19 އޮކްޓޯބަރ 2021 - 15:28

ޖިނާއީ އިޖުރާއަތުގެ ގާނޫނު ފާސްކުރި އިރު ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މެމްބަރުންގެ ނިޔަތް އޮތް ގޮތް ދެނެގަތުމަށް އެކަމާ ބެހޭ ގޮތުން ބޭއްވި ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގެ ޔައުމިއްޔާތަކުގެ ކޮޕީއެއް ދޭން ކްރިމިނަލް ކޯޓުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ހަދަން މަޖިލީހުން ބޭއްވި ބައްދަލުވުންތަކުގެ ޔައުމިއްޔާތަކުގެ ކޮޕީ ހޯދަން ކްރިމިނަލް ކޯޓުން މި މަހު ހަތަރެއްގައި އެދިފައިވާ ކަަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޔައުމިއްޔާތައް ހޯދަން ކޯޓުން އެދުނީ ގާނޫނުތައް މާނަކުރުމުގައި ގާނޫނުތައް އެކުލަވައިލި ފަރާތްތަކުގެ ނިޔަތް ޖެހޭނެ ކަަމަށް މަތީ ކޯޓުތަކުގެ ނިންމުންތަކުގައި އޮންނާތީ އެވެ.
"... ގާނޫނުތައް މާނަކުރުމުގައި، ގާނޫނުތައް އެކުލަވައިލެވުނު މަގުސަދުތައް ދެނެގަތުމަށް ޓަކައި، ގާނޫނު އެކަށައެޅި ފަރާތްތަކުގެ ނިޔަތް ދެނެގަތުން މުހިއްމު ކަމަށް މަތީ މަރުހަލާގެ ކޯޓްތަކުގެ ނިންމުުންތަކުން އެނގެން އޮންނާތީ، ގާނޫނު ނަމްބަރު 12/2016 ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބިލަަށް މަޖިލީހުން ކުރެވުނު ބަހުސްތަކުގެ ޔައުމިއްޔާ އާއި އަދި އެބިލަށް ކޮމިޓީ މަރުހަލާގައި ދެކެވުނު ވާހަަކަތަކުން ކޮޕީއެއް ބޭނުންވާތީ އެ ލިއުންތައް ފޮނުއްވައިދެއްވުން އެދެމެވެ،" އަސްލަމް ވިދާޅުވި ގޮތުން ކްރިމިނަލް ކޯޓުން ފޮނުވި ސިޓީގައި އޮތީ މި އިބާރާތެވެ.
މަޖިލީހުގެ އިދާރާއިން އެ ކަން 241 ކޮމިޓީއަށް ހުށަހެޅީ އޭނާ ވިދާާޅުވި ގޮތުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބިލު ދިރާސާކުރަން އެކޮމިޓީން އޭރު ބޭއްވި ބައްދަލުވުމެއްގެ ޔައުމިއްޔާ ހޯދަން ޖެހޭތީ އެވެ. ޑިސެމްބަރު 16، 2014 ގައި ބޭއްވި އެ ބައްދަލުވުމަކީ އެހެން ނަމަވެސް ސިއްރު ބައްދަލުވުމެކެވެ.
ކޮމިޓީން މިއަދު ކުރި މަޝްވަރާތަކަށް ފަހު ފާސްކުރީ، އެެއީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި އޭރު ބޭއްވި ބައްދަލުވުމެއް ނަމަވެސް، ކޯޓަށް އެ ލިޔެކިއުންތައް ދިނުމަށެވެ. ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވައި، ކެންދޫ ދާއިރާގެ ޖޭޕީ މެމްބަރު އަލީ ހުސައިން ތާއީދު ކުރެއްވި އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނު ފާސްކުރި އިރު، މެމްބަރުންގެ ނިޔަތް އޮތް ގޮތް ދެނެގަންނަން ކަމަށް ބުނެ، ޔައުމިއްޔާތައް ހޯދަން ކްރިމިނަލް ކޯޓުުން އެދުނީ، ބެލެވޭ ގޮތުގައި، އެ ކޯޓްގެ ނިންމުމެއް، ހައިކޯޓުން ބާތިލުކުރި އިރު ބުނެފައިވާ ބުނުމަކާ ގުޅިގެންނެވެ. އެކަަމަކު އެކަން ގުޅިފައި ވަނީ ސީދާ ކޮން މައްސަލަޔަކާ ކަމެއް އަދި ނޭނގެ އެވެ.