18 އޮކްޓޯބަރ 2021 - 12:18

އެއާ ޓްރެފިކް ކޮންޓްރޯލް ސާވިސަސް (އޭޓީސީ) ހިންގާ ގޮތާ މެދު ހިތްހަމަނުޖެހި އެކަންކަން ހައްލު ކުރުމަށް އެދި އެ ޑިޕާޓްމަންޓުން އެމްއޭސީއެލަށް ޕެޓިޝަނެއް އިއްޔެ ހުށަހަޅައިފި އެވެ.
"މިހާރު" އަށް ލިބިފައިވާ ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި އޭޓީސީ ހިންގުމުގައި ގިނަ މައްސަލަތަކެއް އެބަހުއްޓެވެ. މީގެ ތެރޭގައި މުސާރައާ ގުޅުން ހުރި ކަންކަމާއި މަގާމުގެ ކުރިއެރުމާއި މުވައްޒަފުންނަށް ތަމްރީން ދިނުމުގައި މައްސަލަތައް ހުރި ކަން ވަނީ ފާހަގަކޮށްފަ އެވެ.
އޭޓީސީގެ ޕެޓިޝަނުގައި ބުނެފައި ވަނީ އެއާ ޓްރެފިކް ކޮންޓްރޯލަރުންނަކީ ޕައިލެޓުންނާއި އިންޖިނިއަރުންނާއި ސީމަނުންނާއި ޑޮކްޓަރުންގެ ގިންތީގައި ހިމެނޭ ބަޔަކަށްވާއިރު މުސާރައާ އެހެން އިނާޔަތްތައް ދިނުމުގައި އެ އުސޫލުތަކަށް އަމަލު ނުކުރާ ކަމަށެވެ. މުސާރައިގެ ކުރިއެރުން ލިބޭ އޮނިގަނޑެއް އެކުލަވާލައި 2019 ވަނަ އަހަރު ރައީސް އޮފީހަށް ހުށަހެޅި ނަމަވެސް ކޮވިޑް-19އާ ގުޅިގެން އެ މަސައްކަތް މަޑުޖެހިފައިވާ ކަމަށާއި މިއަދާ ހަމައަށް ވެސް އެ އޮނިގަނޑުގެ މަސައްކަތް ނުކުރާކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ނަން ހާމަ ނުކުރުމަށް އެދި "މިހާރު" އަށް މައުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ އެއާ ޓްރެފިކް ކޮންޓްރޯލާއަކަށް އެވްރެޖުކޮށް ހުރިހާ އެލަވެންސަކާ އެކު ގެއަށް ގެންދަން ލިބެނީ 28،000ރ. ކަމަށެވެ. މުސާރަ ކުޑަ ވުމުގެ ސަބަބުން ދާއިރާގެ ގިނަ ބަޔަކު އެހެން ގައުމުތަކުގެ ވަޒީފާތަކަށް ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިޑްލް އީސްޓުގައި އޭޓީސީ ދާއިރާގައި ރާއްޖޭގެ އޮޕަރޭޓަރުންގެ ވަރަށް ބޮޑު ޑިމާންޑެއް އެބައޮތް. އެ ސަރަހައްދުގެ ގައުމުތަކުން މުސާރައިގެ ގޮތުގައި 8،000 ޑޮލަރު (ގާތްގަނޑަކަށް 123،360ރ.) ދޭ. މި މައްސަލަތައް ހައްލު ނުކުރާ ނަމަ އަޅުގަނޑުމެންގެ ތެރޭގައި ތިބި ތަޖުރިބާ ހުރި މީހުން ނުހިފެހެއްޓޭނެ އެމްއޭސީއެލް އަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުވައްޒަފުންނަށް ތަމްރީން ދިނުމުގަ އާއި މަގާމުގެ ކުރިއެރުން ދޭއިރު ވެސް ތަފާތު ކުރުންތައް ގެންގުޅޭ ކަމަށެވެ. އެގޮތުން، ވަކި މީހަކަށް މަގާމުތައް އިއުލާން ކުރާކަން ފާހަގަ ކުރެވޭ ކަމަށާއި ގިނަ މުވައްޒަފުންނަށް ލިބެން ޖެހޭ ފުރިހަމަ ތަމްރީން ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަސްލު މައްސަލައަކީ އެއާޕޯޓުގެ ދަށުން އޭޓީސީ ހިންގާތީ. އެހެން ގައުމުތަކުގައި އޭޓީސީ ހިންގާނީ އަމިއްލަ ކުންފުންޏެއްގެ ގޮތުގައި ނޫނީ ސިވިލް އޭވިއޭޝަންގެ ދަށުން."
- އޭޓީސީ ސެކްޓަރުގެ ކެޕޭސިޓީ ބެލިފައި ނުވުމުގެ އިތުތުން އެދެވިގެންވާ ހައްލެއް ލިބިފައި ނުވުން.
- ބަލި ހާލަތު ހުންނަ ގޮތުން ލައިސަންސް ދޫކުރަން ޖެހިއްްޖެ ނަމަ ވަޒީފާގައި ދެމިހުރެވޭނެ ގޮތެއް ކަނޑައަޅާފައި ނެތުން.
- ޖަސްޓް ކަލްޗާގެ ސަބަބުން ސޭފްޓީއާ ގުޅުންހުރި ޝަކުވާތަކާއި މައްސަލަތައް ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓް ކުރަން ކޮންޓްރޯލަރުން ޖެހިލުންވުން.
- ކޮންޓްރޯލަރުން ރިޓަޔާ ކުރުމުން އިނާޔަތްތައް ލިބޭ އުސޫލެއް ކަނޑައެޅުން
މި ޕެޓިޝަނުގައި އޭޓީސީގައި މަސައްކަތް ކުރާ 72 ކޮންޓްރޯލަރުންގެ ތެރެއިން 50 ކޮންޓްރޯލަރުން ވަނީ ސޮއި ކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން އެމްއޭސީއެލް އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އެ ކުންފުނިން ބުނީ، އެކަން ހިނގާފައިވާ ގޮތް ބެލުމަށް ފަހު ފަހުން ޖަވާބު ދޭނެ ކަމަށެވެ.
އެމްއޭސީއެލް އިން ދާދިފަހުން ވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުން ހިމެނޭ ގޮތަށް މުސާރަ ބޮޑުކޮށްފަ އެވެ.