06 ޑިސެމްބަރ 2016 - 08:17

ޒިއުރިކް (ޑިސެމްބަރު 6) - ކޮރަޕްޝަންގެ މައްސަލައިގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ފީފާގެ ރައީސް ސެޕް ބްލެޓާ ސަސްޕެންޑްކުރަން ނިންމާފައިވާ ނިންމުން ދަމަހައްޓަން ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސް (ސީއޭއެސް) އިން ނިންމައިފި އެވެ.
ބްލެޓާ އާއި ޕްލެޓިނީ ސަސްޕެންޑްކުރަން ނިންމީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކޮރަޕްޝަންގެ ގޮތުގައި 1.3 މިލިއަން ޕައުންޑްގެ މުއާމަލާތެއް އެއްބަސްވުމުގެ ބޭރުން ހިންގާފައިވާތީ އެވެ.
ޕްލެޓިނީ އަށް 2011 ވަނަ އަހަރު ބްލެޓާ ދިން 1.3 މިލިއަން ޕައުންޑަކީ 1998 އިން 2002 ވަނަ އަހަރާއި ހަމައަށް ޕެލްޓިނީ ފީފާގެ ކޮންސަލްޓަންޓެއްގެ ގޮތުން ކުރި މަސައްކަތުގެ އަގުކަމަށް ބުނި ނަމަވެސް އެކަން އެއްވެސް އެއްބަސްވުމަކުން ފެންނާކަށް ނެތެވެ. އެހެންވެ މި މައްސަލަ ބެލުމަށް ފަހު ފީފާއިން ނިންމީ ޕްލެޓިނީ އާއި ބްލެޓާ ސަސްޕެންޑް ކުރުމަށެވެ.
ފީފާއިން މިދިޔަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު ބެލްޓާ އާއި ޔޫއޭފާގެ ކުރީގެ ރައީސް މިޝެލް ޕްލެޓިނީ ފުރަތަމަ ސަސްޕެންޑްކުރީ އަށް އަހަރަށެވެ. އެހެން ނަމަވެސް ފީފާ އެތިކްސް ކޮމިޓީން ވަނީ އެ ސަސްޕެންޝަން ހަ އަހަރަށް ކުޑަކޮށްދީފަ އެވެ. އެއީ އިންސާފުވެރިގޮތަކަށް ދީފައިވާ އަދަބެއް ނޫން ކަމަށް ބުނެ ޕްލެޓިނީ އާއި ބްލެޓާ ވަނީ އެ މައްސަލަ ސީއޭއެސް އަށް ހުށަހަޅައިފަ އެވެ.
ސީއޭއެސް އިން ޕްލެޓިނީގެ މައްސަލަ ބެލުމަށް ފަހު އޭނާގެ ސަސްޕެންޝަން ހަތަރު އަހަރަށް ކުޑަކޮށްދިން ނަމަވެސް ބްލެޓާގެ ސަސްޕެންޝަނަށް ލުޔެއް ނުދިނީ އޭނާ އެކަމަށް އެދިފައިނުވާތީ އެވެ.
"ބްލެޓާ އެދުނީ މައްސަލައިގައި އޭނާގެ ބައިވެރިވުން ނެތް ގޮތަށް މައްސަލަ ނިންމުމަށް. މިއީ ރަނގަޅަށް ދީފައިވާ ފައިސާކަމަށް ނިންމުމަށް. އެއްވެސް ވަރަކަށް ސަސްޕެންޝަނަށް ލުޔެއް ހޯދުމަށް އެދިފައިނެތް،" ސީއޭއެސް އިން ނެރުނު ބަޔާނުގައިވެ އެވެ.
އުމުރުން 80 އަހަރުގެ ބްލެޓާ ފީފާގެ ރައީސްކަމުގައި ހުރި 17 އަހަރުގައި ހިންގާފައިވާ ގިނަ ކޮރަޕްޝަންގެ އަމަލުތަކެއް ފާއިތުވި އަހަރު ވަނީ ފެންމަތިވެފަ އެވެ. އަދި އޭގެ ބައެއް މައްސަލަތަކުގެ ތަހުގީގު ސްވިޒަލެންޑުގެ އޮފިޝަލުން އަދިވެސް އަންނަނީ ކުރަމުންނެވެ.