05 ޑިސެމްބަރ 2016 - 18:20

ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށި ހުރި ބިމުގައި ޓާޓާ ހައުސިން އިން އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުން ހައުސިން ލޯނު ނަގަން ދައްކަން ޖެހޭ ޑައުންޕޭމަންޓް ކުޑަކޮށްދޭން ގޮވާލައި ހިމޭން މުޒާހަރާއެއް މިއަދު ފަށައިފި އެވެ.

އެ ފްލެޓްތަކަށް ފައިސާ ދެއްކުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެދި ގޮވާލައި ހިމެނޭ މުޒާރަހާ އަށް ނުކުތް މީހުން އެއްވީ ގާކޮށީގެ ކުރިމައްޗަށް ވާ ގޮތަށް، އިމާދުއްދީން ސްކޫލާ ވީ ފަޅި އަށެވެ. އަދި އެ މީހުން އެ ތަނުގައި ތިއްބާ، މާ ގިނައިރެއް ނުވަނީސް ފުލުހުން ވަނީ އެއްވި މީހުން ފޮނުވާލައިފަ އެވެ.
"ފުލުހުން އައިސް އެންމެ ފުރަތަމަ އެ ތަނުގެ ކައިރި އަށް ދިޔަ ނުދީ ހުއްޓުވީ. އޭގެ ފަހުން އެއްވެފައި ތިބި މީހުން ފޮނުވާލަން ފެށީ. މިހާރު ވަރަށް މަދު ބަޔަކު އެ ތަނުގައި ތިބީ،" އެތަނުގައި ހުރި މީހަކު ބުންޏެވެ.
އެ ތަނަށް ދިޔަ މީހަކު ބުނީ އެ މީހުންގެ އެންމެ ބޮޑު މައްސަލައަކީ ވެށިފަހި މާލޭގެ ބީ ކެޓަރީން ހުޅުމާލެ އިން ފްލެޓް ލިބުނު މީހުންނާއި މާލެ އިން ފްލެޓް ލިބުނު މީހުންނާ މެދު ފައިސާ ދެއްކުމުގައި ތަފާތުތަކެއް ގެންގުޅުން ކަމަށެވެ.
"އަޅުގަނޑުމެންނަށް އެޗްޑީސީން ފޮނުވި ސިޓީގައި އޮތް ގޮތުން ލޯނު ހޯދަން ބޭންކުތަކަށް ދާން ޖެހެނީ. އަދި އެއްކޮށް ދެއްކޭނެ މީހުން ވެސް އަންގަން އެދިފައި އޮތް. އަޅުގަނޑުމެން މިބުނާ ވާހަކައަކީ ބީ ކެޓަގަރީ ހުޅުމާލެެ އިން ފްލެޓް ލިބުނު މީހުން ދައްކާ ގޮތަށް، ފައިސާ ދެއްކޭނެ އުސޫލެއް ހަމަޖައްސައިދޭށޭ. އެއް ބަޔަކަށް ދެ ގޮތަކަށް ހަދާތީ މައްސަލަ އަކީ،" އެ މީހާ ބުންޏެވެ.
އޭނާ ބުނީ ބީ ކެޓަގަރީން ހުޅުމާލެ އިން ފްލެޓް ލިބުނު މީހުންނަށް ސަރުކާރުން ހެދީ ތަފާތު ގޮތެއް ކަމަށެވެ. އެ ގޮތުން، ހުޅުމާލޭގެ ތިން ކޮޓަރީގެ ފްލެޓަކަށް މަހަކު 7،000ރ. ދައްކަން ޖެހޭ އިރު، މާލޭގެ ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް ދައްކަން ޖެހޭ މިންވަރު އެތައް ގުނައެއް ބޮޑުކަން އެ މީހާ ފާހަގަކުރި އެވެ.
"އަޅުގަނޑުމެންނަށް ކިހިނެތްތޯ ހަތަރު ލައްކަ ރުފިޔާ ޑައުންޕޭމަންޓަށް ދައްކާފައި ބޭންކުން ދެ މިލިއަން ރުފިޔާގެ ލޯނެއް ހޯދޭނީ. އެވަރުގެ މާލީ ތަނަވަސްކަމެއް އަޅުގަނޑުމެންގެ ނެތް. އެޗްޑީސީގެ ސިޓީގައިވާ ގޮތުން އެ ފައިސާ ނުލިބޭ ނަމަ ފްލެޓެއް ހަވާލެއް ނުކުރާނެ. އެކަމަކު އެ މީހުންނަށް އެ ގޮތަށް ފްލެޓްގެ ތަޅުދަނޑި ނުދީ ނުހިފެހެއްޓޭނެ،" އޭނާ ބުންޏެވެ.