18 އޮކްޓޯބަރ 2021 - 22:02

އެމެރިކާގެ ކުރީގެ ހާރިޖީ ވަޒީރު، ޖެނެރަލް (ރިޓަޔަޑް) ކޮލިން ޕަވަލް، 84، ކޮވިޑް ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު އަވަހާރަވެއްޖެ އެވެ.

ކޮލިން ޕަވަލް އަކީ ކުރީގެ ރައީސް ޖޯޖް އެޗް ޑަބްލިޔު ބުޝްގެ ވެރިކަމުގައި، އެމެރިކާގެ ސިފައިންގެ އެންމެ މަތީ މަގާމު ކަމަށްވާ ޗެއާމަން އޮފް ދަ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ މަގާމު ފުރުއްވި ޖެނެރަލެކެވެ. އިރާގުގެ އަޅުވެތިކަމުން ކުވައިތު މިނިވަންކުރުމަށް 1991 ވަނަ އަހަރު އެމެރިކާ އިސްވެ ކުރި ހަނގުރާމައިގެ އެންމެ އިސް ކޮމާންޑަރެއްގެ ގޮތުގައި ވެސް ހުންނެވީ ކޮލިން ޕަވަލް އެވެ.
އޭގެ ފަހުން ޖޯޖް ޑަބްލިޔޫ ބުޝްގެ ވެރިކަމުގައި ޕަވަލް ހުންނެވީ އެމެރިކާގެ ހާރިޖީ ވަޒީރުގެ މަގާމުގަ އެވެ.
ޖެނެރަލް ކޮލިން ޕަވަލް ކޮވިޑް ބަލީގައި އަވަހާރަވި އިރު ހުންނެވި ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކުރައްވައިގެންނެވެ. އެމެރިކާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ޕަވަލް އަށް ކޮވިޑް ޖެހުނު އިރު ވެސް އޭނާ ހުންނެވީ މަލްޓިޕްލް މިޔެލޮމާ ކިޔާ ކެންސަރު ބައްޔަކަށް ފަރުވާ ހޯއްދަވަމުންނެވެ.
މަލްޓިޕްލް މިޔެލޮމާ އަކީ ލޭގައި ހުންނަ ޕްލާޒްމާ ސެލްތަކަށް ޖެހޭ ކެންސަރުގެ ބާވަތެކެވެ. މިބާވަތުގެ ކެންސަރު ޖެހުމުން، ހަށިގަނޑުގައި އުފެދޭ އިންފެކްޝަންތަކާ ދެކޮޅަށް ހަށިގަނޑުގެ ދިފާއީ ނިޒާމު މަސައްކަތް ކުރުމުގެ ގާބިލްކަން ވަރަށް ބޮޑަށް ދަށްކޮށްލަ އެވެ.
ކޮލިން ޕަވަލް އަވަހާރަވުމާ ގުޅިގެން، ދުނިޔޭގެ ގައުމުތަކުގެ ވެރިން ގެންދަވަނީ އެމެރިކާ ސަރުކާރަށާއި ޕަވަލްގެ އާއިލާ އަށް ތައުޒިޔާ ދަންނަވަމުންނެވެ. އަދި އެމެރިކާގެ ހާރިޖީ ދާއިރާގަ އާއި އަސްކަރިއްޔާގައި އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ވެސް ގެންދަވަނީ ޕަވަލްގެ އާއިލާއަށް ތައުޒިޔާ ދަންނަވަމުންނެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔޫ ބުޝްގެ ވެރިކަމުގެ ދުވަސްވަރު އެމެރިކާ ސިފައިން އިރާގަށް އަރައިގަތުމަށް ދެއްކި ބަހަނާ ދިފާއުކުރެއްވުމަށް ވެސް އެންމެ ގިނަ މަސައްކަތްތަކެއް ކުރެއްވީ ޕަވަލް އެވެ. އެ ގޮތުން އދ.ގެ އާންމު މަޖިލީހުގައި އިރާގާ ބެހޭ ގޮތުން ދެއްވި ތަގުރީރެއްގައި، އިރާގުގައި ކެމިކަލް ހަތިޔާރާއި ބަޔޮލޮޖިކަލް ހަތިޔާރު ހުރިކަން ސާބިތުކޮށްދެއްވުމަށް، ފޮޓޯތަކެއް ވެސް ދައްކަވައި އެކަން ދިފާއު ކުރެއްވި އެވެ.
ނަމަވެސް، އިރާގުގައި ކެމިކަލް ހަތިޔާރު ހުރި ކަމަށް އދ. މަޖިލީހުގައި ދެއްކި ވާހަކައަކީ ނުބައި މައުލޫމާތެއްގެ މައްޗަށް ދެއްކެވި ވާހަކަތަކެއް ކަމަށް ފަހުން އެއްބަސްވެވަޑައިގަތެވެ.