10 މަހުގެ ކުއްޖާ ބަލަން ހަވާލުވި މީހާގެ އަނިޔާވެރިކަން ހާމަވެއްޖެ
10 މަހުގެ ކުއްޖާ ބަލަން ހަވާލުވި މީހާގެ އަނިޔާވެރިކަން ހާމަވެއްޖެ

އިންޑިއާގެ މުމްބައިގައި ހުރި ޑޭ ކެއާ ސެންޓަރެއްގެ އަންހެން މުވައްޒަފަކު 10 މަހުގެ ތުއްތު ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާކުރާ ވީޑިއޯއެއް އާންމުވެ، ސޯޝަލް މީޑިއާގައި ރުޅިވެރިކަން ފެތުރިއްޖެ އެވެ. ވީޑިއޯ އިން ފެންނަނީ އެ ކުއްޖާގެ ގައިގައި އެއްވެސް ރަހުމެއް ނެތި ތަޅާތަނެވެ.

އަފްސާނާ ޝޭޚް ނަމަކަށް އަންހެން މުވައްޒަފާއި ކުޑަކުދިން ބަލަހައްޓާ މަރުކަޒުގެ ވެރިޔާ ޕްރިޔަންކާ ނިކަމް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މި ހާދިސާ ފެންމަތިވުމުން މަހަރަޝްތުރާގެ ސްޓޭޓްގެ ވިމެން އެންޑް ޗައިލްޑް ޑިވެލޮޕްމަންޓް މިނިސްޓަރު ޕަންކަޖާ މުންޑޭ ވިދާޅުވީ ކުޑަކުދިން ބަލަހައްޓާ ހުރިހާ ތަނެއްގައި ސީސީޓީވީ ހަރުކުރުން މަޖްބޫރު ކަމެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށެވެ.

އެ ކުއްޖާގެ މައިންބަފައިން ބުނީ ދަރިފުޅަށް އަނިޔާކުރިކަން އެނގުނީ މިދިޔަ އަންގާރަ ދުވަހު ދަރިފުޅު ބަލާ ދިޔައިރު ނިތްކުރީގައި ހުރި ޒަޚަމަކުން ކަމަށެވެ.

އެމީހުން ފުރަތަމަ ބައްދަލުކުރީ ތަނުގެ ވެރިޔާ ނިކަމްއާ އެވެ. ނަމަވެސް އޭނާގެ ފަރާތުން ރަނގަޅު ޖަވާބެއް ނުލިބުމުން ދަރިފުޅު ގޮވައިގެން ޑޮކްޓަރަށް ދިޔަ އެވެ. ޑޮކްޓަރު ބުނީ ކުއްޖާ އަށް އަނިޔާކޮށްފައިވާ ކަމަށެވެ. އެހެންވެ އެ ސަރަހައްދުގެ ޕޮލިސް ސްޓޭޝަނަށް ގޮސް މައްސަލަ ބަލައިދޭން އެދުނީ އެވެ.

ފުލުހުން އެތަނަށް ގޮސް ވީޑިއޯ ފުޓޭޖް ބެލުމުން އެ ކުއްޖާ އަށް އަނިޔާކުރި މަންޒަރު ފެނުނެވެ. އެހެންކަމުން ނިކަމް އާއި އަފްސާނާއާ ދެކޮޅަށް ކޭސް ރަޖިސްޓްރީކޮށް ތަހުގީގު ފެށީ އެވެ.

މި ހާދިސާއާ ގުޅިގެން އެ ކުއްޖާގެ ބެލެނިވެރިންނާއި އެތަނަށް ކުދިން ފޮނުވާ އެހެން ބެލެނިވެރިން ވަނީ ރުޅިގަދަވެ، ތަނަށް ވެސް ކޮންމެވެސް ވަރަކަށް ގެއްލުން ދީފަ އެވެ.

އެ ސެންޓަރުގެ ދޮށަށް އެއްވި މީހުން ޝަކުވާކުރީ އެ މައްސަލަ ފުލުހުން ރަނގަޅަށް ނުބަލާ ކަމަށް ބުނެ އެވެ. ތަނަށް ގެއްލުން ދިނީ އެ ރުޅީގައި ކަމަށް ވެސް އެ މީހުން ބުނެ އެވެ.

މި ވީޑިއޯ ބެލި ގިނަ މީހުންގެ ހިޔާލަކީ އެހެން ބައެއްގެ އަތްމައްޗަށް ދަރިން ދޫކޮށްނުލާށެވެ. ނުވަތަ ދޫކުރަން ޖެހޭ މަޖުބޫރީ ހާލަތެއްގައި އުޅޭ ދެމަފިރިން އެކަން ކުރުމުގެ ކުރިން ދަަރިންނާ ހަވާލުވާ ބަޔަކީ ކޮން ކަހަލަ ބައެއްކަން ދެނެގަންނަން ޖެހޭނެ ކަމަށް އަނެއް ބަޔަކު ބުނެ އެވެ.

ޑޭ ކެއާ ސެންޓަރުތައް މިހާރަށް ވުރެ ބޮޑަށް މޮނިޓަކުރެވޭނެ އުސޫލުތަކެއް ހަމަޖައްސަން ޖެހޭ ކަމަށް ވެސް، އާންމުންގެ ގިނަ ބަޔަކު އެއްބަސްވެ އެވެ.