ކުރީގެ ތާރީހުގައި "ބްލެކް ޕެންތާ 2" ނާންނާނެ
ކުރީގެ ތާރީހުގައި "ބްލެކް ޕެންތާ 2" ނާންނާނެ

މާވެލް ސްޓޫޑިއޯސް އާއި ޑިޒްނީ ގުޅިގެން އަންނަ އަހަރު ގެނެސްދޭން ހުރި އުންމީދީ ފިލްމުތަކެއްގެ ތާރީހުތަކަށް ބަދަލު ގެނެސްފި އެވެ.

މީގެ ތެރެއިން އެއް ފިލްމަކީ އިއުލާން ކުރީއްސުރެން އެ ފިލްމަކަށް ފޭނުން އިންތިޒާރު ކުރަމުން އަންނަ "ބްލެކް ޕެންތާ 2" އެވެ. ކުރިން އަންނަ އަހަރުގެ ޖުލައި 7 ގައި ގެނެސްދޭން ނިންމާފައި އޮތް "ބްލެކް ޕެންތާ: ވެކަންޑާ ފޯއެވާ" މިހާރު ތާވަލު ކޮށްފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 އަށެވެ.

ދެހާސް އަށާރައިގައި ގެނެސްދިން "ބްލެކް ޕެންތާ" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބި، ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ވެސް ހޯދި ފިލްމެކެވެ. މިދިޔަ އަހަރު ކެންސަރު ބަލީގައި މަރުވި ޗާޑް ބޯޒްމަން ޓައިޓްލް ރޯލު ކުޅުނު އަދި 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 1.348 ބިލިއަން ޑޮލަރުގެ އާމްދަނީ ލިބުނު ފިލްމެކެވެ.

ރަޔަން ކޫގްލާ ޑައިރެކްޓްކުރި ފިލްމުގެ ދެވަނަ ބައި އަންނަ އަހަރު ގެނެސްދޭ އިރު، ކުރީގެ ފިލްމުގެ މުހިއްމު ބައެއް ކާސްޓުން "ބްލެކް ޕެންތާ: ވެކަންޑާ ފޯއެވާ" އިން ވެސް ފެނިގެން ދާނެ އެވެ.

މާވެލް އާއި ޑިޒްނީން ތާރިހުތަކަށް ބަދަލު ގެނައި އިތުރު ފިލްމުތަކަށް ބަލާ އިރު، އަންނަ އަހަރުގެ މާޗް 25 ގައި ގެނެސްދޭން އޮތް "ޑޮކްޓާސް ސްޓްރޭންޖް އިން ދަ މަލްޓިވާޒް އޮފް މޭޑްނެސް" މެއި 6 އަށް ފަސްކޮށް، މެއި 6 ގައި ގެނެސްދޭން އޮތް "ތޯ: ލަވް އެންޑް ތަންޑާ" ވަނީ ޖުލައި 8 އަށް ފަސް ކޮށްފައިވެ އެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ނޮވެމްބަރު 11 އަށް ތާވަލު ކޮށްފައި އޮތް "ދަ މާވެލްސް" 2023 ގެ ޖުލައި 28 އަށް ފަސްކޮށް، އިތުރު އެހެން ފިލްމުތަކުގެ ތާރީހުތައް ވެސް ބަދަލު ކޮށްފައިވެ އެވެ.