18 އޮކްޓޯބަރ 2021 - 14:51

ސީރިޔާގައި މިހާރު ހިންގަމުންދާ ދާހިލީ ހަނގުރާމަ ހުއްޓާލައި، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ސަރުކާރެއް އެކުލަވައިލުމަށް މަގު ފަހިކުރުމުގެ ގޮތުން، އެ ގައުމުގައި އަމަލުކުރާނެ ގާނޫނުއަސާސީއެއްގެ ދެލިކޮޕީއެއް އެކުލަވައިލުމަށް، ސީރިޔާގެ އިދިކޮޅު ސިޔާސީ ފަރާތްތަކާއި ސަރުކާރުން އެއްބަސްވެއްޖެ އެވެ.

އދ. އިން ސީރިޔާ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ގެއާ ޕެޑެސަން އިއްޔެ ވިދާޅުވި ގޮތުގައި، ސީރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ދެކެވެމުން އައި ސުލްހައިގެ ވާހަކަތައް މެދުކެނޑިފައި އޮންނަތާ ނުވަ މަސްދުވަސް ފަހުން، އަލުން ވާހަކަތައް ފެށުމަކީ ކުރިއަށް އެޅުނު ރަނގަޅު ފިޔަވަޅެކެވެ.
އަލުން ވާހަކަތައް ފެށުމަށް ދެ ފަރާތުން މި އެއްބަސްވީ، އޭގެ ފަހަތުގައި ކޮން ކަންތައްތަކެއް ހިނގައިގެން ކަމެއް މަންދޫބު ވިދާޅެއް ނުވެ އެވެ. އަދި ގާނޫނުއަސާސީގެ ދެލިކޮޕީއެއް އެކުލަވައިލުމުގައި ދެ ފަރާތުން ބޭނުންވާ ޝަރުތުތަކަކީ ކޮބައިކަން ވެސް އަދި ހާމައެއް ނުކުރެ އެވެ.
ގާނޫނުއަސާސީގެ ދެލިކޮޕީއެއް ތައްޔާރުކުރުމަށް އެކުލައިވައިލި ކޮމިޓީގެ އިސް ބޭފުޅުންނާ، އދ.ގެ މަންދޫބު އިއްޔެ ވަނީ ބައްދަލުކުރައްވައިފަ އެވެ. އެ ކޮމިޓީގައި ހިމެނެނީ، ސީރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ފަރާތުން ބައިވެރިވާ މަންދޫބުންނާއި، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާއި، ގައުމުން ބޭރަށް އަރުވައިލެވިގެން ތިބި ސިޔާސީ ބޭފުޅުން ތަމްސީލުކުރައްވާ މަންދޫބުންނާއި މަދަނީ މުޖްތަމައުގެ މަންދޫބުންނެވެ.
މި ކޮމިޓީގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު އެވެ. ކުރިއަށް އޮތް ހަފުތާގައި އެ ކޮމިޓީން ކުރާނެ މަސައްކަތްތަކާއި، މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ރޭވުންތައް މިއަދުގެ ބައްދަލުވުމުގައި ކަނޑައަޅާނެ އެވެ.
ގާނޫނުއަސާސީގެ ދެލިކޮޕީ އެކަށައެޅުމަށް ނަގާފައިވާ ކޮމިޓީގައި ހިމެނެނީ 45 މެންބަރުންނެވެ. އެއީ ސަރުކާރު ތަމްސީލް ކުރާ 15 މެމްބަރުންނާއި، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ 15 މެމްބަރުންގެ އިތުރުން، މަދަނީ މުޖްތަމައުގެ 15 މެމްބަރުންނެވެ.
މި ކޮމިޓީގެ މެމްބަރުންނާ އެކު، އދ.ގެ މަންދޫބު، އަންނަ ހުކުރު ދުވަހާ ހަމައަށް ޖެނީވާގައި ބައްދަލުކުރައްވަމުން ގެންދަވާނެ އެވެ. އދ.ގެ މަންދޫބު ވިދާޅުވި ގޮތުގައި ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން، އޭނާ މިހާރުވެސް ގެންދަވަނީ ކޮމިޓީގެ މެމްބަރުންނާ މަޝްވަރާ ކުރަމުންނެވެ. އަދި މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާ މެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮމިޓީގެ 45 މެމްބަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިހާރު އެއްބަސްވެފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދަމާ ހިނގާށޭ. މިހާރު މިވަނީ ގާނޫނުއަސާސީ އެކުލަވައިލާ ކޮމިޓީގެ މަސައްކަތް ފެށިފައި. އެންމެ ފަހުން ބޭއްވި މަޝްވަރާތައް ވެސް ޖެނުއަރީ މަހުގެ ތެރޭގައި ހުއްޓިގެން އެދިޔައީ އެއްވެސް ކުރިއެރުމެއް ނުލިބި،" އދ.ގެ މަންދޫބު ވިދާޅުވި އެވެ.
ސީރިޔާގެ 10 އަހަރުވީ ދާހިލީ ހަނގުރާމައިގައި މިހާތަނަށް 350000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. އަދި އެ ގައުމުގެ އާބާދީގައި ހިމެނޭ 23 މިލިއަން މީހުންގެ ތެރެއިން ދެ ބައިކުޅަ އެއްބައި މީހުން މިހާރު ތިބީ ގެދޮރު ގެއްލި ގައުމުގެ އެކި ސަރަހައްދުތަކަށް ވިއްސިވިހާލިވެފަ އެވެ. އޭގެ ތެރެއިން ފަސް މިލިއަން މީހުން ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމުތަކުގައި އެބަ އުޅެ އެވެ.
ރަޝިޔާ އިން އިސް ނަގައިގެން ޖެނުއަރީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސުލްހައިގެ މަހާސިންތާއެއް ބޭއްވި އެވެ. އެ މަހާސިންތާގައި، އާ ގާނޫނުއަސާސީއެއްގެ ދެލިކޮޕީއެއް އެކުލަވައިލުމަށް 150 މެމްބަރުންގެ ކޮމިޓީއެއް ކަނޑައެޅުމަށް އެއްބަސްވި އެވެ.