ފަގީރުކަން ނައްތާލުމަށް ނާޒުކު ހާލަތުގައި ތިބި މީހުންނަށް އެހީވާންޖެހޭ: ޝާހިދު
ފަގީރުކަން ނައްތާލުމަށް ނާޒުކު ހާލަތުގައި ތިބި މީހުންނަށް އެހީވާންޖެހޭ: ޝާހިދު

ދުނިޔެ އިން ފަގީރުކަން ނައްތާލުމަށް އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށް އެހީތެރިވާން ޖެހޭ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ ފާގިރުކަން ނައްތާލުމުގެ ދުވަހާ ގުޅިގެން ދެއްވި ވީޑިއޯ މެސެޖެއްގައި ޝާހިދު ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 1.3 ބިލިއަން ފަގީރުން އެބަ އުޅޭ ކަމަށާއި އޭގެ ތެރެއިން 100 މިލިއަން މީހުންނަކީ އެންމެ ނާޒުކު ހާލަތުގައި ތިބި ފަގީރުން ކަމަށެވެ.

ޝާހިދު ވިދާޅުވީ 2030 ގެ ކުރިން ދުނިޔެ އިން ފަގީރުކަން ނައްތާލުމަށް ހިފާފައިވާ އަމާޒަށް އޮތް ހުރަހަކީ ކޮވިޑް-19 އާއި މޫސުމީ ގޮތުން ދިމާވެދާނެ ދަތިތައް ކަމަށެވެ. އެކަމަކު އެތައް އަހަރެއްގެ މަސައްކަތުން ފަގީރުކަން ނައްތާލުމުގައި ލިބިފައިވާ ކާމިޔާބީ ފޮހެވިގެން ދިޔަ ނުދިނުމަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށާއި ކޮވިޑް-19ގެ ސަބަބުން ދިމާވި ހީނަރުކަމުން އަރައިގަތުމަށް ވެސް އެންމެން އެކީ މަސައްކަތް ކުރަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވި ގޮތުގައި ތައުލީމާއި ސައެންސް އަދި ވަޒީފާގެ ފުރުސަތުތަކާއި މީހުންގެ ގަދަރު ދެމެހެއްޓޭ ދާއިރާތަކުން ފުރުސަތުތައް ފަހިކޮށް، ފަގީރުކަން ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތް އިތުރުކުރަން ޖެހެ އެވެ.

ޝާހިދު ވިދާޅުވީ ފަގީރުކަން ނައްތާލުމަށް ގައުމުތަކުން ކޮވިޑްގެ ފަހުން ތަފާތު އިގްތިސާދީ ކަންކަމަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

މިފަދަ ދުވަހެއް ފާހަގަކުރަމުން އަންނައިރު ޝާހިދު ވިދާޅުވީ ގައުމުތަކުން ސާފު ފެހި އަދި ދެމެހެއްޓެނެވި ގޮތެއްގައި ދުނިޔެއަށް ދިމާވެފައިވާ ހީނަރުކަމާއި އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށް އެހީވާން ތެދުވާން ޖެހޭ ކަމަށެވެ.

ދުނިޔޭގެ އާބާދީގެ 9.2 ޕަސެންޓް ނުވަތަ 689 މިލިއަން މީހުންނަކީ ދުވާލަކު ދެ ޑޮލަރު ވެސް ނުލިބޭ ފަގީރުން ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.