18 އޮކްޓޯބަރ 2021 - 09:23

މާލެ އަށް މިއަދު ހެނދުނު ކުރަމުންދާ ވިއްސާރައިގެ ތެރޭގައި ރަސްމީ ފާލަން ކައިރިން ބޭރު ތޮަށިގަނޑުމަތީގައި މަސް ބާނަން ހުރި ދިވެއްސަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.
ފުލުހުން "މިހާރު" އަށް ބުނީ، އުމުރުން 59 އަހަރުގެ އެ ފިރިހެންމީހާ މޫދަށް ވެއްޓުނީ ވައިގަދަވުމުގެ ސަބަބުން ކަމަށެވެ.
އޭނާ މޫދަށް ވެއްޓުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 6:52 ގަ އެވެ. އެ މީހާ މޫދުން ނަގައިގެން އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް 7:20 ގައި އެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.
މިއަދު ހެނދުނު މާލެ އަށް ވައި ޖެހިފައި ވަނީ ގަޑިއަކު 22-27 މޭލާ ދެމެދުގަ އެވެ. ކޮޅިގަނޑުގައި ވައިގެ ބާރުމިން ހުރީ ގަޑިއަކު 50 މޭލަށެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވައިގަދަވެ، ވިއްސާރަ ކުރަމުންނެވެ. އެހެންވެ، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ އަންގައިފަ އެެވެ.
ރާއްޖޭގެ މޫސުން ގޯސްވެ މިދިޔަ ހޮނިހިރު ދުވަހު ހިނގި ކަނޑުމަތީގެ ހާދިސާއެއްގައި އަންހެނަކު މަރުވެ އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު ވަނީ ގެއްލިފަ އެވެ. އެމްއެންޑީއެފުން އަންނަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ.