06 ޑިސެމްބަރ 2016 - 09:15

ދިމިޝްގު (ޑިސެމްބަރު 6) - ސީރިއާގެ ހަލަބް ސިޓީ އަށް އަޅަމުންދާ ބޮންތަކާ ބެހޭ މައުލޫމާތު ޓްވިޓާ މެދުވެރިކޮށް މުޅި ދުނިޔެ އަށް ހާމަކުރުމުގައި ސަމާލުކަން އަތުލާފައިވާ ހަތް އަހަރުގެ ބަނާ އަލަބަދު ޓްވިޓާ އިން އާދިއްތަ ދުވަހު ގެއްލުނު ނަމަވެސް އެ ކުއްޖާ ސަލާމަތުން ހުރި ކަމަށް ބީބީސީން ބުނެފި އެވެ.
ބަނާގެ ޚަބަރެއް ނުވެ ސޯޝަލް މީޑިއާ އިން ގެއްލުނީ އެ ކުއްޖާ ދިރިއުޅޭ ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތަކަށް ސަރުކާރު ސިފައިން ވަރުގަދަ އަށް ބޮން އަޅަމުންދާ ދުވަސްވަރެއްގަ އެވެ. ބަނާގެ ޚަބަރެއް ނުވުމުން، ބައެއް މީހުން ހީކުރީ ބޮމުގެ ހަމަލާތަކުގައި އޭނާ މަރުވީ ކަމަށެވެ. ނަމަވެސް ބަނާގެ މަންމަ ފާތިމާ ހޯމަ ދުވަހު ކުރި ޓްވީޓެއްގައި ވަނީ އެ މީހުންނަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާ ކަމަށާއި ދާނެ ތަނެއް ވެސް ނެތް ކަމަށް ބުނެފަ އެވެ. އަދި ހޭދަވާ ކޮންމެ މިނިޓަކު މަރުހީވާ ކަމަށް ބުނެފައިވެ އެވެ. ޓްވީޓުގައި ވަނީ އެ މީހުންނަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދިފަ އެވެ.
ބަނާ އެންމެ ފަހުން ޓްވިޓާ އިން ފޮނުވި މެސެޖުގައި ވަނީ ނުރައްކާތެރި ކަމެއްވާން އުޅޭ ކަމުގެ އިންޒާރެއް ދީފަ އެވެ؛ ސިފައިން އައިސް އެ މީހުން ހިފަނީ ކަމަށް ބަނާ ބުނެފައިވެ އެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެ އެވެ. އެކަމަކު ބީބީސީން ބުނީ ބަނާ އާއި އޭނާގެ މަންމަ ހަލަބުގައި ސަލާމަތުން އެބަތި ކަމަށެވެ. ނަމަވެސް އެ މީހުން ތިބި ތަނަކާ ބެހޭ މައުލޫމާތު ދީފައެއް ނުވެ އެވެ. ބަނާގެ އާއިލާގައި އޭނާގެ ހަގަށް ދެ ފިރިހެން ކުދިން ވެސް ތިބެ އެވެ.
ޓްވިޓާ އިން ބަނާ ފޮލޯކުރާ ދެ ލައްކައެއްހާ މީހުންނަށް އެ ކުއްޖާ ވަނީ ދިރިއުޅެން ޖެހޭ ބިރުވެރި ހާލަތު ސިފަކޮށްދީފަ އެވެ. ނޮވެމްބަރު 28 ވަނަ ދުވަހު ކުރި މެސެޖުގައި ވަނީ އެ މީހުން ދިރިއުޅޭ ގެ އަށް ބޮން އަޅައިފި ކަމަށާއި ނިދަން ޖެހޭނީ މަގުމަތީގައި ކަމަށް ބުނެފަ އެވެ. އަދި މަރުވަމުންދާ މީހުން އޭނާގެ ލޮލަށް ފެންނަމުންދާ ކަމަށް ބުނެފައިވެ އެވެ. ހަމަ އެ ދުވަހު އެ ކުއްޖާ ވަނީ ބޮމުގެ ވަރުގަދަ ހަމަލާތަކުގެ ތެރޭގައި، މަރާއި ދިރިހުރުމާ ދެމެދު، އެ މީހުންގެ ރައްކާތެރި ކަމަށް ދުއާ ކޮށްދިނުމަށް އެދިފަ އެވެ. އެ ކުއްޖާގެ މަންމަ ފާތިމާ ވެސް ފަހުން ވަނީ ސީއެންއެން އަށް ވާހަކަ ދައްކައިފަ އެވެ. ބޮމުގެ ހަމަލާގައި ގެ ސުންނާފަތިކޮށްލާފައިވާ ކަމަށް މަންމަ ވަނީ ސްކައިޕް މެދުވެރިކޮށް ބުނެފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ފަހުކޮޅު ބަނާ އަށް ޓްވިޓާ އެކައުންޓެއް ހަދައިދިނީ އޭނާގެ މަންމަ އެވެ. ބަނާ ވަނީ ކެމެރާގެ ކުރިމަތީގައި ހުރެ ވާހަކަ ދައްކާ ދުނިޔޭގެ އެހީއަށް އެދިފަ އެވެ.
ބަނާގެ އާއިލާ ދިރިއުޅެނީ ހަލަބުގެ އިރުމަތީގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަހައްދުގަ އެވެ. ހަލަބުގެ އިރުމަތީގެ ހަނގުރާމަ ހޫނުވެ ސަރުކާރު ސިފައިން މިހާރު ވަނީ އެ ސަރަހައްދުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައި ހިފައިފަ އެވެ.
ބަނާގެޓްވީޓްތަކުގެ ސަބަބުން ދުނިޔޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިންގެ ލޮލުގައި ވެސް ވަނީ އަޅައިގެންފަ އެވެ. ޖޭ.ކޭ ރޯލިން މިދިޔަ މަހު ވަނީ ހެރީ ޕޮޓާގެ އީބުކް ސީރީޒް ބަނާ އަށް ފޮނުވައިފަ އެވެ. ބަނާ ބުނެފައި ވަނީ ހަނގުރާމައިގެ މަތިން ހަނދާން ނައްތާލަން ފޮތް ކިޔަން ބޭނުންވާ ކަމަށެވެ.
ބީބީސީއާ ވާހަކަ ދައްކަމުން ބަނާގެ މަންމަ އޮކްޓޯބަރު މަހު ބުނެފައި ވަނީ އޭނާގެ ދަރިފުޅު ބޭނުން ވަނީ ދުނިޔެ އިން އެ މީހުންގެ އަޑު އަހަން ކަމަށެވެ.