ހުޅުމާލޭގެ ފޭސް ދޭއްގެ ދެ ސްކޫލަށް ތަރުހީބު ކުޑަވުމުން އަލުން ބީލަމަށް
ހުޅުމާލޭގެ ފޭސް ދޭއްގެ ދެ ސްކޫލަށް ތަރުހީބު ކުޑަވުމުން އަލުން ބީލަމަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދެ ސްކޫލެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން ހުޅުވައިލި ނަމަވެސް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓަށް ބީލަން ހުށަހެޅުމަށް ފުރަތަމަ ހުޅުވައިލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ. ނަމަވެސް ކޮންޓްރެކްޓަރުންގެ ޝައުގުވެރިކަން ކުޑަވުމުން އަލުން ބީލަމަށް ހުޅުވައިލީ މި މަހުގެ ހައެއްގަ އެވެ. އެ ޕްރޮޖެކްޓަށް ކުރިމަތިލާއިރު ބިޑް ސެކިއުރިޓީގެ ގޮތުގައި ބަހައްޓަން ޖެހެނީ 850،000ރ. އެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން މި ޕްރޮޖެކްޓަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ތެރެއިންނެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި އެ ބީލަންތަކުގައި ބައިވެރިވެވޭނީ ހައުސިން މިނިސްޓްރީގެ "އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައި ރަޖިސްޓަރީ ވެފައިވާ ނަމަ އެވެ. އެކަމަކު ރާއްޖެ އިން ބޭރު ކުންފުނިތަކުން "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު"ގައި ރަޖިސްޓަރީ ނުވި ނަމަވެސް އެ ކުންފުނިތަކުން އެ ގަވާއިދުގެ 13 ވަނަ މާއްދާގައި ބަޔާންކުރާ ލިޔުންތައް ބީލަމާ އެކު ހުށަހަޅަން ޖެހެ އެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 100ރ. ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ވެސް ދައްކަން ޖެހެ އެވެ.

އިއުލާނުގައިވާ ގޮތުގައި ބީލަން ހުޅުވުން އަޮންނާނީ އަނންނަ މަހުގެ 17 އިގައި ފިނޭންސް މިނިސްޓްރީގަ އެވެ.

ފޭސް ދޭއްގައި މިހާރު ވެސް ދެ ކުންފުންޏަކުން ސްކޫލު އިމާރާތްކުރަމުން އެބަދެ އެވެ. އެޗްޑީސީން ލަފާކުރާ ގޮތުގައި އެ ތަނުން އެއް ސްކޫލުގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ނިމޭނެ އެވެ. އަނެއް ސްކޫލު ނިމޭނީ އެ އަހަރުގެ ޑިސެމްބަރުގަ އެވެ.

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުމާ އެކު، ހުޅުމާލޭގެ ސްކޫލުތަކަށް މިހާރު ވެސް ޖާގައިގެ ދަތިކަން ކުރިމަތިވަމުން އެބަދެ އެވެ.