ހަތަރު ފެކަލްޓީއެއްގެ ދަށުން 75 ޕްރޮގްރާމެއް ކުރިއަށް ގެންދެ އެވެ. އަދި 2،500 ދަރިވަރުން އެ ކޮލެޖުން މިހާރު ވެސް ކިޔަވަމުން އަންނަ ކަމަށް އެ ކޮލެޖުން ބުންޏެވެ. މައި ކޮލެޖުން އަންނަނީ ވާޗުއަލް ކުލާސްތައް ވެސް ބާއްވަމުންނެވެ.