17 އޮކްޓޯބަރ 2021 - 14:39

ވިލާ ކޮލެޖުގައި ރިޒަވޭޝަން އެންޑް ޓިކެޓިން ކިޔަވާ ދަރިވަރުންނަށް އައިލެންޑް އޭވިއޭޝަނުން ތަމްރީން ދޭން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ރެކްޓަ ޑރ. އަހުމަދު އަންވަރެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިޝަތު ޖެނިފާ އެވެ.
ޖެނިފާ ވިދާޅުވީ މިއީ އޭވިއޭޝަންގެ ދާއިރާތަކުން ކިޔަވާ ދަރިވަރުންގެ ހުނަރު އިތުރުކޮށް ޕްރޮފެޝަނަލް ތަމްރިނާއި އިލްމު އުނގެނުމުގެ މަގު ފަހިކުރުމަށް ސޮއި ކުރި އެއްބަސްވުމެއް ކަމަށެވެ. އެހެންވެ، އެ ކުންފުނިން ތަމްރީނާއި ތަޖުރިބާ ލިބޭ މަސައްކަތުގެ މާހައުލެއްގެ ތެރެއިން ދަރިވަރުންނަށް އެ ފުރުސަތު ދީ ބާރުވެރި ކުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އިންޓާންޝިޕްގެ ސަބަބުން މަސައްކަތުގެ މާހައުލަށް ލޯ ހުޅުވި، މަސައްކަތަށް އަހުލުވެރިވެރިވެ، މުސްތަގުބަލުގައި މި ދަރިވަރުން ވާނީ ގައުމީ އެއާލައިންގެ ވަޒީފާތަކަށް ފުރުސަތު ލިބިގެންދާނެ ދަރިވަރުންނަށް. އަދި ހަމަ މިއާ އެކު އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކަށްވީ އޭވިއޭޝަން ދާއިރާގެ އާއްމު ތަމްރީނުގެ އިތުރުން ޓެކްނިކަލް ތަމްރީނުގެ ފުރުސަތު ވެސް ފަހި ކޮށްދިނުން،" ޖެނިފާ ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަނުން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކިޔަވާ ދަރިވަރުންނަށް ތަމްރީން ހޯދައިދިނުމަށް އެކި އިންސްޓިޓިއުޝަންތަކާ އެކު މަސައްކަތް ކުރާނެ ކަމަށް ވެސް ޖެނިފާ ވިދާޅުވި އެވެ. މީގެ ސަބަބުން އިންސާނީ ވަސީލަތްތައް ގާއިމް ކުރެވި ކުންފުނީގެ އިޖުތިމާއީ ޒިންމާ ހާސިލްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.