17 އޮކްޓޯބަރ 2021 - 15:44

ދިވެހި ބަހުގެ ފޮތްތައް ކިޔުމަށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ފުރަތަމަ ފޮތް މައުރަޒު މިއަދު ހުޅުވައިފި އެވެ.
އެ ޔުނިވާސިޓީގެ ގޯތިތެރޭގައި އަންނަ ބުރަސްފަތި ދުވަހާ ހަމައަށް ކުރިއަށްގެންދާ ފޮތް މައުރަޒު ހުޅުވައިދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނެވެ.
ތަފާތު ނުވަ ފަރާތަކުން 1،300 އަށްވުރެ ގިނަ ވައްތަރުގެ ފޮތް ހުށަހަޅާފައިވާއިރު ސްޓޯލްތަކުން ފޮތް ގަތުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
އެމްއެންޔޫ އިން ބުނީ ފޮތް މައުރަޒުގައި ބައިވެރިކޮށްފައިވާނީ ދިވެހި ބަހުގެ އެކި ލިޔުންތަކާއި ދިވެހި ބަހަށް ތަރުޖަމާކޮށްފައިވާ އެކި ފޮތްތައް ކަމަށެވެ.
"ބޭނުމަކީ ދިވެހި ފޮތް ކިޔުމަށް ބާރުއަޅައި ދިވެހި ލިޔުންތެރިކަން ކުރިއެރުވުމަށް ހިތްވަރު ދިނުން،" އެ ޔުނިވާސިޓީން ބުންޏެވެ.
ފޮތް މައުރަޒު ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9-12 އަށް، މެންދުރުފަހު 2-6 އަށް އަދި ރޭގަނޑު 8-10 އަށެވެ. އެ ތަނުން، ހަވީރު 4-6 ހާއްސަކޮށްފައިވަނީ ކުޑަކުދިންނަށެވެ.