ނަތީޖާ ރަނގަޅު ނަމަ ހަ އަހަރު ފަހުން އެއްބަސްވުން އާކުރާނަން: ސަލްގާޑޯ
ނަތީޖާ ރަނގަޅު ނަމަ ހަ އަހަރު ފަހުން އެއްބަސްވުން އާކުރާނަން: ސަލްގާޑޯ

އެފްއޭއެމްއާ އެކު މިއަދު ގާއިމްކުރި ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ އެންމެ ބޮޑު އުންމީދަކީ ނަތީޖާ ރަނގަޅު ނަމަ ހަ އަހަރު ފަހުން އެއްބަސްވުން އާކުރުން ކަމަށް ސްޕެއިން އަދި ރެއާލް މެޑްރިޑުގެ ލެޖެންޑް މިޝޭލް ސަލްގާޑޯ ބުނެފި އެވެ.

ނަތީޖާ ރަނގަޅު ނަމަ ހަ އަހަރު ފަހުން އެއްބަސްވުން އާކުރާނަން: ސަލްގާޑޯ
ނަތީޖާ ރަނގަޅު ނަމަ ހަ އަހަރު ފަހުން އެއްބަސްވުން އާކުރާނަން: ސަލްގާޑޯ

މި ޕްރޮޖެކްޓް ހިނގާނީ ސަލްގާޑޯގެ ކްލަބް، ރިއަލް ހިސްޕަނިއާ އެފްސީގެ ބެލުމުގެ ދަށުންނެވެ.

ހޮޓެލް ޖެންގައި "ޓުވާޑްސް ފިއުޗާ" ގެ ނަމުގައި މިއަދު ބޭއްވި އިވެންޓުގައި ސަލްގާޑޯ ބުނީ މާދަމާ ފެށިގެންދާ މަސައްކަތުގެ ނަތީޖާ ވަރަށް މުހިންމު ކަމަށާއި، ވިސްނުން ބަހައްޓަންވީ މިކަމުން ދިވެހި ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ކަމަށެވެ.

ސަލްގާޑޯ ބުނީ، ޕްރޮޖެކްޓުގެ ނަތީޖާއަކަށް ވާނީ، ހައި ޕާފޯމަންސް ސެންޓަރުން ތަމްރީނުކުރާ ކުޅުންތެރިން ސީދާ ދިވެހި ޕްރިމިއާ ލީގު ފެންވަރަށް ތައްޔާރު ކުރުން ކަމަށެވެ. މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ ހައި ޕާފޯމަންސް ސެންޓަރެއްގައި ތަމްރީނު ހަދާ ކުދިންގެ ތެރެއިން 17 އަހަރުން ދަށުގެ އުމުރުފުރާއަށް ދާއިރު ހޮވާލެވޭ އެންމެ މޮޅު 20 ކުއްޖަކަށް ޕްރިމިއާ ލީގު ޓީމުތަކަށް ކުޅެން ފުރުސަތު ހޯދަން ޑްރާފްޓެއް ކުރިޔަށް ގެންދަން ރާވާފައިވެ އެވެ.

"ނަތީޖާއަކަށް ވާންޖެހޭނީ، 17 ނޫނީ 18 އަހަރުން ދަށުގެ ކުޅުންތެރިން ސީދާ (ދިވެހި) ޕްރިމިއާ ލީގު ފެންވަރަށް ތަމްރީނުކޮށް، ކްލަބްތަކުން ޕްރޮފެޝަނަލް ކޮންޓްރެކްޓް ހޯދައިދިނުން. އެނޫން ނަތީޖާއެއް ބޭނުމެއް ނޫން،" ސަލްގާޑޯ ބުންޏެވެ.

"ޑްރާފްޓް ކުރިޔަށް ގެންދަން ކުލަބްތަކާ މަޝްވަރާކުރުން އަދި އޮތީ ކުރިޔަށް."

ޑްރާފްޓަކީ ކުޅުންތެރިންގެ ޕޫލަކުން ނޫނީ އެކަޑަމީ ނުވަތަ ސްކޫލަކުން ވިޔަސް، ހޮވާލެވޭ ކުޅުންތެރިންނަށް ޕްރޮފެޝަނަލް ކޮންޓްރެކްޓެއްގެ ދަށުން މަތީ ފަންތީގެ ކުލަބްތަކަށް ކުޅުމުގެ ފުރުސަތު ފަހި ކޮށްދޭން ކުރިޔަށް ގެންދާ އުސޫލެކެވެ. އާއްމު ގޮތެއްގައި އުތުރު އެމެރިކާ ބައްރުގެ ގައުމުތަކުން މި އުސޫލަށް އަމަލު ކުރެ އެވެ.

