ކަނޑަށް ވެއްޓުނު ދެ ކޮންޓެއިނަރު ފީވަކަށް ގެންގޮސްފި، އަނިޔާވި މީހާގެ ހާލު ރަނގަޅު
ކަނޑަށް ވެއްޓުނު ދެ ކޮންޓެއިނަރު ފީވަކަށް ގެންގޮސްފި، އަނިޔާވި މީހާގެ ހާލު ރަނގަޅު

މާލެ އިން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރުކުރި މުދާ އުފުލާ ދޯންޏަކުން އިއްޔެ ކަނޑަށް ވެއްޓުނު ދެ ކޮންޓެއިނަރު ށ. ފީވަކަށް މިއަދު ގެންގޮސްފި އެވެ. މި ހާދިސާގައި އަނިޔާވި މީހާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.

ކަނޑަށް ވެއްޓުނު ދެ ކޮންޓެއިނަރު ފީވަކަށް ގެންގޮސްފި، އަނިޔާވި މީހާގެ ހާލު ރަނގަޅު
ކަނޑަށް ވެއްޓުނު ދެ ކޮންޓެއިނަރު ފީވަކަށް ގެންގޮސްފި، އަނިޔާވި މީހާގެ ހާލު ރަނގަޅު

ށ. ފީވަކު ބަލްމާ ކުންފުނީގެ "ވީނަސް" ދޯނި، ހދ. އަތޮޅާއި ށ. އަތޮޅާ ދެމެދު ދަތުކުރަމުން ދަނިކޮށް، ދެ ކޮއިންޓެއިނަރު ވެއްޓުނީ ބާރު ކޮޅިގަނޑެއްގައި ޖެހިގެންނެވެ.

މި ދޯނި ދިޔައީ މާލޭގެ ވިޔަފާރި ބަނދަރުން ދެ ކޮންޓެއިނަރު ބަރުކޮށްގެން، ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ބަނދަރަށެވެ.

ފުލުހުން ބުނީ، އެ ހާދިސާގެ މައުލޫމާތު ލިބުނީ އިއްޔެ ހަވީރު 5:07 ހާއިރު ކަމަށެވެ.

ކޮންޓެއިނަރަކުން ޖެހި އެ ދޯނީގެ ފަޅުވެރިއެއްގެ ބޯފަޅައިގެން ވެސް ވަނީ ގޮސްފަ އެވެ. އެ ބިދޭސީ މީހާ އަށް ފީވަކު ސިއްހީ މަރުކަޒުން ވަނީ ފަރުވާދީފަ އެވެ.

ފީވަކު ކައުންސިލްގެ ނައިބް ރައީސް އަހުމަދު މަނިކު "މިހާރު" އަށް ވިދާޅުވީ މި ހާދިސާގައި އަނިޔާވި މީހާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށެވެ. އެ މީހާ އަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.

މަނިކު ވިދާޅުވީ ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތައް ފީވަކަށް ގެންދިޔައީ އެ ރަށުގެ ރައްޔިތުންގެ އެހީތެރިކަމާ އެކު ކަމަށެވެ. މި ކޮންޓެއިނަރުތަކުގައި ހުރީ ސޮފްޓް ޑްރިންކްސް އެވެ.

މި ހާދިސާގައި އެ ދޯނީގެ އަރިމަތީގެ ބޮޑުބައެއް އެއްކޮށް ވަނީ ހަލާކުވެފަ އެވެ. މިހާރު އެ ދޯނި ވެސް އޮތީ ފީވަކު ބަނދަރުގަ އެވެ.