ހައި ޕާފޯމަންސް ސެންޓަރުގައި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ތަމްރީނު ދޭން ހަމަޖެހިފައިވާއިރު ތަމްރީނުތައް ނިމޭއިރު މަސައްކަތް ކުރާނީ ކުޅުންތެރިން ރޭންކްކޮށް، ކޮންމެ ސެންޓަރަކުން އެންމެ މޮޅު 20 ކުޅުންތެރިން ހޮވުން ކަމަށާއި، އޭގެ ތެރެއިން ކުދިން ކުޅޭނެ ކުލަބެއް ހަމަޖައްސާނީ ޕްރިމިއާ ލީގު ކްލަބްތަކުގެ ލީގު ރޭންކިން އަށް ވެސް ބެލުމަށް ފަހު ކަމަށް ސަލްގާޑޯ ބުންޏެވެ.

"މި މަސައްކަތް ކުރަނީ މިސާލަކަށް، ރޭންކް ކުރެވޭ 20 ކުޅުންތެރިންގެ ތެރެއިން އެންމެ މޮޅު ކުޅުންތެރިން ލީގުގައި އެންމެ ފަހަތުގައި އުޅޭ ކްލަބަށް ފޮނުވޭ ކަހަލަ ގޮތަކަށް. އޭރުން ލީގު ވެސް ކުރިއަރާނެ އެންމެ ފަހަތުގައި އޮންނަ ޓީމަށް މޮޅު ކުޅުންތެރިން ފޯރު ކޮށްދީގެން،" ސަލްގާޑޯ ބުންޏެވެ.

ސަލްގާޑޯ ބުނީ، މި ޕްރޮޖެކްޓްގެ ދަށުން ހައި ޕާފޯމަންސް ސެންޓަރުން ތަމްރީނުވާ ކުޅުންތެރިންނަށް ކްލަބްތަކުން ޖާގަ ހޯދޭ މިންވަރު އިތުރު ކުރެވިއްޖެ ނަމަ ރާއްޖޭގެ ގައުމީ ޓީމުތަކަށް ވެސް ނުހަނު ފައިދާ ކުރާނެ ކަމަށެވެ. އޭނާ ބުނީ، ޕްރިމިއާ ލީގަށް ގިނައިން ކުޅުންތެރިން ފޯރު ކޮށްދެވޭ މިންވަރު އިތުރުވާ ނަމަ، ގައުމީ ޓީމަށް ކުޅުންތެރިން ނަގާއިރު ރާއްޖޭގެ އެކި ހިސާބުތަކުގެ ޓޮޕް ލެވެލްގެ ކުޅުންތެރިންގެ ކުޅުން، ގައުމީ ކޯޗުންނަށް ފެންނާނެ ކަމަށެވެ.

ހައި ޕާފޯމަންސް ސެންޓަރަށް ކުދިން ހޮވަން ރާއްޖޭގެ އެކި ސަރަހައްދުތަކުން ސްކޫލްތަކާ ގުޅިގެން 18 އެކަޑަމީއެއް ހުޅުޅުވަން ވަނީ ރާވައިފަ އެވެ. ހުޅުމާލޭގައި ހުރި ހައި ޕާފޯމަންސް ސެންޓަރަށް ކުދިން ހޮވަން މާލޭ ސަރަހައްދުގައި އަށް އެކަޑަމީއެއް ހުޅުވަން ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.

އަތޮޅުތަކުގައި ހިންގާ 10 އެކަޑަމީން ކުދިން ހޮވާނީ އައްޑޫގައި ހުޅުވަން ހަމަޖެހިފައިވާ ހައި ޕާފޯމަންސް ސެންޓަރަށެވެ. މީގެ އިތުރުން ރާއްޖޭގެ އުތުރުގައި، ހދ. ކުޅުދުއްފުށީގައި ވެސް ހައި ޕާފޯމަންސް ސެންޓަރެއް ހުޅުވަން ވިސްނާފައިވާ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ ހިންގަން ފަށާނީ ހުޅުމާލޭގައި ހުރި ހައި ޕާފޯމަންސް ސެންޓަރު ކަމަށާއި، އައްޑު އާއި ކުޅުދުއްފުށީގައި ގާއިމުކުރާ ސެންޓަރުގެ މަސައްކަތް ދެތިން އަހަރެއްގެ ތެރޭގައި ނިމުމުން މި ޕްރޮޖެކްޓް މުޅި ރާއްޖެއަށް ފުޅާވާނެ ކަމަށެވެ.